މިނިވަން ނޫސްވެރިކަމާއި ހިޔާލުގައި ތަޅު އެޅުވޭ ގޮތަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓް ރެގިއުލޭޝަން" ގާނޫނަކީ ޣައިރު ދުސްތޫރީ ގާނޫނެއް ކަމަށާއި އެ ގާނުނަށް ތަބާނުވާނެ ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ބުނެފި އެވެ.
މުއިއްޒު އެ ގާނޫނު ތަސްދީގު ކުރުމާއެކު ނެރުނު ނޫސްބަޔާނެއްގައި އެމްޖޭއޭއިން ބުނީ ބިލު ތަސްދީގު ކުރުމަކީ ހިތާމަކުރާ ކަމެއް ކަމަށެވެ. މިއީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ދެވުނު ބޮޑު ހަމަލާއެއްގެ ގޮތުގައި އެމްޖޭއޭއިން ސިފަކުރި އެވެ.
ވެރިކަން ހިންގާ ބާރައި ރައްޔިތުންގެ މަޖިލީހުން ރާއްޖޭގައި އޮތް މިނިވަން މީޑިއާ އެކުއެކީ ކޮންޓްރޯލް ކުރުމަށް ހިންގި މި އަމަލު އެމްޖޭއޭއިން ވަނީ ކުށްވެރިކޮށްފަ އެވެ.
މިއީ ނޫސްވެރިންނަށް ބިރުދައްކައި ސެލްފް ސެންސަޝިޕަކަށް ދިޔުމަށް މަޖުބޫރު ކުރުމަށް ތަސްދީގު ކުރި ގާނޫނެއް ކަމަށް އެމްޖޭއިން ބުނެ އެވެ. ނަމަވެސް، ބިރު ނުދެއްކޭނެ ކަމަށް ނޫސްވެރިން ތަމްސީލުކުރާ ޖަމިއްޔާއިން ބުންޏެވެ.
މި ގާނޫނަކީ ޣައިރު ދުސްތޫރީ ގާނޫނެއް ކަމަށާއި ހުރިހާ ގޮތަކުން އެ ގާނޫނާ ޗެލެންޖު ކުރުމަށް ނޫސްވެރިންނާއި މަދަނީ ޖަމިއްޔާތަކާ މަޝްވަރާ ކުރަމުންދާ ކަމަށް އެމްޖޭއިން ބުންޏެވެ.
އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އާއި ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ވެސް ބިލު ތަސްދީގު ނުކުރަން ގޮވާލި އެވެ.
މަޖިލީހުން މި ބިލު ފާސްކުރީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ 60 މެންބަރުންގެ ވޯޓުންނެވެ. ބިލާއި ދެކޮޅަށް ވޯޓު ދެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެކަންޏެވެ. ވޯޓަށް އެހީ އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުންގެ ނަން އިއްވުމުން އެ ޕާޓީގެ ޕީޖީ ގްރޫޕް މަޖިލީސް ދޫކޮށް ނުކުތް ފަހުންނެވެ.
ބިލު ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ވިދާޅުވެފަ އެވެ. މީގެ ކުރިން ސަރުކާރުން ބުނަމުންދިޔައީ އެ ބިލަކީ ސަރުކާރުގެ އެއްވެސް ދައުރެއް އޮތް ބިލެއް ނޫން ކަމަށެވެ.
އެ ބިލު ތަސްދީގު ކުރުމުން މީޑިއާ ރެގިއުލޭޓް ކުރާނީ މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލް އޮތް މަޖިލީހުން ތިން މެންބަރުން އައްޔަން ކުރާ، ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނަކުންނެވެ.
ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރުމުގެ އަދިވެސް ބާރު އޮތީ ލިބޭ ގޮތަށެވެ. އަދި މީޑިއާތައް ޖޫރިމަނާ ކުރެވޭ މާއްދާ ވެސް އަދިވެސް އެބަ އޮތެވެ. އުނި ކުރީ ވަކި ވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް މާއްދާ އެވެ. އަދި ކޮމިޝަނުން ބޭނުންވާ މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލު ކުރެވޭނެ ގޮތަށް އޮތް މާއްދާތައް ވެސް އެބަހުއްޓެވެ.
ތެދު ހަބަރަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ލިބެނީ ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށެވެ. އަދި މީޑިއާ އެތިކްސް ހެދުމުގައި ކަނޑައަޅަންޖެހޭ އުސޫލުތައް ވެސް ބަޔާންކޮށްފައި ހުރީ އެ ބިލުގަ އެވެ.
މިނިވަން ނޫސްވެރިކަމާއި ހިޔާލުގައި ތަޅު އަޅުވާ ބިލު ގާނޫނުއަސާސީއާ ހިލާފު، އަމަލެއް ނުކުރާނަން: އެމްޖޭއޭ މިނިވަން ނޫސްވެރިކަމާއި ހިޔާލުގައި ތަޅު އަޅުވާ ބިލު ގާނޫނުއަސާސީއާ ހިލާފު، އަމަލެއް ނުކުރާނަން: އެމްޖޭއޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ