މުސްލިމެއްގެ ސިފަ ބޭރުފުށުން ދައްކާފަ އެންމެ ކުޑަމިނުން ފަރުޟްތަކަށް ޢަމަލުނުކުރާނަމަ އެކަންވާނީ ވަރަށް ނުރައްކާތެރި ކަމަކަށް!

މުސްލިމަކަށްވުމަށްޓަކައި ﷲ ތަޢާލާއަށް އީމާންވުމަށްފަހު އެންމެ ފުރަތަމަ ކުރަން އޮތް ކަމަކީވެސް ފަރުޟްތަކަށް ރައްކައުތެރިވުމެވެ. އަލަށް އިސްލާމްވާ މީހާއަށް އިސްލާމްވާ ވަޤުތުން ފެށިގެން ނަމާދުކުރަން ވާޖިބުވަނީ އެހެންވެގެންނެވެ.  
ކަންއޮތީ މިފަދައިންނަމަވެސް ފަރުޟްތަކަށް ރައްކައުތެރިނުވެވޭ މުސްލިމުން ވަރަށް ގިނައެވެ. އެހެންވެ ބަލައިލަން އުޅެނީ އެކަމަށެވެ. ބޭރުފުށުން މުސްލިމެއްގެ ސިފަ ދައްކާފައި ފަރުޟްތަކަށް ރައްކައުތެރިނުވެވޭނަމަ އެމީހަކު ފެތިގެން އެދަނީ ދެއްކުންތެރިންގެ ގޮޅިއަށެވެ. މުނާފިޤުންގެ ތެރެއަށެވެ. އެއީ ނަރަކައިގައި އެންމެ ގަދަފަދަ ޢަޛާބް ދެއްވަވާނެ ކަންކަން ކަމަށްވާތީއެވެ.  
މުސްލިމުން އަދި އިސްލާމް ދީން ދަނީ ބާރުސްޕީޑްގައި ކުރިއަރަމުންނެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ބެލިނަމަވެސް އެންމެ ބާރަށް ކުރިއަރައިގެންދަނީ އިސްލާމް ދީން ކަމަށް ދެކޮޅުހެދޭކަށް މިއަދަކު ނެތެވެ. ތަފާސް ހިސާބުތަކުން އެކަން އަންނަނީ ފެންނަމުންނެވެ.  
އެހެނަސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންތަކުގައި ބައަކު ދަނީ ފޭލްވަމުންނެވެ. އެކަމުގެ ކުޑަކުޑަ މިޘާލެއް ބުނެލާނަމެވެ.  
އާނއެކެވެ! މުސްލިމް އަންހެނުންވެސް އަދި ފިރިހެނުންވެސް ތިބެން ވަކިގޮތްތަކެއް އެބައޮތެވެ. މިދައްކަނީ ފޭރާންލުމާއި ބޭރުފުށުގެ ސިފައިގެ ޥާހަކައެވެ. އެހެންވެ ވަރަށް ގިނަ މުސްލިމުން މިއަދު ތިބީ އެސިފައިގައެވެ. އަންހެނުން ޙިޖާބާއި ނިޤާބް އަޅައިގެންނެވެ. ފިރިހެނުން ތުނބުޅި ބަހައްޓައިގެންނެވެ. އަދި އެހެން ގޮތްގޮތުންވެސް ބޭރުފުށުން ވަރަށް ފުރިހަމައަށް މުސްލިމެއްގެ ސިފަ ދައްކައިގެންނެވެ.  
އަހުރެންގެ ސުވާލަކީ ލައިގެންހުރި ފޭރާމާއި ބޭރުފުށުން ދައްކައިގެންހުރި ސިފައާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓޭހެއްޔެވެ؟ ނަމާދުކުރެވޭހެއްޔެވެ؟ ތެދުވެރިވެވޭހެއްޔެވެ؟ ﷲ ތަޢާލާއަށް ބިރުވެތިވެވޭހެއްޔެވެ؟ އެކަންކަން އެގޮތަށް ކުރެވޭހެއްޔެވެ؟ ކުރެވޭނަމަ އެމީހަކު ހިމެނިގެންދާނީ ފުރިހަމަ މުސްލިމުންގެތެރޭގައެވެ.  
އަހުރެންނަށް ބުރަވެވެނީ ގިނަ ބައަކަށް އެމީހުންގެ ޢަމަލުތައް ސީދާކުރުމުގައި ފޭލްވެވޭކަމަށެވެ. މިސްކިތްތަކުގެ ޖަމާޢަތަށް ބަލައިލުމުން މިބުނެވެނީ ތެދެއްކަން އެނގިގެންދެއެވެ. ބަންގިގޮވާވަޤުތު މިސްކިތް ކައިރިން ހިނގާފައިދާ ހުރިހާ މުސްލިމުން ނަމާދަށް އަރާނަމަ މިސްކިތް ފުރިބާރުވެގެންދާނެއެވެ. އަދި މަގުމަތިވެސް ފުރޭނެއެވެ. އެކަމުގެ ދަލީލަކީ ހުކުރުނަމާދުގައާއި ރޯދަމަހު މިބުނާ ގޮތަށް މަންޒަރު ފެންނަކަމެވެ.  
މީސްތަކުންނޭވެ! ޤިޔާމަތް ދުވަހު ސުވަރުގެ ވައްދަވާނީ އެމީހެއްގެ ބޭރުފުށުގެ ސިފައަށް ބައްލަވައިވޮޑިގެނެއް ނޫނެވެ. އެމީހަކު ކުރި ޢަމަލަށް ބައްލަވައިވޮޑިގެނެވެ. ބޭރުފުށުގެ ސިފަ މުސްލިމުންނާއި އެއްގޮތް ކުރުމަކީވެސް ކުރަންޖެހޭ ކަމެކެވެ. އެހެނަސް އެކަމުން ލިބެންވާ ޙަޤީޤީ ފައިދާ އެމީހަކަށް ލިބިގެންދާނީ އެމީހާގެ ޢަމަލުތަކުން ތިމާއަކީ މުސްލިމެއްކަން ޘާބިތުކުރުމުންނެވެ.  
ވީމާ ކޮންމެ މުސްލިމަކުވެސް މިކަންކަމަސް ވިސްނައިލުން ވަރަށް ބޮޑަށް އެދެވިގެންވެއެވެ. އާޚިރަތް ދުވަހު އުފާކުރަން ލިބޭނެ މީހަކަށް ވެވޭނީ އެއިރުންނެވެ.
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ