ބިލު ތަސްދީގުކުރުމުން އެމްޖޭއޭގެ ހުރިހާ މެންބަރުންގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ ބިލު ތަސްދީގުކުރުމުން އެމްޖޭއޭގެ ހުރިހާ މެންބަރުންގެ ކުއްލި ބައްދަލުވުމެއް ބާއްވަނީ

މިނިވަން ނޫސްވެރިކަމާއި ހިޔާލުގައި ތަޅު އެޅުވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބިލު ރައީސް މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވުމުން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.
އެމްޖޭއޭގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މެންބަރުންގެ ކުއްލި ބައްދަލުވުން އޮންނާނީ މިރޭ 7:45 ގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އޮފީހުގައި ކަމަށެވެ. ބިލު މަޖިލީހަށް ހުށަހެޅުމަށްފަހު އެމްޖޭއޭ އިން އިސްނަގައިގެން ނޫސްވެރިން ވަނީ އެކި ހަރަކާތްތައް ހިންގައިފަ އެވެ.
ނޫސްވެރިން ކުރި މުޒާހަރާގެ ތެރެއިން މި ނޫހުގެ ލީވާން އަލީ ނާސިރު ވަނީ ފުލުހުން ހައްޔަރުކޮށްފަ އެވެ. ވީނުވީ ތަނެއް ނާންގައި ބެހެއްޓުމަށްފަހު ފުލުހުން އޭނާ ދޫކޮށްލީ ގަޑިއިރުތަކެއް ފަހުންނެވެ.
ފުލުހުން ވަނީ އެއްވި އާންމުންނާއި ނޫސްވެރިންނަށް އަނިޔާވެރިކޮށް އަމަލުކޮށްފަ އެވެ. ބައެއް ނޫސްވެރިންގެ ބޮލަށް ފުލުހުން ކަކުލުން އެރި އެވެ. ފުލުހުން އަމަލު ކުރި ގޮތުން ބައެއް ނޫސްވެރިންގެ ގައިން ވަނީ ލޭ އައިސްފަ އެވެ.
ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް ސޯޝަލް މީޑިއާ ރެގިއުލޭޓު ކުރުމުގެ އަދިވެސް ބާރު އޮތީ ލިބޭ ގޮތަށެވެ. އަދި މީޑިއާތައް ޖޫރިމަނާ ކުރެވޭ މާއްދާ ވެސް އަދިވެސް އެބަ އޮތެވެ. އުނި ކުރީ ވަކި ވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތް މާއްދާ އެވެ. އަދި ކޮމިޝަނުން ބޭނުންވާ މީޑިއާއެއްގެ ރަޖިސްޓްރީ ބާތިލު ކުރެވޭނެ ގޮތަށް އޮތް މާއްދާތައް ވެސް އެބަހުއްޓެވެ.
ތެދު ހަބަރަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ލިބެނީ ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށެވެ. އަދި މީޑިއާ އެތިކްސް ހެދުމުގައި ކަނޑައަޅަންޖެހޭ އުސޫލުތައް ވެސް ބަޔާންކޮށްފައި ހުރީ އެ ބިލުގަ އެވެ. އޭގެ ތެރޭގައި، އާންމު މަސްލަހަތު ގެއްލޭ މައުލޫމާތަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ބިލަށް އިތުރުކޮށްފައިވާ މާއްދާތަކުގެ ތެރޭގައި، ކޮމިޝަނަށް ހުށަހަޅާ މައްސަލަ ބަލަން މެންބަރުން ކަނޑައަޅާނެ ގޮތުގެ އުސޫލު ބަޔާންކޮށްފައި އޮންނަ މާއްދާތަކެއް ހިމެނެ އެވެ. ބިލު އިސްލާހު ކުރީ، ކޮމިޝަނުގެ ބޭރުން ވެސް ވަކި މައްސަލައެއް ބެލުމަށް މެންބަރުން އައްޔަން ކުރެވިދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ