ކައުންސިލް އިންތިހާބު މާޗް 28ގައި
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ އަހަރުގެ މާޗު 28، ގައި ބާއްވަން ނިންމައި، އިންތިހާބަށް ކުރިމަތިލާން އަންނަ އަހަރުގެ ޖެނުއަރީ 17، ގައި ހުޅުވައިލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ޕްލޭންކޮށްފައި އޮތް ތާރީހުތަކުގައި ބޭއްވުމަށް ޕްލޭންކޮށްފައި އޮތް ދުވަސްތަކުގައި އެކަން ކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ."މިހާރު ޓެންޓިވްލީ ޕްލޭންކޮށްފައި އޮތްގޮތުން ރާވާފައި އޮތްގޮތަށް ބަލާއިރުގައި އިންތިހާބު ބާއްވާނެ ތާރީހެއް ކަމަށް މިހާރު ތާވަލުކޮށްފައިވަނީ 2026 ވަނަ އަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަސް. އެއީ ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބު ބާއްވަން މިވަގުތު އަޅުގަނޑުމެން ޕްލޭން ކޮށްފައި އޮތް ރާވާފައި އޮތް ދުވަހަކީ އެދުވަސް،" ޒާހިދު ވިދާޅުވި އެވެ."އަޅުގަނޑުމެން ކެންޑިޑެންސީއަށް ހުޅުވާލަން ރާވާފައި އޮތީ 17 ޖެނުއަރީގައި. އަޅުގަނޑު ހަނދާންވަނީ 17 ޖެނުއަރީގައޭ އަޅުގަނޑުމެން ކެންޑިޑެންސީއަށް ހުޅުވާލާނީ. މި އެއްޗިއްސަކީ އަޅުގަނޑުމެން ތާވަލު ކުރެވިފައި އޮތްގޮތަށް ބަލާއިރު މި ދެ ތާރީހު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެގޮތަށް އެކަން ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދާނަން."ޒާހިދު ވިދާޅުވީ މިފަހަރުގެ އިންތިހާބުގެ އިދާރީ ކަންކަމަށް 270 ވަރަކަށް މުވައްޒަފުން ބޭނުންވާ ކަމަށާއި އިންތިހާބުގެ ޓާސްކްފޯހަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ.އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އެ އިންތިހާބަށް ރަށްތަކާއި، ސިޓީތަކުގައި މި އަހަރުގެ ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ މައުލޫމާތު އާންމުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ