އެއާ އެމްބިއުލާންސްގައި ބަލިމީހުން އުފުލަން އާސަންދައިން 114.11 މިލިއަން ރުފިޔާ ޚަރަދުކުރި

އާސަންދައިގެ ދަށުން ބަލި މީހުން, އެއާ އެމްބިއުލާންސްގައި އުފުލުމުގެ ޚިދުމަތް ފޯރުކޮށްދޭން ފެށި ފަހުން މިހާތަނަށް 114.11 މިލިއަން ރުފިޔާގެ އެހީތެރިކަން ދެވިފައިވާ ކަމަށް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން ބުނެފިއެވެ. އާސަންދަ މެދުވެރިކޮށް އެއާ އެމްބިއުލާންސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސޮއިކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހެވެ. އަދި އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށީ އޭގެ އެއް ދުވަސް ފަހުން މިދިޔަ އަހަރުގެ މާޗު މަހުގެ ފުރަތަމަ ދުވަހެވެ. އެއާ އެމްބިއުލާންސް: އާސަންދައިން ބަލިމީހުން އުފުލަން 110 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރި -- އެންސްޕާއިން ބުނީ، އާސަންދައިގެ ދަށުން އެއާ އެމްބިއުލާންސްގެ ޚިދުމަތް ފަށައި، މިދިޔަ އަހަރު 29.01 މިލިއަން ރުފިޔާގެ އެހީތެރިކަން ބަލިމީހުންނަށް ދީފައިވާ ކަމަށާއި، މިއަހަރުގެ މިހާތަނަށް 85.1 މިލިއަން ރުފިޔާގެ އެހީތެރިކަން ދީފައިވާ ކަމަށެވެ. އެހެންކަމުން އެއާ އެމްބިއުލާންސްގައި ބަލިމީހުން އުފުލުމަށްޓަކައި 114.11 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް، އެންސްޕާއިން މިއަދު އާންމުކުރި ތަފާސްހިސާބުގައިވެއެވެ. https://x.com/NSPAmaldives/status/1992120458196726177 މޯލްޑިވިއަނުން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން މިދިޔަ އޮކްޓޯބަރު މަހުގެ ނިޔަލަށް 1،800 ބަލިމީހަކު އުފުލާފައިވެއެވެ. އެ މުއްދަތުގައި 1،562 ދަތުރުކުރިކަމަށްވެސް އެ ތަފާސްހިސާބުން ދައްކައެވެ. ކުއްލި ފަރުވާ ދިނުމަށް ތަމްރީން ލިބިފައިވާ މީހުންނާއެކު ފެށި އެއާ އެންބިއުލާންސްގެ ޚިދުމަތަކީ 24 ގަޑިއިރުގެ ޚިދުމަތެކެވެ. އެ ޚިދުމަތަށް، ސީ އެމްބިއުލާންސްގެ ޚިދުމަތް ވެސް ވަނީ ތައާރަފުކޮށްފައެވެ. އެއާ އެމްބިއުލާންސް: މިހާތަނަށް 1500އަށް ވުރެ ގިނަ ފްލައިޓުގައި 1800 ބަލިމީހުން އުފުލި އެއާ އެމްބިއުލާންސްގެ ޚިދުމަތަކީ ހެލްތު މިނިސްޓްރީއާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އާއި އާސަންދަ ގުޅިގެން ދޭ ޚިދުމަތެކެވެ. މީގެ ކުރިން ކުއްލި ފަރުވާގައި ބަލިމީހުން އުފުލައި އުޅުނީ ގައުމީ އެއާލައިން މޯލްޑިވިއަނުންނާއި ގައުމީ ދިފާއީ ބާރު އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބޭނުންކޮށްގެންނެވެ. އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފުކޮށް، އެ ޚިދުމަތް ފުޅާކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ