ފުލުހަކު ކުޑަކުއްޖަކަށް އަނިޔާވާ ފަދަ އަމަލެއްކޮށް، ބިރުދައްކާފައިވާ މައްސަލައެއް ބަލަނީ
ދެކުނަށް ނިސްބަތްވާ ރަށެއްގެ ފުޓްސަލް ދަނޑުގައި ކުޅެން އުޅުނު ކުޑަކުއްޖަކަށް ފުލުހަކު ބިރުދައްކައި، ޖިސްމާނީ އަނިޔާ ވެދާނެ ފަދަ އަމަލެއް ކުރިކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން މިރޭ ބުނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ދެކުނަށް ނިސްބަތްވާ ރަށެއްގެ ފުޓްސަލް ދަނޑުގައި ކުޅެން އުޅުނު ކުދިންތަކެއްގެ މެދުގައި ޖެހުނު ހަމަނުޖެހުމަކާ ގުޅިގެން، އެތަނުން ކުއްޖެއްގެ އާއިލީ މަސްލަހަތު އޮންނަ ފުލުހަކު، އެހެން ކުއްޖަކަށް ޖިސްމާނީ އަނިޔާ ވެދާނެ އަމަލެއްކޮށް ބިރުދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިއަދު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން ބުނީ މި މައްސަލައިގެ ޖިނާއީ ބައި، ފުލުހުން ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި ފުލުހެއްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކަށް ވުމާއެކު، އިދާރީ މައްސަލަ ފުލުހުންގެ 'ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން' ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައަކީ ކުޑަކުދިންގެ މަސްލަހަތު ހިމެނޭ ކަމަކަށްވުމުން އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިފަހުން ކުޑަކުދިންނަށް އަނިޔާކުރާ އެކިއެކި މައްސަލަތައް ވަނީ ފެންމަތިވެފައެވެ. އޭގެތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ރާއްޖޭގައި ވަރަށް އާންމެވެ. ނަމަވެސް އެފަދަ ކުށްތައް ރިޕޯޓުކުރުން އަދި ވެސް ވަރަށް މަދެވެ. ހަމައެހެންމެ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ މެޓީރިއަލް ދެކުނު އޭޝިއާއިން އެންމެ ފަސޭހައިން ލިބެން ހުންނަ ގައުމަކީ ރާއްޖެ ކަމަށް ދިރާސާއަކުން ވަނީ ދައްކާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ