ލެވީ 25 އަހަރަށް ފަހު ޓޮޓެންހަމް ދޫކޮށްލީ ސަޕޯޓަރުންގެ ޕްރެޝަރާ ހެދި ލެވީ 25 އަހަރަށް ފަހު ޓޮޓެންހަމް ދޫކޮށްލީ ސަޕޯޓަރުންގެ ޕްރެޝަރާ ހެދި

ލަންޑަން (ސެޕްޓެމްބަރު 8) - ޓޮޓެންހަމް ހޮޓްސްޕާސްގެ ޗެއާމަނަކަށް ހުންނެވި ޑެނިއަލް ލެވީ، 25 އަހަރަށް ފަހު އެ ޓީމު ދޫކޮށްލަން ނިންމީ ސަޕޯޓަރުންގެ ޕްރެޝަރާ ހެދި ކަމަށް އެ ކްލަބާ ހަވާލާދީ އޮފިޝަލަކު ބުނެފި އެވެ.
ޓޮޓެންހަމްގެ ޗެއާމަން، ލެވީ، މަގާމާ ހަވާލުވީ 2021 ވަނަ އަހަރުގެ މާޗް މަހު އެވެ. މިދިޔަ މެއި މަހު ޓޮޓެންހަމް އިން ވަނީ މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައި، 17 އަަހަރު ތެރޭ ފުރަތަމަ ތަށި އުފުލާލައިފަ އެވެ.
ލެވީ، 63 އަކީ ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް އެއް ކްލަބެއްގައި އެންމެ ގިނަ ދުވަސްވަންދެން ހުރި ޗެއާމަން އެވެ. އެ ގޮތުން ޓޮޓެންހަމްގެ މަގާމުގައި ހުރެ ވީ މުއްދަތުގައި، ލެވީގެ އާމްދަނީ، 70 މިލިއަން ޑޮލަރާ ގާތްކުރެ އެވެ.
ނޯޓިސް މުއްދަތެއް ވެސް ނުދީ ވަގުތުން ވަގުތަށް ޓޮޓެންހަމްގެ ޗެއާމަންގެ މަގާމުން ލެވީ ދުރުވާން ނިންމީ، އެ ކްލަބްގެ ސަޕޯޓަރުން ކެނޑިނޭޅި އޭނާއާ ދެކޮޅަށް ޝުއޫރުފާޅުުކުރަމުންދާތީ ކަމަށް ޓޮޓެންހަމްގެ އޮފިޝަލެއް ވަނީ އިނގިރޭސި މީޑިއާގައި ބުނެފަ އެވެ.
މި ސީޒަނުގައި، ކުރިން ބްރެންޓްފޯޑަށް ކޯޗުކޮށްދިން ތޯމަސް ފްރޭންކް، ޓޮޓެންހަމާ ހަވާލުވިއިރު، އޭނާ އަކީ ލެވީގެ ޗެއާމަން ކަމުގައި އެ ކްލަަބަށް ގެނައި، 14 ވަނަ ފުލްޓައިމް ކޯޗެެވެ. ޓޮޓެންހަމް ސަޕޯޓަރުން ލެވީ ދެކެ ހިތްހަމަނުޖެހޭ ސަބަބަކީ، އެކަށީގެންވާ ރަނގަޅު ހަރަދުތައް ކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ނަތީޖާ ނެރެވިފައިނުވާތީ އެވެ.
ފޯބްސް އިން 2000 ވަނަ އަހަރު އަގުކުރި ގޮތުގައި، ޓޮޓެންހަމްގެ އަގަކީ، 95 މިލިއަން ޑޮލަރެވެ. އެކަަމަކު، ޓޮޓެންހަމްގެ ޗެއާމަންކަމާ ލެވީ ހަވާލުވެ ކުރި މަސައްކަތުން މިދިޔަ އަހަރު އެ ކްލަބްގެ އަގު އުޅެނީ، ތިން ބިލިއަން ޑޮލަރާ ގާތްކުރާ ހިސާބެއްގަ އެވެ. ލެވީ އަކީ، ޓޮޓެންހަމް އިން 2019 ވަނަ އަހަރު ހުޅުވި، އެއް ބިލިއަން ޑޮލަރުގެ އަގުހުރި ޓޮޓެންހަމް ހޮޓްސްޕާސް ސްޓޭޑިއަމްގެ އިސް މޭސްތިރިއެކެވެ.
އިނގިރޭސި ފުޓްބޯޅައިގެ މާލީ ކަންކަމާ ބެހޭ ތަޖުރިބާކާރު، ކިއެރަން މެގުއާ ހާމަކުރާ ގޮތުގައި، ޓޮޓެންހަމްގެ ސްޓޭޑިއަމުން ހޯދާ އާމްދަނީ އަށް ބަލާއިރު، އެ ކްލަބަކީ އެންމެ ފުދުންތެރި ކްލަބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ