އިސްލާމް ދީނުގަ އަންހެނުންނަށް ދެއްވަވާފައިވާ މަތިވެރިކަމާ ރައްކައުތެރިކަމަށް ބޭނުންވާ އަންހެނުންގެ ޢަދަދު ގިނަވަމުން އަންނައިރު މުސްލިމް ނޫން އަންހެނުންގެ ތެރެއިންވެސް އެކަންކަމަށް ބޭނުންވާ އަންހެނުން އަންނަނީ ގިނަވަމުންނެވެ.
ނަތީޖާއެއްގެ ގޮތުން އެކަންކަމަށް އެދިގެން އިސްލާމްވާ އަންހެނުންގެ ޢަދަދުވެސް އަންނަނީ ގިނަވަމުންނެވެ. އެއިގެ އިތުރުން އިސްލާމް ދީން ޤަބޫލުނުކޮށް ތިބެގެންވެސް އެ ޙައްޤުތައް ލިބެން ބޭނުންވާ އަންހެނުން އަންނަނީ ގިނަވަމުންނެވެ.
އެހެންވެ މުސްލިމުން ކަމުގައި ނުވެ ތިބެވެސް މުސްލިމް އަންހެނުން ލައިއުޅޭ ގޮތަށް ފޭރާންލާ އަންހެނުންގެ ޢަދަދުވެސް އަންނަނީ ގިނަވަމުންނެވެ. އަދި ކީއްހެއްޔެވެ؟ މުސްލިމުން ކަމުގައި ނުވެތިބެ މޫނުބުރުގާ އަޅާ އަންހެނުންވެސް އަންނަނީ ގިނަވަމުންނެވެ،
މުސްލިމް ނޫން އަންހެނުން އިސްލާމް ދީނުގައި އަންހެނުންނަށް ﷲ ތަޢާލާ ދެއްވަވާފައިވާ ޙައްޤުތަކާއި ޙިމާޔަތާއި ރައްކައުތެރިކަމަށް އެދުން ނުވަތަ ބޭނުންވުން ގިނަވަމުންއަންނައިރު ތަފާތު ގޮތަކަށް ވިސްނާ މުސްލިމް އަންހެނުންނަށް އެކަން ޢިބްރަތަކަށްނުވޭހެއްޔެވެ؟
ދުނިޔެ ފެށުނީންސުރެވެސް ޝައިޠޯނާގެ ބަހަށް ހެއްލޭ ބައަކު އުޅެއެވެ. އަދި ޝައިޠޯނާގެ ބަހަށް ހެއްލިގެން އުޅެނިކޮށް މިދެވެނީ ނުބައި މަގަކުންކަން ވިސްނުމުން އިޞްލާޙްވާ މީހުންގެ ޢަދަދު މަދެއް ނޫނެވެ. އެޢަދަދު އަންނަނީ ގިނަވަމުންނެވެ. ކާފިރުންގެ ތެރެއިން އިސްލާމްވާ މީހުންގެ ޢަދަދު ގިނަވެ މުސްލިމުންގެ އާބާދީ އިތުރުވަމުން އަންނަކަން މިކަމުގެ ހެއްކަކަށް ފުދޭނެއެވެ.
މުސްލިމް އަންހެނުންނަށް ބުނެލަން ބޭނުންވަނީ ތިއަކަނބަލުންނަށް އިސްލާމް ދީނުގައި އޮތް މަތިވެރި މަޤާމް އޮލުވާލަން މަސައްކަތްކުރާ ފަރާތްތަކުގެ ބަހަށް ނުހެއްލޭށެވެ. މީހަކު ބުނާހާ ވާހަކައެއް ޤަބޫލުކުރުމުގެ ބަދަލުގައި ކަމުގެ ޙަޤީޤަތަށް ވިސްނާށެވެ! އެއިރުން ތިއަކަނބަލުންނަށްވެސް ޖަންނަތުލްފިރުދައުސްގައިވާ ޚާއްޞަ ގަނޑުވަރުކޮޅުތަކުން ގަނޑުވަރުކޮޅުތައް ދެއްވަވާނެތެވެ! އެގަނޑުވަރުކޮޅުތަކުގައި ލައްވަވާނެތެވެ. އިން ޝާ ﷲ
ލޮބުވެތި ކަނބަލުންނޭވެ! މީހުން ދައްކާ ވާހަކަތަކަށް ނުހެއްލި ދީނުގަ ޘާބިތުވެއްޖެނަމަ ތިއަކަނބަލުންނަށްވެސް ހުރީ ޖަންނަތުލްފިރުދައުސަގައިވާ ޚާއްޞަ ގަނޑުވަރުކޮޅުތައް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ