ބަދަލުވަމުންދާ ޓެކްނޮލޮޖީއަށް ޓޫރިޒަމް ތައްޔާރުވާން ތޯރިގު ގޮވާލައްވައިފި

ހަލުވި ކަމާ އެކު ބަދަލުވަމުންދާ ޓެކްނޮލޮޖީތަކަށް ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ތައްޔާރުވެ ހޭނިފައި ތިބުމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - މިނިސްޓަރު މިކަމަށް ގޮވާލެއްވީ، ކުރުބާ މޯލްޑިވްސް ރިސޯޓްސްގައި މިއަދު ކުރިއަށް ދާ "ޖީއެމް ފޯރަމް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ތަފްސީލް - ހޮޓެލިއާ މޯލްޑިވްސް މަޖައްލާއިން އަހަރަކު އެއެްފަހަރު ބާއްވާ އެ ފޯރަމްގައި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުގެ މަސައްކަތްތައް ފާހަގަކުރައްވައި މިނިސްޓަރު ތޯރިގު ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ އެންމެ ކުރީގައި އޮތް ޓޫރިޒަމްގެ މަންޒިލްގެ ގޮތުގައި ދެމި އޮތުމަށް ޓަކައި އަބަދުވެސް ކުރިއަށް ބަލައި ބަދަލުތަކަށް ތައްޔާރުވެގެން ތިބެން ޖެހޭ ކަމަށެވެ. އެެގޮތުން އޭނާ ވިދާޅުވީ: 
ދުނިޔެ ހަލުވިކަމާއެކު ބަދަލުވަމުންދާ މި ދަނޑިވަޅުގައި، ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ނަޒަރަކުން ޓޫރިޒަމްއާ މެދު ވިސްނަން ޖެހޭ 
ޒަމާނީ ބަދަލުތަކާ އެކު ރާއްޖެއަށް އައިސް ޓޫރިސްޓުން ކުރަން ބޭނުންވާ ތަޖުރިބާތަކާއި އެ މީހުންގެ އުންމީދުތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައި 
"މި ބަދަލުތަކަށް ތައްޔާރުވެ، އޭގެ ފައިދާ ހިފަން ޖެހޭ،" ތޯރިގު ވިދާޅުވި އެވެ. 
މިކަމަށްޓަކައި، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން "މޯލްޑިވްސް 2.0" އިނިޝިއޭޓިވް ފައްޓަވާފައިވާކަން ތޯރިގު ފާހަގަކުރެއްވި އެވެ. މި މަސައްކަތުގެ ދަށުން، މާދަމާގެ ގޮންޖެހުންތަކަށް ތައްޔާރުވެފައިވާ، ހަލުވި، އަދި ހުށިޔާރު ގައުމަކަށް ރާއްޖެ ބަދަލުވެގެންދާނޭ ކަމަށް ވިދާޅުވި އެވެ. 
"ސަރުކާރުން އަބަދުވެސް ޓޫރިޒަމް ދާއިރާއަށް އެއްބާރުލުން ދީ އެ ދާއިރާގެ މަސައްކަތްތައް ކުރިއަރުވަން އެހީތެރިވަމުން ދާނެ،" ތޯރިގު ވިދާޅުވި އެވެ. 
މި އަހަރުގެ ޖީއެމް ފޯރަމްގެ ޝިއާރަކީ ވެސް ޓޫރިޒަމް ދާއިރާގެ "ޑިޖިޓަލައިޒޭޝަން" އެވެ. އެކަން ފާހަގަކުރައްވައި ތޯރިގު ވިދާޅުވީ ޑިޖިޓަލައިޒޭޝަންގެ ކުރިއެރުންތައް އަންނަ އިރު، ފަސޭހައިން ހިދުމަތްތައް ލިބޭނެ ގޮތް ހެދުމާއި، ރައްޔިތުންގެ ބައިވެރިވުން ކަށަވަރުކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ. 
ތޯރިގު ވަނީ ރާއްޖޭގެ ރިޒޯޓްތަކުގެ މެނޭޖަރުން ނުވަތަ ޖީއެމްއިން ދުވާލުގެ 24 ގަޑިއިރު ހިތްވަރާއެކު ކުރާ މަސައްކަތް ފަހުރުވެރިކަމާ އެކު ފާހަގަކުރައްވާފަ އެވެ. އަދި ޓޫރިޒަމަށް އަންނަ ބަދަލުތަކުގައި އެ މީހުން އަދާކުރާ ހިއްސާއަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ