އަފްޣާނިސްތާނާއި ޕާކިސްތާނުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ

ބޯޑަރު މައްސަލައިގައި އަފްޣާނިސްތާނާއި ޕާކިސްތާނާއި ދެމެދު ހަފްތާއެއް ވަންދެން ހިނގި ހަމަނުޖެހުންތަކަށްފަހު، ގަތަރާއި ތުރުކީ މެދުވެރިވެގެން ކުރި މަޝްވަރާތަކަށްފަހު ހަނގުރާމަ ހުއްޓާލުމަށް ދެ ގައުމުން ވެސް އެއްބަސްވެއްޖެއެވެ. ދެ ގައުމުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވިކަން ގަތަރުގެ ޚާރިޖީ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، އިތުބާރު ހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒު ކުރެވޭތޯ ބެލުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ފޮލޯއަޕް ބައްދަލުވުންތައް ބޭއްވުމަށް ވެސް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް ގަތަރުން ބުނެއެވެ. އަދި އަފްޣާން ދިފާއީ ވަޒީރު، މުއްލާ މުހައްމަދު ޔައުޤޫބް އިސްކޮށް ހުންނަވައިގެން ކާބުލްގެ މުއާމަލާތްކުރާ ޓީމު ދޯހާއަށް ދަތުރުކޮށްފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވިދާޅުވިއެވެ. ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން މީގެ ކުރިން ބުނެފައި ވަނީ އަފްޣާނިސްތާނުގެ ތާލިބާނުންގެ ލީޑަޝިޕްގެ މަންދޫބުންނާ އެކު އެގައުމުގެ ދިފާއީ ވަޒީރު ޚަވާޖާ މުހައްމަދު އާސިފް އިސްކޮށް ހުންނަވައިގެން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. "މި މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލާނީ އަފްޣާނިސްތާނުން ޕާކިސްތާނާ ދެކޮޅަށް ބޯޑަރު ހުރަސްކޮށް ދޭ ޓެރަރިޒަމް ހަމަލާތަކަށް ނިމުމަކަށް ގެނައުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށާއި ދެ ގައުމުގެ ބޯޑަރުގައި ސުލްހައާއި ހަމަޖެހުން އަލުން ގާއިމްކުރުމަށް،" ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ. ދެ ގައުމުގެ ދެމެދުގައި މައްސަލަ އުފެދުނީ، ޕާކިސްތާނުގެ ހަތިޔާރު އެޅި ޖަމާއަތްތަކަށް ނިސްބަތްވާ މީހުންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން ހުއްޓައިލުމަށް ޕާކިސްތާން ސަރުކާރުން ތާލިބާނުންގެ ސަރުކާރަށް ގޮވައިލުމާ ގުޅިގެންނެވެ. ޕާކިސްތާނުން ތުހުމަތު ކުރާ ގޮތުގައި، އެ ގައުމުގައި ޓެރަރިޒަމްގެ އަމަލުތައް ހިންގާ ހަތިޔާރު އެޅި ޖަމާއަތްތަކުގެ މެންބަރުންނަށް ތާލިބާން ސަރުކާރުން ދަނީ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދެމުންނެވެ. ނަމަވެސް، ތާލިބާނުންގެ ސަރުކާރުން އެކަން ދޮގު ކުރެއެވެ. އަދި ޕާކިސްތާނުގެ އަސްކަރިއްޔާއިން އަފްޣާނިސްތާނާ ބެހޭ ދޮގު މައުލޫމާތު ފަތުރާ، އައިއެސްއާ ގުޅުން ހުރި ހަނގުރާމަވެރިންނަށް ހިމާޔަތް ފޯރުކޮށްދީ ގައުމުގެ ހަމަޖެހުމާއި އިސްތިގުލާލު ބަލިކަށިކޮށްފައިވާ ކަމަށް އަފްޣާނިސްތާނުން ތުހުމަތުކުރެއެވެ. ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު 2,600 ކިލޯމީޓަރުގެ ސަރަހައްދީ ރޮނގެއް ހިއްސާ ކުރެއެވެ. ދެ ފަރާތުގެ ދެމެދުގައި ދޭތެރެދޭތެރެއިން ހަމަލާ ބަދަލު ކުރެއެވެ. ނަމަވެސް، މިއީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގައި ވެރިކަން ކުރަން ފެށި ފަހުން ދެ ގައުމުގެ ދެމެދުގައި ބަދަލު ކުރާ އެންމެ ވަރުގަދަ ހަމަލާތަކެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ދެ ގައުމުން ވަނީ ބައެއް ސަރަހައްދީ ހުރަސްތައް ވެސް ބަންދު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ