މުނާސަބު ވަގުތެއްގައި މެޑަމް ފަޒްނާގެ މި ވާހަކަ: އެކުވެރިއެއްގެ ހަދިޔާ، އުނދަގޫ ވަގުތު ދުޢާއާ ކެތްތެރިކަމުން ހަމަޖެހުން ހޯދޭ

ފުރައްސާރައާ ހައްގު ނޫން ނުބައި ބަސްތަކާއި އެފަދަ އަމަލުތަކާއި ކުރިމަތިވާ ވަގުތު ކެތްތެރިކަން އިސްކޮށް ދުޢާ ކުރުމުން އެކަންކަމުން ސަލާމަތްވެ ހަމަޖެހުން ހޯދުމަށް އެހީތެރިވެދޭ ކަމަށް ވިދާޅުވެ ކުރީގެ ފަސްޓް ލޭޑީ މެޑަމް ފަޒްނާ އަހްމަދު އިބްރަތްތެރި ޕޯސްޓެއް ހިއްސާ ކުރައްވައިފި އެވެ.
އެކަމަނާގެ މިފަދަ ޕޯސްޓެއް މި އައީ ވަރަށް މުނާސަބު ވަގުތެއްގަ އެވެ. މި ދަނޑިވަޅަކީ ރައީސް މުއިއްޒާއި މެޑަމް ސާޖިދާގެ ދޮށީ ފިރިހެން ދަރިކަލުންނާއި ގުޅޭގޮތުން އެމްޑީޕީގެ އެކްޓިވިސްޓަކު ދޮގު ވާހަކަތަކެއް ފަތުރާ އެ ދަރިކަލުންގެ ކަރާމާތަށް އަރައިގަތުމުގެ ކަންބޮޑުވުން އޮތް ވަގުތެކެވެ.
މެޑަމް ފަޒްނާ ކުރެއްވި ޕޯސްޓް ގައި އެކަމަނާގެ ދެ ފޮޓޯއެއްވެސް ހިމަނުއްވާފައިވެ އެވެ. އެ ދެ ފޮޓޯގައި ވެސް އެކަމަނާގެ ކަރުގައި ރީތި ފަށެއް އޮވެ އެވެ. ވިދާޅުވީ އެއީ ވަރަށް ހެޔޮ އެދޭ ރަހްމަތްތެރިއެއްގެ ފަރާތުން ލިބިވަޑައިގެން އެހާމެ ރީތި, އަދި ފުން މާނައެއް އެކުލެވޭ ހަދިޔާއެއް ކަމަށެވެ.
Advertisement
ފަށުގައި އަރަބި ބަހުން ލިޔެފައި ވަނީ "ޞަބްރު" މިހެންނެވެ. މާނައަކީ ކެތްތެރިކަމެވެ. ނުވަތަ ކެތްތެރިވުމެވެ.
އެ ހަދިޔާ ދިނުމަށް ފަހު "މިއީ ވަރަށް ބޭނުންވެދާނެ ފަދަ ހަދިޔާއެއް ކަމަށް ހީކުރާ" ކަމަށް ރަހްމަތްތެރިޔާ ބުނެފައިވާ ކަމަށް ވެސް އެކަމަނާ ލިޔުއްވާފައިވެ އެވެ. މެޑަމް ފަޒްނާ ވިދާޅުވީ ފުރައްސާރައާ ހައްގު ނޫން ނުބައި ބަސްތަކާއި އެފަދަ އަމަލުތަކާއި ކުރިމަތިވާ ވަގުތު ކެތްތެރިވެ މަޑުމައިތިރިކަން އިސްކުރުމަށް އެ ހަދިޔާ ހަަނދާން ކޮށްދޭ ކަމަށެވެ.
އަދި ވިދާޅުވީ އެފަދަ ހުރިހާ ވަގުތެއްގައި ދުޢާ ކުރުމާއި ކެތްތެރިކަން އެކަމަނާގެ ސަލާމަތަށް ވެގެންދާ ކަމަށެވެ. އެ ކަންކަމުން ހިތްހަމަޖެހުން ހޯދަން އެހީތެރިވެދޭ ކަމަށް ވެސް ވިދާޅުވި އެވެ.
ދެން ހިއްސާ ކުރެއްވި ސޫރަތުލް ބަޤަރާގެ 153 ވަނަ އާޔަތެވެ. އެއީ ކެތްތެރިކަމާއި ދުޢާ އަކީ މުސްލިމުންގެ އެންމެ ވަރުގަދަ އެކުވެރިޔާ އަދި ހަތިޔާރުކަން ބަޔާންކޮށްދޭ އާޔަތެއްކަން ފާހަގަ ކުރެއްވި އެވެ. އަދި އެ އާޔަތަކީ ކެތްތެރިންނާ އެކު އަބަދުވެސް الله ވޮޑިގެންވާކަން ހަނދާންކޮށްދޭ ވަރުގަދަ އާޔަތެއް ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ