ބަންކަރިންނާއެކު އުފެދުނު ވަޒީފާތަކުގެ ތަފުސީލެއް ސައީދަކަށް ނޭނގޭ!

ރާއްޖޭގެ އެންމެ އުތުރުން، އިހަވަންދިއްޕޮޅުގައި ފެށި ބަންކަރިންގެ ހިދުމަތުގެ ސަބަބުން އުފެދުނު ވަޒީފާތަކުގެ ތަފުސީލު އެނގިވަޑައިނުގަންނަވާ ކަމަށް އިކޮނޮމިކް މިިނިސްޓަރު، މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.ބަންކަރިންގެ ހިދުމަތް ފެށިއިރު، އެންމެ ފުރަތަމަ ހިދުމަތް ދީފައި ވަނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން އޮޕަރޭޓު ކުރާ ވައިސީ ބެރިއާ އަށެވެ. އެ ބޯޓު މީގެ ކުރިން ބަންކަރިންގެ ހިދުމަތް ހޯދަމުން ދިޔައީ ކޮލަމްބޯއިންނެވެ. 1100 ކޮންޓޭނަރު އުފުލުމުގެ ގާބިލުކަން ހުންނަ އެ ބޯޓުން މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ ބޭނުން ކުރާ ކަމަށް އެސްޓީއޯއިން ބުންޏެވެ.ރާއްޖޭގައި ފްލޯޓިން ބަންކަރިންގެ ހިދުމަތް ދޭން ފެށީ 3258 ޓަނުގެ އެމްޓީ އޭންޖަލް އާއި 3939 ޓަނުގެ އެމްޓީ މެރިން ބެލާ ބޭނުން ކޮށްގެންނެވެ.އެ ދެ ބޯޓަކީ ބަންކަރިން ހިދުމަތް ދިނުމަށް ހާއްސަކޮށް ފަރުމާކޮށް ބަނދެފައިވާ ދެ ބޯޓު ކަމަށް އެސްޓީއޯއިން ބުންޏެވެ. އެ ކުންފުނިން ބުނީ އެ ދެ ބޯޓު ވެސް ބެއާ ބޯޓު ޗާޓާ ކޮންސެޕްޓުގެ ތެރެއިން އެއްކޮށް މިލްކުވާނެ ކަމަށެވެ.މުއިއްޒު ސަރުކާރުން ފެށި ބަންކަރިންގެ ހިދުމަތުގެ ތެރެއިން، ބޯޓުފަހަރަށް ތެޔޮ އަޅައިދިނުމުގެ އިތުރުން، ފަޅުވެރިން ބަދަލު ކުރުމުގެ ހިދުމަތާއި ބޯޓުފަހަރަށް ބޭނުންވާ ސްޕެއާ ފަދަ ސާމާނު ފޯރުކޮށްދިނުމާއި މަރާމާތު ކޮށްދިނުމުގެ އިތުރުން ސާފު ބޯފެން ވެސް ފޯރުކޮށްދޭނެ އެވެ.ބަންކަރިންގެ ހިދުމަތް ރާއްޖޭގައި ދޭނީ ސިންގަޕޫރާއި ޔޫއޭއީގެ އިތުރުން މޮރިޝަސްގައި ވެސް ބަންކަރިންގެ ހިދުމަތް ދެމުންދާ ވިޓޯލް އާއި އެސްޓީއޯ ގުޅިގެންނެވެ. އެގޮތުން ބަންކަރުތަކަށް ތެޔޮ ފޯރުކޮށްދިނުމާއި ބަންކަރިން ހަބު އިޝްތިހާރުކުރުމަކީ ވިޓޯލްއާ ހަވާލުކުރެވިފައިވާ މަސައްކަތެކެވެ.ސަރުކާރުގެ އަމާޒަކީ މި ހިދުމަތް ފުޅާކޮށް އިތުރު ހިދުމަތްތައް މި ސަރަހައްދުގައި ގާއިމްކުރުމާއިއެކު ރާއްޖޭގެ އިގްތިސޯދަށް ގިނަގުނަ މަންފާކޮށް އިހަވަންދިއްޕޮޅު އޮންނަ ސަރަހައްދުގައި ވަޒީފާގެ ގިނަ ފުރުސަރު ތަކެއް ތައާރަފް ކުރުމެވެ.  ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުވެވަޑައިގެން ކަނޑިތީމު ދާއިރާގެ މެންބަރު، އަމީން ފައިސަލް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ ބަންކަރިން ހިދުމަތުގެ ސިޔާސަތު ސަރުކާރުން ކަނޑައެޅުމަށްފަހު އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އެސްޓީއޯއާ ކަމަށެވެ. އެހެންކަމުން އެ ހުރިހާ ކަމެއްގެ ތަފުސީލު އެސްޓީއޯގައި ހުންނާނެ ކަމަށް ސައީދު ވިދާޅުވި އެވެ."ދެން މިއާ ގުޅިގެން 14 ކަމެއް މެރިޓައިމް ދާއިރާއަށް އަންނާނެޔޭ ނުވަތަ އައިސްފިތޯ އެ ސުވާލުތަކާއި އަދި އޭގެ ސަބަބުން އުފެދުނީ ކިތައް ވަޒީފާކަމާއި އޭގެ ސަބަބުން ކިތައް ބޯޓު އައިސްފިކަމާއި މި ހުރިހާ އެއްޗެއް، އަޅުގަނޑު ވާހަކަ ފަށަމުން ވެސް މި ދެންނެވީ މި ހިދުމަތް ދިނުމަށް އެސްޓީއޯއަށޭ އެއޮތީ ހަވާލުކޮށްފައި، އެ ބޭފުޅުން އަތްޕުުޅުގައި ހުންނާނެ ތި ހުރިހާ ތަފުސީލެއް،" ސައީދު ވިދާޅުވި އެވެ.އަމީން ފައިސަލް ސުވާލު ކުރެއްވީ ބަންކަރިން ހިދުމަތާއެކު ފަށަން ނިންމި 14 ހިދުމަތް ފެށިފައި ވޭތޯ އާއި ބަންކަރިން ހިދުމަތުގެ ސަބަބުން މިހައިތަނަށް އުފެދުނީ ކިތައް ވަޒީފާތޯ އެވެ. އޭގެއިތުން ފާއިތުވި އެއް އަހަރު ތެރޭގައި ކިތައް ބޯޓު ބަންކަރިންގެ ހިދުމަތް ރާއްޖެއިން ހޯދިތޯ ވެސް އޭނާ ސުވާލު ކުރެއްވި އެވެ.އަހަރަކު 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ބުނެ ފެށި ބަންކަރިންގެ ހިދުމަތުން އިއްޔެއާ ހަމައަށް ލިބުނީ 192،149،939ރ. ގެ އާމްދަނީއެއް ކަމަށް ސައީދު ވިދާޅުވި އެވެ. އެއީ ބޭންކު ރޭޓުން ބަލާނަމަ 12.46 މިލިއަން ޑޮލަރެވެ.އޭގެއިތުރުން އެ މުއްދަތުގެ ތެރޭގައި ޓެކުހުގެ ގޮތުގައި އެ ހިދުމަތުން 17 މިލިއަން ރުފިޔާ ލިބުނު ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. އެއީ ބޭންކު ރޭޓުން ބަލާނަމަ 1.1 މިލިއަން ޑޮލަރެވެ.ބަންކަރިންގެ ހިދުމަތާއެކު ވަރަށް ބައިވަރު ހިދުމަތްތައް ފަށާނެ ކަމަށް މީގެ ކުރިން ސަރުކާރުން ބުނެފައިވެ އެވެ. އޭގެތެރޭގައި ޝިޕް ޓު ޝިޕް ސާވިސް އާއި ކްރޫ ޗޭންޖު ހިދުމަތުގެ އިތުރުން ވޯޓާ ބަންކަރިން އާއި މެއިންޓެނެންސް ހިދުމަތް އަދި ބޯޓުފަހަރަށް ޕްރޮވިޝަންސް ސަޕްލައި ކޮށްދިނުން ހިމެނެ އެވެ.ހޯރަފުށި ސަރަހައްދުގައި ބަންކަރިން ފެށިގެން ވަޒީފާ ލިބުމަށް ހައްލެއް އަންނާނެ ކަމަށް ބުނި ނަމަވެސް ވަޒީފާ އެއް އަދި ލިބުނު މީހަކުނެތެވެ. "ފެން" ބަންކަރިން އަށް ހެދި ބާޖު ފަދައިން ހޯރަފުށީ ދާއިރާގައި އިގްތިސޯދީ ހަރަކާތްތައް ހުއްޓި، ވަޒީފާގެ ފުރުސަތު ވެސް އޮތީ "ފެން" ވެފަ އެވެ. ފެންނަން އޮތީ މި ފޮޓޯގަނޑެވެ. މިނިސްޓަރު ސައީދު ދުރުގައި އެހުންނެވީ އަތްޖައްސަވާށެވެ. ނަމަވެސް ޖައްސަވާ ހިސާބެއް ދިމަލެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ