ލިވަޕޫލް (ނޮވެމްބަރު 22) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބާންލީ އަތުން ރަށުންބޭރުގައި 2-0 އިން މޮޅުވެ، ޗެލްސީން ލީގުގެ ދެ ވަނަ އަށް ޖެހިލިއިރު، އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް އަތުން 3-0 އިން ބަލިވެ، ލިވަޕޫލް ލީގު ތާވަލުގައި ފަހަތަށް ސޮއްސާލައިފި އެވެ.
އެއް ވަނައިގައި އޮތް އާސެނަލަށް 11 މެޗުން 26 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ޗެލްސީ އަށް ވަނީ 12 މެޗުން 23 ޕޮއިންޓް ލިބިފަ އެވެ. އަދި، އެންމެ ފަހުގެ ޗެމްޕިއަން، ލިވަޕޫލް، ލީގުގައި 12 މެޗުގެ ތެރެއިން ހަ ވަނަ މެޗުން ބަލިވެ، ވަނީ 11 ވަނަ އަށް ވެއްޓިފަ އެވެ. އެއީ، 18 ޕޮއިންޓާ އެކު އެވެ.
ބާންލީ ދަނޑުގައި ޗެލްސީން ލީޑުނެގީ 37 ވަނަ މިނިޓްގައި ޕެޑްރޯ ނެޓޯ ޖެހި ގޯލުންނެވެ. މިއީ، ޗެލްސީގެ ޖޭމީ ގިޓެންސް ދިން ބޯޅައަކުން ނެޓޯ ޖެހި ގޯލެކެވެ. ޗެލްސީން މެޗުގެ ތިން ޕޮއިންޓް ޔަގީންކުރީ 88 ވަނަ މިނިޓްގައި އެންޒޯ ފެނާންޑޭޒް ޖެހި ލަނޑަކުންނެވެ. މިއީ، ބަދަލަކަށް ކުޅެން އެރި މާކް ގީއޫ ދިން ބޯޅައަކުން ފެނާންޑޭޒް ޖެހި ލަނޑެކެވެ.
ޗެލްސީގެ އެންޒޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
އަމިއްލަ ދަނޑުގައި ކުޅުނު ލިވަޕޫލުން މެޗު ފަށައިގެން އެޓޭކް ކުރަމުން ދަނިކޮށް، ފޮރެސްޓަށް ލިބުނު ފުރަތަމަ ކޯނަރުން ތަނަވަސްކުރި ފުރުސަތުން އެ ޓީމުން ވަނީ ލަނޑު ޖަހައިފަ އެވެ. މިއީ، މެޗުގެ 33 ވަނަ މިނިޓްގައި ޑިފެންޑަރު މުރީލޯ ޖެހި ގޯލެކެވެ. އޭގެ އިރުކޮޅެއް ފަހުން، ފޮރެސްޓްގެ އީގޯ ޖީސޫސް ވަނީ ލަނޑެއް ޖަހައިފަ އެވެ. އެކަމަކު، އޭނާ އެ ބޯޅަ ގޯލަށް ފޮނުވާލީ އަތުން ކޮންޓްރޯލް ކޮށްފައި ކަމަށް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމުމުން އެ ގޯލު ބަަލައިނުގަތެެވެ.
ދެ ވަނަ ހާފު ފެށިގެން ފުރަތަމަ މިނިޓްގައި، ފޮރެސްޓުން ދެ ވަނަ ލަނޑު ޖަހައި ލީޑުފުޅާކުރި އެވެ. މިއީ، ޕެލަސްގެ ކަނާތު ފުލްބެކް، ނިކޯ ވިލިއަމްސް ނަގައިދިން ބޯޅައަކަށް އެ ޓީމުގެ އަނެއް ފުލްބެކް، ނިކޯލާ ސަވޯނާ އަރައި ޖެހި ގޯލެކެވެ.
ލިވަޕޫލުން ލަނޑެއް ޖެހޭތޯ އެޓޭކްކުރި ނަމަވެސް، ފޮރެސްޓުން ވަނީ މި މެޗުގައި ރަނގަޅަށް ޑިފެންސްކޮށް، އެކަން ކާމިޔާބުވިޔަ ނުދީފަ އެވެ. ނަތީޖާ އަކަށްވީ މެޗުގެ ފަހުކޮޅުގައި ލިބުނު ފުރުސަތަކުން ފޮރެސްޓުން ތިން ވަނަ ލަނޑު ޖަހައި، ތިން ޕޮއިންޓް ޔަގީންކުރުމެވެ. އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ، އޭރިއާތެރެއިން ރީބައުންސަކުން ތަނަވަސްވި ފުރުސަތެއްގައި 78 ވަނަ މިނިޓްގައި މޯގަން ގިބްސް-ވައިޓް އެވެ. ފޮރެސްޓުން މި ވަނީ ޖެހިޖެހިގެން ދެ ސީޒަނުގައި ލިވަޕޫލް ދަނޑުގައި މޮޅުވެފަ އެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން ލިވަޕޫލް މި ވަނީ ބަލިވެފަ އެވެ. އެ ޓީމުގެ ކޯޗު، އާނާ ސްލޮޓަށް އޮތް ޕްރެޝަރު ދަނީ ބޮޑުވަމުންނެވެ.
ލީގުގައި މިރޭ ބްރައިޓަން އިން ފަހަތުން އަރައި 2-1 އިން ބްރެންޓްފޯޑް ބަލިކުރިއިރު، ވެސްޓް ހޭމް ޔުނައިޓެޑުން ލީޑެއް ނަގާފައި އޮއްވައި، ބޯންމައުތުން ފަހަތުން އަރައި އެއްވަރުކުރި އެވެ. ފުލަމް އިން އަމިއްލަ ދަނޑުގައި 1-0 އިން ސަންޑަލެންޑް ބަލިކުރިއިރު، ވުލްވްސް ދަނޑުގައި ކްރިސްޓަލް ޕެލަސް މޮޅުވީ 2-0 އިންނެވެ.
ޗެލްސީ ދެ ވަނަ އަށް، ފޮރެސްޓް އަތުން ބަލިވެ ލިވަޕޫލް ސޮއްސާލައިފި ޗެލްސީ ދެ ވަނަ އަށް، ފޮރެސްޓް އަތުން ބަލިވެ ލިވަޕޫލް ސޮއްސާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ