ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަން އިން އިންތިޒާމްކޮށްގެން ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕްގެ ޗެންޕިއަންކަން، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ހޯދައިފި އެެވެ.
މި މުބާރާތަކީ އެންމެ ފުރަތަމަ ހަތަރު ގައުމުގެ މެދުގައި ކުޅެން ރޭވި މުބާރާތެކެވެ. ނަމަވެސް، ފަހު ވަގުތު ބަންގްލަދޭޝާއި ބޫޓާނުން ވާދަނުކުރަން ނިންމުމުން، ލަންކާ ފެޑެރޭޝަނުން ނިންމީ، ރާއްޖެ އާއި ލަންކާއާ ދެމެދު ދެ މެޗު ކުޅުމަށެވެ.
އެގޮތުން، ކުޅުނު ފުރަތަމަ މެޗު، މި މަހު ހަ ވަނަ ދުވަހު ރާއްޖެ އިން 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވާއިރު، ދެ ވަނަ ލެގުގައި މިއަދު ހަވީރު ރާއްޖެ އާއި ލަންކާ ވާދަކުރި މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. މިއާއެކު ރާއްޖެއަށް މުބާރާތް ކާމިޔާބުކުރީ 4-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ރޭސް ކޯސް ސްޓޭޑިއަމްގައި މިއަދު ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ކުރީކޮޅު ދިވެހި ޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ތިން ފުރުސަތު ތަނަވަސްކޮށްފައެވެ. އެ ގޮތުން، މެޗުގެ ފަސްވަަނަ މިނިޓްގައި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އޭރިއާބޭރުން ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވިއިރު، އޭގެ ފަހުން އަހުމަދު އައިހަމް އަދި ހައިޝަމް ހަސަން އަށް ވެސް ވަނީ ވަރަށް ހުސް ދެ ފުރުސަތެއްލި ބޭނުންކުރެވޭގޮތް ނުވެފައެވެ.
މީގެ އިތުރުން މިހާފުގައި ލަންކާ ޓީމުން ވެސް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން އެ ޓީމުގެ ޑިލޯން ޑި ސިލްވާ މުޅިން ހުސްކޮށްހުރެ ބޮލުން ފޮނުވާލި ބޯޅައެއް ގޯލާ އަމާޒުނުވެ ދިޔައިރު، އެގޭ ފަހުން އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ތިރިތިރިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ލަންކާ އިން ވަރުގަދަކޮށް ފެށި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ރާއްޖެ އިންނެވެ. މިލަނޑު ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނާއިޒު ހަސަން (ދާދު) އެވެ. މިއީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ތަޖްރިބާކާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) ލަންކާގެ ޕެނަލްޓީ އޭރީއާ ތެރެއަށް ހުރަސްކޮށްދިން ބޯޅައެއް ރާއްޖޭގެ އިބްރާހިމް މަހުދީ ބޮލުން ފޮނުވާލުމުން ގޯލްގެ ހުރަސްދަނޑީގައި ޖެހިފައި ބޭރަށްވނުކުތް ވަގުތު މުޅިން ހުސްކޮށްހުރެ، ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
ލަންކާ އިން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ފޯވާޑް އޮލިވާ ކެލާޓް އެވެ.މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ރާއްޖޭގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާނަގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
ސައުތު އޭޝިއަން ސުޕަކަޕް ރާއްޖެ އިން ކާމިޔާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ