ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށް، އެ ޓީމު ބަލިނުވެ، ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް ގެނެސް އޮޑި ސްޕޯޓްސް ކްލަބުން ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ ދެ ވަނަ ހާފުގައި އޮޑި އަށް ޖަހައިދިނީ މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންގެ ގޮތުގައި އައި އޮޑިން ފުރަތަމަ ޑިވިޝަނުގައި އަލަށް މި ކުޅޭ ސީޒަނުގައި، މިއީ އެ ޓީމުން ނެރުނު ފުރިހަމަ ނަތީޖާ އެކެވެ.
މި މޮޅާ އެކު، އޮޑިން ލީގުގެ ދެ ވަނަ އަށް ޖެހިލީ، އަށް މެޗުން 19 ޕޮއިންޓާ އެކު އެވެ. ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަކީ މި ވަގުތު ލީގުގައި ބަލިނުވެ، އޮތް ހަމައެކަނި ޓީމެވެ. އެ ޓީމުން އެއް ވަނައިގައި އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، 24 ޕޮއިންޓާ އެކު އެވެ. ނިއު، ފުރަތަމަ ފަހަރަށް ފުރަތަަމަ ޑިވިޝަނަށް އެނބުރި އައިސް ބަލިވިއިރު، އެ ޓީމު ލީގުގެ ތިން ވަނައިގައި އޮތީ އަށް މެޗުން 17 ޕޮއިންޓް ހޯދައިގެންނެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗަށް ނިއު އިން ނުކުތީ އެ ޓީމުގެ ގޯލްކީޕަރު، ޕާކިސްތާންގެ ހަނީފް ސާގިބަށް އަނިޔާވެގެން ގެނައި ސްރީ ލަންކާގެ ކީޕަރު، ކަވީޝް ލަކްޕްރިއާ ފެނާންޑޯ އެވެ.
ފުރަތަަމަ ހާފުގައި ދެ ޓީމުން ވެސް އެޓޭކަށް ޖެހި ކުރިއަށް ގިނަ ބޯޅަތަކެއް ކުޅެގެން ލަނޑެއް ޖެހޭތޯ ބެލި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 66 ވަނަ މިނިޓްގައި، އޮޑި އަށް ޖަހައިދިނީ އިއްބެ އެވެ. މިއީ، އޮޑީގެ އަހުޒަމް ރަޝީދު (އަހު) ނަގައިދިން ހުރަހަކުން އިއްބެ ބޮލުން ފޮނުވާލި ބޯޅަ ހުއްޓުވަން އުޅުމުގެ ތެރޭގައި ނިއުގެ ކީޕަރު ކަވީޝް އަތުގައ ޖެހިފައި ވަން ގޯލެކެވެ.
ނިއު އިން ލަނޑެއް ޖެހޭތޯ ކުރިއަށް ޖެހިގެން ކުޅެ އެޓޭކްތަކެއް ކުރި ނަމަވެސް، އޮޑީގެ ޑިފެންޑަރުންނާއި ކީޕަރު، މުހައްމަދު ޝަފީއު (ޗެކް) ވަނީ ރަނގަޅު ކުޅުމެއް ދައްކައި، އޮޑި އަށް މި މޮޅު ހޯދައިދޭން މުހިންމު މަސައްކަތްތަކެއް ކޮށްފަ އެެވެ. އަދި، ކީޕަރު ޝަފީއު ވަނީ ފުރަތަމަ ހާފުގައި ވެސް ނިއުގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ފޮނުވާލި ރަނގަޅު ހަމަލާއެއް ހުއްޓުވައިފަ އެވެ.
ލީގުގައި ދެން އެންމެ އަވަހަށް ނިއު އަށް އޮތީ އަންނަ ހުކުރު ދުވަހު މާޒިޔާއާ ކުޅޭ މެޗެވެ. އެއީ، ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމުގެ ފަހު މެޗެވެ. ނިއު އިން މިރޭ އޮޑިއާ ކުޅުމުގެ ކުރިން އެންމެ ފަހުން ލީގުގައި ކުޅުނު މެޗުގައި ކްލަބް ގްރީން ސްޓްރީޓްސްއާ ވަނީ އެއްވަރުވެފަ އެވެ.
ލީގުގައި މާދަމާ ހަވީރު ކްލަބް އީގަލްސް އިން ކުޅޭނީ ކްލަބް ވެލެންސިއާއާ އެވެ. އަދި، މާދަމާރޭ ޓީސީ ސްޕޯޓްސް ކްލަބާއި ގްރީން ސްޓްރީޓްސް ބައްދަލުކުރާނެ އެވެ.
އިއްބެގެ ގޯލުން ނިއުގެ ރެކޯޑް ނިމުމަކަށް ގެނެސް އޮޑި ދެ ވަނަ އަށް އިއްބެގެ ގޯލުން ނިއުގެ ރެކޯޑް ނިމުމަކަށް ގެނެސް އޮޑި ދެ ވަނަ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ