ޔުވެންޓަސް އިން ފަހު ވަގުތު އިންޓަ ބަލިކުރިއިރު، ހޮއިލުންޑްގެ ގޯލާ އެކު ނަޕޯލީ އަށް މޮޅެއް ޔުވެންޓަސް އިން ފަހު ވަގުތު އިންޓަ ބަލިކުރިއިރު، ހޮއިލުންޑްގެ ގޯލާ އެކު ނަޕޯލީ އަށް މޮޅެއް

ޓިއުރިން (ސެޕްޓެމްބަރު 14) - އިޓާލިއަން ލީގުގައި ރޭ ފަހު ވަގުތު ޔުވެންޓަސް އިން 4-3 އިން އިންޓަ މިލާން ބަލިކުރިއިރު، ރަސްމުސް ހޮއިލުންޑްގެ ގޯލާ އެކު، ޗެމްޕިއަން ނަޕޯލީން 3-1 އިން ފިއޮރެންޓީނާ އަތުން މޮޅުވެއްޖެ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ޔުވެންޓަސް އިން ލީޑުނެގީ 14 ވަނަ މިނިޓްގައި ލޮއިޑް ކެލީ ވޮލީ އަކުން ޖެހި ގޯލުންނެވެ. އެކަމަކު، އޭރިއާބޭރުން މެޗުގެ 30 ވަނަ މިނިޓްގައި އިންޓަގެ ހަކަން ޗަނޮނޯލޫ ޖެހި ގޯލުން އެ ޓީމުން އެއްވަރުކުރި އެެވެ. އޭގެ އަށް މިނިޓް ފަހުން، ޔުވެންޓަސްގެ ކެނާން ޔިލްޑިޒް ވަނީ ލަނޑު ޖަހައި، އަލުން އެ ޓީމަށް ލީޑުނަގައިދީފަ އެވެ.
އިންޓަ އަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދިން ލަނޑު ޖެހީ ވެސް ޗަނޮނޯލޫ އެވެ. މެޗުގެ 65 ވަނަ މިނިޓްގައި، އޭނާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. އަދި، މެޗުގެ 76 ވަނަ މިނިޓްގައި، މާކަސް ތުރާމް ބޮލުން ގޯލަށް ބޯޅަ ފޮނުވާލައި، އިންޓަ އަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގައިދިނެވެ.
ޔުވެންޓަސް އިން އެއްވަރުކުރީ، އޭގެ ހަ މިނިޓް ފަހުން، މާކަސް ތުރާމްގެ ކޮއްކޮ، ކެޕްރެން ތުރާމް ޖެހި ގޯލުންނެވެ. އަދި، މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް، ޔުވެންޓަސްގެ 19 އަހަރުގެ މިޑްފީލްޑަރު، މޮންޓަނެގްރޯގެ ވަސިލިއޭ އަޑްޒިޗް، އޭރިއާބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން އެ ޓީމު މޮޅުކޮށްދިނެވެ.
މި މޮޅާ އެކު، ޔުވެންޓަސް އިން، ލީގުގައި މި ފަހަރު ކުޅުނު ތިން މެޗުން ވެސް މޮޅުވެ، އެ ޓީމުގެ ވަރުގަދަ ފެށުން ކުރިއަށްގެންދިޔައިރު، އެންމެ ފަހުގެ ޗެމްޕިއަން، ނަޕޯލީން ވެސް ވަނީ ރެކޯޑް ދަމަހައްޓައިފަ އެވެ.
ފިއޮރެންޓީނާ ދަނޑުގައި ކުޅުނު މި މެޗުގައި، ނަޕޯލީން ލީޑުނެގީ ހަ ވަނަ މިނިޓްގައި ކެވިން ޑި ބްރޭނާ ޖެހި ޕެނަލްޓީންނެވެ. އަދި، 14 ވަނަ މިނިޓްގައި ހޮއިލުންޑް ވަނީ ނަޕޯލީގެ ލީޑުފުޅާކޮށްދީފަ އެވެ. މިއީ، ލޯން އެއްބަސްވުމެއްގެ ދަށުން ނަޕޯލީ އަށް ބަދަލުވެ، ހޮއިލުންޑް އެ ޓީމަށް ކުޅެދިން ފުރަތަމަ މެެޗެވެ.
ދެ ވަނަ ހާފު ފަށައިގެން ހަ މިނިޓްގެ ތެރޭގައި، ނަޕޯލީގެ ތިން ވަނަ ލަނޑު ޖެހީ ސޭމް ބުކޭމާ އެެވެ. އަދި، މެޗުގައި ފިއޮރެންޓީނާ އިން ޖެހި ހަމައެކަނި ލަނޑު ޖެހީ ލޫކަ ރަނިއޭރީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ