ށ. ކަނޑިތީމު ސިއްހީ މަރުކަޒުގެ ދެ ބުރީގެ އައު އިމާރާތާއި ސްކޫލް މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް ގާތުން ބަލައި ހަލުވިކަމާއެކު ކުރިއަށް ގެންގޮސްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިއަދު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ކަނޑިތީމަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރަށުގެ ކުރިއެރުމަށް ވަރަށް ގިނަ ކަންކަން ބޭނުންވާކަމަށާއި، ފެށިފައި ހުރި ނަމަވެސް މާ ބާރު ސްޕީޑެއްގައި ނުދާ، އަދި ހުއްޓިފައި ހުރި ބައެއް މަޝްރޫޢުތައް މިހާރު ރަށުގައި އެބަހުރި ކަމަށެވެ. މިކަންކަމަކީ ހަމަ ޔަޤީނުންވެސް ރަށުގެ ތަރައްޤީގައި މުހިންމު ކަންކަން ކަމަށާއި، ކޮންމެ މަޝްރޫޢަކީވެސް އެ ދާއިރާއިން ރަށަށް ކޮންމެހެން ތަރައްޤީ ބޭނުންވާ ކަންކަން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އެގޮތުން، ރަށު ސްކޫލްގެ މަލްޓި ޕަރޕަސް ހޯލުގެ މަޝްރޫޢަކީ ވަރަށް ބޮޑު މަޑުޖެހުމެއް، ނުވަތަ ލަސްކަމެއްގެ ތެރެއިން ދާ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެ މަސައްކަތް ހައްލުކޮށް، މަޝްރޫޢު ކުރިއަށް ގެންދެވޭނެ ގޮތް މިހާރު ހަމަޖެހިފައިވާތީ، އިރާދަކުރެއްވިއްޔާ މަޑުޖެހުން ނިމުމަކަށް ގެނެސް، މަސައްކަތްތައް ހަލުވި ސްޕީޑެއްގައި ކުރިއަށްދާނެކަމަށް ވިދާޅުވިއެވެ. މި މަޝްރޫޢަކީ ސްކޫލްގެ އެންމެ މުހިންމު އިންފްރާސްޓްރަކްޗަރ މަޝްރޫޢުކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.
ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި ކުރަން ނިންމާފައިވާ މަސައްކަތްތަކުގެ ތެރެއިން، ކުރިން ހަވާލުކޮށްފައި ނަމަވެސް ކުރިއަށް ނުގޮސް އޮތް ސިއްހީ މަރުކަޒުގެ މަސައްކަތް ޓާމިނޭޓްކޮށްފައިވާކަން ރައީސް ހާމަކުރެއްވިއެވެ. އަދި މި މަސްތެރޭގައި އެ މަސައްކަތް ބަޔަކާ ހަވާލުކުރުމަށް ކޮންޓްރެކްޓެއްގައި ސޮއިކުރުމަށް ތައްޔާރުވަމުންދާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މި މަޝްރޫޢުގެ ދަށުން ދެ ބުރީގެ އިމާރާތެއް އެޅިގެންދާއިރު، 10 ވަރޑު އެނދާއި، ޕްރައިވެޓް ރޫމްތައް، ކޮންސަލްޓޭޝަން ރޫމްތައް ހިމެނޭހެން، ޖުމްލަ 20 އެނދު ހިމެނޭ އިމާރާތެއް ގާއިމުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ރަށުގެ ރައްޔިތުންނަށް ދެއްވިއެވެ.
ރައީސް ވިދާޅުވީ ހުއްޓިފައި ހުރި މަޝްރޫޢުތަކުގެ ތެރެއިން މައިގަނޑު އެއް މަޝްރޫޢަކީ ސިއްހީ މަރުކަޒުގެ މަޝްރޫޢުކަމަށާއި، އަނެއް މަޝްރޫޢަކީ މަލްޓި ޕަރޕަސް ހޯލު ނިންމާލުން ކަމަށެވެ. މި ދެ ކަންތައް ވަރަށް ރަނގަޅަށް ގާތުން ބައްލަވައި، ކުރިއަށް ގެންދަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
ކަނޑިތީމު ސިއްހީ މަރުކަޒުގެ ދެ ބުރީގެ އައު އިމާރާތާއި ސްކޫލް މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް ގާތުން ބަލައި ހަލުވިކޮށް ކުރިއަށް ގެންގޮސްދޭނަން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ