އެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި 6 މީހުން ދޫކޮށްލައިފި

މި މަހުގެ 3 ވަނަ ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރުކޮށް ކޯޓުން ބަންދުކުރަން ފުރަތަމަ އަމުރުކުރި 6 މީހުން މިއަދު ކޯޓުން ދޫކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ ކުރީގެ އެމްޑީޕީ ދެ މެންބަރަކާާ އެކު ޖުމްލަ އަށް މީހަކު އެ މުޒާހަރާއިން ހައްޔަރު ކުރި އެވެ. އޭގެ ތެރެއިން ހަ މީހަކު 15 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އެ ހަ މީހުން ބޭތިއްބީ ދޫނިދޫ ޖަލުގަ އެވެ.
ތަފްސީލް - އެ ހަ މީހުންގެ ބަންދު އިތުރުކުރުމާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށް ފަހު ހަ މީހުން ވެސް ދޫކޮށްލަން ކޯޓުން އަމުރުކުރި އެވެ.
އެ މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ ބައެއް ބޭފުޅުންނަކީ:
ކުރީގެ ދާންދޫ ދާއިރާގެ މަޖިލިސް މެންބަރު ޔައުގޫބު އަބްދުﷲ
ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފް
ކ. މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު
ފަސްމަންޒަރު - ގިނަ ބަޔަކު ބައިވެރިވި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފަ އެވެ. އެގޮތުން،  މުޒާހަރާ ރޫލާލުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ އާއި ސޮނިކް ވެޕަން ވެސް ބޭނުންކޮށްފަ އެވެ.
ފުލުހުން މުޒާހަރާ ރޫޅާލީ، އަމީީނީ މަގުން ހިނގާލުން ކުރިއަށް ގެންދަން އަންގާފައިވަނިކޮށް ފުލުހުން ދިން ރޫޓަށް ބެލުމެއް ނެތި މަޖީދީ މަގުން މުޒާހަރާގެ ބައިވެރިން ދާން މަސައްކަތްކުރުމުންނެވެ.
ފުލުހުންގެ އާލާތް އަތުލަން މަސައްކަތްކޮށް، ފުލުުހުންނާ ދިމާއަށް މުޒާހަރާގެ ބައިވެރިން ގަލާއި ފެން ފުޅި އުކައި އަމަން ގެއްލުވާލަން އުޅުނު ކަމަށް ފުލުހުން ނެރުނު ބަޔާނެއްގައި ތުހުމަތުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ