ހަނިމާދޫ އެއާޕޯޓަށް ގެންގޮސްފައި ހުރި ވެހިކަލްތަކެއް އެ ރަށު ކައުންސިލަށް ވެސް ނާންގާ ގެނައުމުން ކަންބޮޑުވުން ހަނިމާދޫ އެއާޕޯޓަށް ގެންގޮސްފައި ހުރި ވެހިކަލްތަކެއް އެ ރަށު ކައުންސިލަށް ވެސް ނާންގާ ގެނައުމުން ކަންބޮޑުވުން

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭނުން ކުރުމަށް އެ ރަށަށް ގެންގޮސްފައި ހުރި ބައެއް ވެހިކަލްތައް އެ ރަށު ކައުންސިލަށް ވެސް އެންގުމެއް ނެތި މާލެ ގެނެސްފި އެވެ.
ހަނިމާދޫގައި ހުރި ބައެއް ވެހިކަލްތައް މާލެ ގެނައީ އިއްޔެ އެވެ. އެ ވެހިކަލްތައް މާލެ ގެނައުމަށްޓަކައި ހަނިމާދޫ ބަނދަރަށް ނެރެފައި ހުއްޓައި އެ ރަށު ރައްޔިތުންނާއި ރަށު ކައުންސިލްގެ މެންބަރުން ވަނީ އެ ސަރަހައްދަށް ގޮސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ހަނިމާދޫ ކައުންސިލް މެންބަރު، އަލީ އަދަދު އަށް ވިދާޅުވީ މި ވެރިކަން ފެށުނުފަހުން އެ ރަށު އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ދާގޮތުގެ މައުލޫމާތު ކައުންސިލަށް ނުލިބޭ ކަމަށެވެ.
ބަނދަރު ސަރަހައްދަށް އިއްޔެ ދިޔައީ އެ ރަށަށް ގެންގޮސްފައި ހުރި ވެހިކަލްތަކެއް މާލެ ގެންދާކަމުގެ މައުލޫމާތު ރައްޔިތުންގެ ފަރާތުން ލިބުމުން ކަމަށް އަލީ ވިދާޅުވި އެވެ.
"ބައިވަރު ވެހިކަލްތަކެއް ގެންދާތީ އެކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބިގެން ދިޔައީ ބަނދަރަށް، ދެން ދިޔައިރު ބައިވަރު ވެހިކަލްތައް އެބަހުރި ގާތްގަނޑަކަށް ފަސްވަރަކަށް ވެހިކަލް އޮތް ކާރަކާ ލައިގެން، ދެން އެމީހުން ބުނި ކާރު އެއީ ގެންދާ އެއްޗެއް ނޫނޭ،" އަލީ ވިދާޅުވި އެވެ.
ބަނދަރު ސަރަހައްދަށް ދިޔައިރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ލައްމާން އެ ސަރަހައްދުގައި ހުރުމުން ވެހިކަލްތައް ގެންދަނީތޯ އޭނާއާ ސުވާލު ކުރި ކަމަށް އަލީ ވިދާޅުވި އެވެ.
"އަހާލީ [ވެހިކަލްތައް ގެންނަނީތޯ ގެންދަނީތޯ، އަހާލީމަ ބުނީ ގެންދަނީއޭ، ދެން އަހައިފިން ވެހިކަލްތައް ގެންދަނީ ކީއްވެހެއްޔޭ، އެހީމަ ބުނީ ހަލާކުވެފައި ހުރި ވެހިކަލްއޭ ތިހުރީ ފަޔާ ލޯރީ ވެސް ދައްކާފައި ބުނީ އެ ވެސް ހަލާކުވެފައޭ ހުރީ ދޯ، އެ ހަދާށޭ މި ގެންދަނީ، ދެން މިހުރި ވެހިކަލްތައް ވެސް ސާވިސް ކޮށްގެންނޭ ބޭނުން ކުރެވޭނީ،" އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަނިމާދޫ ކައުންސިލަށް އެނގިފައި އޮތްގޮތުން އެ ރަށަށް ގެންގޮސްފައި ހުރި ވެހިލަލްތަކަކީ އެއާޕޯޓުގައި ބޭނުން ކުރެވޭ ފެންވަރުގެ ވެހިކަލްތަކެވެ. އަދި އެ ތަކެތި ހަލާކުވެފައި ހުރި ނަމަ އެ ވެހިކަލްތަކާ އެމްއޭސީއެލްއިން ހަވާލުވުމުން ވެސް ސުވާލު އުފެދޭ ކަމަށް އަލީ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެދުނިން މި ވެހިކަލްތައް ބަހައްޓައިދޭންވީ ނޫންހެއްޔޭ އިހަށް، މި ޕްރޮޖެކްޓާ އެބޭފުޅުން ހަވާލުވެފައި މިތަން ހުޅުވާފައި ދެން ގެންދާ ތަނަކަށް ގެންދަންވީނޫން ހެއްޔޭ، އޭރުން ވެސް ރައްޔިތުންގެ ޝަކުވާއެއް ނާންނާނެއެއް ނޫންހެއްޔޭ. ބުނީމަ ވެސް ބުނީ ނެތޭ ވަގުތެއް، ދެން އަޅުގަނޑުމެން ބުނިން އާނ އެކޭ ގެންދާށޭ، ދެން މި ޝަކުވާ މި ކުރިއްޔޭ،" އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު މީގެ ކުރިން ކުރިއަށް ގެންދިޔައީ ކައުންސިލާ ވަރަށް ބޮޑަށް ގުޅިގެން ކަމަށެވެ. ނަމަވެސް މިހާރު އެކަން ބަދަލުވެ، އެ މަޝްރޫއު ހިންގާ ޖޭއެމްސީ ކުންފުނީގެ އިސްވެރިންނާ ވެސް ބައްދަލު ނުކުރެވޭ ކަމަށެވެ.
"ޖޭއެމްސީގެ ވެރިންނާ ބައްދަލު ކުރަން އެދިއްޖެއްޔާ ވެސް ބުނަނީ ސިއްރު ބައްދަލުވުމެކޭ ބޭއްވޭނީ، ހުއްދައެއް ނެތޭ ކައުންސިލަކާ އަނެއްހެން ބައްދަލު ކުރާކަށް، ދެން ރިކުއެސްޓު ކޮށްލިޔަސް އަންނަނީ އެތަނުގެ ސެކިއުރިޓީ އޮފިސަރެއް ފޮނުވަނީ ވެސް، އެކަހަލަ ގޮތަކަށް ހުންނަނީ ކަންކަން،" އަލީ އިބްރާހިމް ވިދާޅުވި އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުން ހިންގާ އެއާޕޯޓުގެ މަޝްރޫއަށް 136.6 މިލިއަން ޑޮލަރު ހަރަދުވާނެ އެވެ. މި އެއާޕޯޓުގައި އެއާބަސް އޭ320 އަދި ބޯއިން 737 މަރުކާގެ މަތިންދާބޯޓުތައް ޖެއްސޭ ވަރުގެ 2.46 ކިލޯމީޓަރުގެ ރަންވޭއެއް ގާއިމުކުރާނެ އެވެ. ހަނިމާދު އެއާޕޯޓު އަޕްގްރޭޑިން ނިމުމުން އެ އެއާޕޯޓުން އަހަރަކު 1.3 މިލިއަން ޕަސެންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.
މި ސަރުކާރުން މީގެ ކުރިން ބުނަމުން ދިޔައީ ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ސެޕްޓެމްބަރަށް ނިންމާނެ ކަމަށެވެ. އެހެންނަމަވެސް އޯގަސްޓު 25 ގައި ހަނިމާދޫއަށް ކުރެއްވި ދަތުރުގައި އެ ރަށު ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވިދާޅުވީ އެއާޕޯޓުގެ މަސައްކަތް ނިމޭނީ ނޮވެމްބަރަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ