ހަފްތާއަކަށް ފަހު ފެމިލީ ކޯޓުގެ ގާޒީކަމަށް ކުރިމަތިލާން އަނެއްކާ ވެސް ހުޅުވާލައިފި
ހަފުތާއެއްވީ ފަހުން ފެމިލީ ކޯޓުގެ ގާޒީކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އަނެއްކާ ވެސް ހުޅުވާލައިފިއެވެ. ފެމިލީ ކޯޓުގެ ގާޒީކަމަށް ކުރިމަތިލާން ޖޭއެސްސީން އެންމެ ފުރަތަމަ ހުޅުވާލީ މި މަހުގެ 17ވަނަ ދުވަހެވެ. އޭގެ ފަހުން ދެވަނަ ފަހަރަށް އެ ކޯޓުގެ ގާޒީކަމަށް ކުރިމަތިލާން ހުޅުވާލީ މިއަދެވެ. ޖޭއެސްސީގެ އިއުލާނުގައިވާ ގޮތުން، ފެމިލީ ކޯޓުގެ ގާޒީކަމަށް ހޮވޭ ފަރާތަށް އަސާސީ މުސާރައިގެ ގޮތުގައި 37،700 ރުފިޔާ، ދިރިއުޅުމުގެ އެލަވަންސްގެ ގޮތުގައި 18،000 ރުފިޔާ، އަދި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300 ރުފިޔާ ލިބޭނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ލިބޭނެ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ. އިއުލާނުގައިވާ ގޮތުން ފެމިލީ ކޯޓުގެ ގާޒީކަމަށް ކުރިމަތިލެވޭނީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ދާއިރާއިން މަދުވެގެން ފުރަތަމަ ޑިގްރީއެއް ހާސިލްކޮށް، ފަނޑިޔާރުކަމުގައި ނުވަތަ ވަކީލުކަމުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ، އުމުރުން 25 އަހަރާއި އެއަށް ވުރެ އުމުރުން ދޮށީ ފަރާތްތަކަށެވެ. ފެމިލީ ކޯޓުގެ ގާޒީކަމަށް ފަހިރެސް ޕޯޓަލް މެދުވެރިކޮށް، އަދި ބޭނުންނަމަ ޖޭއެސްސީގެ އިދާރާއަށް ލިޔެކިޔުންތައް ހުށަހެޅޭނެއެވެ. އެ މަގާމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލި ފުރަތަމަ ފުރުސަތު އަންނަ އާދީއްތަ ދުވަހުގެ މެންދުރު 12 ޖަހާއިރު ހަމަވާނެެވެ. އަދި ދެވަނައަށް ހުޅުވާލި ފުރުސަތު އަންނަ މަހުގެ ދެވަނަ ދުވަހުގެ މެންދުރު 12 ޖަހާއިރު ހަމަވާނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހީމް މާހިރު ވަނީ ހައިކޯޓުގެ ގާޒީކަމަށް މިއަދު އައްޔަންކޮށްފައެވެ. އަދި ޖޭއެސްސީން ވަނީ ފެމިލީ ކޯޓުގެ ހިންގުން ގާޒީ އަބްދުالله މުހައްމަދާ ވަގުތީ ގޮތުން މިއަދު ހަވާލުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ