ހަތެއް 14
"މަރު އަންނާނީ ދައުވަތު ދީފައެއް ނޫނެވެ. ހަމަ ކުއްލިއަކަށް ބަލާ އަތުވެދާނެއެވެ. ވަގުތު ހަމަވުމުގެ ކުރިން ތައުބާވާށެވެ." *** "ކޮބާ އަހަރެން ބުނިގޮތަށް ނު މިވަނީ...އަޒިއެލް ސައިކޯކަމުން ގޭ އެންމެން ބިރުން...ދުވަހަކު އެ ނަފްސާނީ މައްސަލައަކުން އަރާނުގަނެވޭނެ. އޭނަ ކިހިނެއް މީހަކާއި އިނދެގެން އުޅޭނީ؟ މޮޔައެއްކަން އެނގި އެއްވެސް އަންހެންކުއްޖަކަށް އެކީ އުޅޭކަށް ނުކެރޭނެ. އަމިއްލަ އާއިލާވެސް އެއުޅެނީ ބިރުން ވިއްޔަ.." މާހިރާ ރީތިވާ މޭޒުދޮށުގައި އިށީނެވެ. "ބައިޕޯލާ ޑިސްއޯޑާ ހަމަ ބޭހުންނާއި ތެރަޕީއިން މެނޭޖްކުރެވޭ..އާޒްއަށް ބޭނުންވަނީ ސަޕޯޓް...ތެރަޕީ..." ޒޭބާ މަޑުމަޑުން ކިޔައިލިއެވެ. "އަހަރެން މިބުނަނީނު ޒޭބާ...އެ ފިރިހެންދަރިއަށް ދުވަހަކުވެސް ޑިސިޕްލިން ދަސްކޮށްދެވިފައެއްނެތް....އެކުއްޖާ ބޭނުން ހުރިހާ އެއްޗެއް މަންމަ ދެމުން ދޔައީ..ފޯނާއި ވީޑިއޯ ގޭމް...އެއްވެސް ގަވާއިދެއް ހަމައެއް ލަމައެއް ނެތް.....ދެން މިހާރު ދައްތަމެން އެކިޔަނީ ކޮން ބައިޕޯލާއެކޭ...." "އެއީ ކޮންމެހެން ސްޕޮއިލްކޮށްގެން ވާކަމެއްނޫން މަންމާ..ބައިޕޯލާއަކީ ހަގީގަތުގައި ހަމަ މެޑިކަލް ކޮންޑިޝަންއެއް....ބްރެއިން ކެމިސްޓްރީއަށް އަސަރުކޮށްގެން ދިމާވާކަމެއް..މޫޑް ބަދަލުވުންފަދަ..އެއީ ފޯނެއް އަތުލުމުން ހައްލުވާ ޒާތުގެ ކަމެއްނޫން..." "އަހަރެމެންނަކަށް މި ޒަމާނުގެކުދިންގެ ކަންތައްތަކެއް ނޭގޭ..އަހަރެމެންގެ ޒަމާނުގައި ނަފްސާނީ މައްސަލަތަކަކީ އޮންނަ ކަމެއްނޫން. އަހަރެމެންގެ ޒިންމާތަކެއް އޮވޭ.. ހިތާމަކުރަންޏާ ޖެހެނީ ގަދަޔަށް މަސައްކަތްކުރަން. ރުޅިއައީމަ ނަމާދުކޮށް ދުޢާކުރަނީ...މިހާރު އެންމެން ކޮންމެވެސް ލޭބަލެއް އަޅުވައިގެން. ކޮންމެ މީހަކު އުޅެނީ ނަފްސާނީ ކަމަކުން އަރާ ނުގަނެވިގެން. މިހާރުވެސް ތި ފޯނާއި އެއްޗެހި އެއްލާލާފައި ހާމަ ވަޔާއި އަތްވަށް ނުކުމެ ކާބަފައިންހެން ކައިބޮއި އުޅުނީމަ ބޮލަށް އެރޭ ޖިންނިތައް ހިނގައިދާނެ...." މަންމަގެ ވާހަކަތަކުން ނުރުހުންވިޔަސް އޭނަ މޫނުމަތިން އެކަމެއް ނުދައްކައެވެ. އުނގުގައި އޮތް ކުޝަންއާއި ކުޅެލަމުން ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން އިނީއެވެ. "މަންމަ މިބުނަނީ ހަމަ ތެދެއް. ނަފްސާނީ ކަންތައްތަކަކީ ފްލޯކެއް..އަޒިއެލް ޅަ ކުރާވަރުން ސަމާލުކަން ހޯދަން ސްޓަންޓް ޖައްސަނީނު.." "މަންމާ ދެޓްސް ނޮޓް ފެއާ..އެކަމާއި ބެހޭގޮތުން ވާހަކަ ނުދެއްކުމަކީ އަދި ނަފްސާނީ މައްސަލަ ވުޖޫދުގައި ނެތުމެއްނޫން. މީހުން ހިމޭންކަމާއެކު އެ ވޭނުގައި އެކަނިމާއެކަނި އުޅެމުން ދަނީ...ބޮޑުބޭބެ ސަމީރު ވަޒީފާއަށް ނުގޮސް އެތައް މަހެއް ވެގެން ދިޔައީ ކަންނެތްވެގެންހެން މަންމައަށް ހީވޭތަ؟" މާހިރާގެ ރާގު ކޮންމެވެސް ވަރަކަށް ބަދަލުވިއެވެ. " ބޮޑުބޭބެއަށް އުދަގޫ ދުވަސްކޮޅެއް އައީ. އެންމެނަށްވެސް އެހެން ދިމާވެދާނެ.." "މަންމަ ތިބުނާ އުދަގޫ ދުވަސްކޮޅުގެ ސަބަބުން ސަމީރުބޭގެ ފުރާނަ ނުދިޔައީ ހަމަ ކިރިޔާ..މަންމަ ހަދާނެއް ނެތްތަ؟ ސަމީރުބެވެސް ހަމަ ބައިޕޯލާ ޑިސްއޯޑާކަމަށް ޑޮކްޓަރު ބުނުއްވީ..އެއީ ހަމަ ވާރުތަވެސް ވާކަމެއް. މާހައުލާއި ލިބޭ އަނިޔާތަކާއި އެހެން ކަންތައްތަކުގެ ސަބަބުން ޓްރިގާ ނުވާވާހަކައެއްނޫން......." އޭނަ އަޒިކިއެލް ދިފާއުކުރިއެވެ. "ދެން ކިހިނެއް ހަދަންވީ؟ އެކަން ގަބޫލުކުރަންވީ؟ މީހުން ބޭނުންގޮތަކަށް ފުރޮޅިފައި ނިމޭއިރު ކުށްވެރިވަނީ އެމީހުންގެ ސިކުނޑި..." "ނޫން. އަހަރެމެން ސަޕޯޓް ދޭންވަނީ.. ދަސްކުރަންވީ. އެމީހުން ލަދުނުގަންނަވަންވީ...އާޒްއަށްވެސް ބޭނުންވަނީ ތެރަޕީ...ފަހަރެއްގައި އެއާއެކު ބޭސް...ފައިސަލާ ކުރުމެއްނޫން..." "އަހަންނަކަށް މީތި ދޭހައެއްނުވޭ...ހަމަ އިހުސާސްވަނީ ދަރިން ގެންގުޅޭގޮތުންހެން." "އެ އޯކޭ....ހުރިހާކަމެއް އެނގޭކަށް ނުޖެހޭނެ...އެކަމަކު މަންމައަށްވެސް ހަމްދަރުދީވެވިދާނެ..." ވައިގެ ރޯޅިތައް ބާރުވެލާންފެށުމާއެކު ގަސްތަކުގެ ފަތްތައް ހަލުވައިލިއެވެ. ބައެއްގަހުން ފަތްތައް ވެރުނުއިރު ފިނިފެންމަލުގެ ފިޔަތައްވެސް ވެރުނެވެ. އެދިމާލުގައި ހުރި އާފަލުގަސްކުރިން އާފަލުތަކުން ބަރާވެފައިވާއިރު މިހާރު ގަހުގައި ހިފަހައްޓާލެވިފައިވަނީ މަދު އާފަލަކަށެވެ. ބައެއް އެއްޗެހީގައި ރަތްކުލަހުރިއިރު އަނެއް އާފަލުގައި ކުޑަ ފިޔާތޮށިކުލައަކާއެކު ރަންކުލައެވެ. ފަތްތައްވެސް ވިދާ ފެހިކުލައިންގޮސް އަނގުރު އަދި އޮރެންޖް ކުލައަށް އަރާ އަރިމަތިން ބުޅިވާން ފަށާފައިވެއެވެ. ވިނަގަނޑުމަތީގައިވާ ފަތްތަކާއެކު އެކުވެފައިވާ ބައެއް އާފަލުތައް ރީތިކޮށް ހުރިއިރު އަނެއްބައި ހަލާކުވެފައެވެ. ޒޭބާ ވައި ޖައްސައިލަން ބޭރަށް ނުކުމެލާފައިވެސް ލޯ ބޭގަރާރުކަމާއެކު އެހެން ފަރާތެއް ހޯދަން މަސައްކަތްކުރިއެވެ. ނަމަވެސް ވީ ނާކާމިޔާބެވެ. ފޮތެއް ހިފައިގެން ބެންޗުގައި އިށީނަސް އެންމެ އަކުރެއްވެސް ބޮލަށް ވަންނަގޮތެއްނުވިއެވެ. އެކި ޚިޔާލުތައް އުދަގޫކުރިއެވެ. *** ކައިލާއާއި ޒޭބާ ކުޑަ ސްޓޯލްއެއްގައި ތިބިއިރު އެތާގައި ހުރި ލީފްލެޓްގައިވަނީ "މެންޓަލް ހެލްތް އެންޑް ފެއިތް..ބްރޭކިން ދަ ސްޓިގްމާ ޓުގެދާ"އެވެ. ކިޔަވާކުދިން މަޑުކޮށްފައި ކިޔަވާފައި ސުވާލުކުރިއެވެ. ޒޭބާ އޭނަގެ ހުށަހެޅުމުގެ ތަޖުރިބާ ކިޔައިދިނެވެ. ކައިލާ ކިޔާދިނީ އޭނަ ބޮޑުވަމުން އައިއިރުގެ ތަޖުރިބާއެވެ. ދެކުދިން ސައިބޯންތިބިއިރު މަޑުމަޑުން ހެމުން އެކުވެރިކަމާއެކު ވާހަަކަދައްކަމުން ދިޔައެވެ. ދެމީހުން ގުޅިގެން ހިންގާ އެ މަޝްރޫއަކީ ދެ ދުނިޔެ ގުޅުވައިދޭ ފާލަމެކެވެ. ސައިންސާއި ފުރާނައެވެ. ޕްރޮފެސަރަކު ދަމުން ހިތްހަމަޖެހުނުކަން ދޭހަވާފަދަގޮތަކަށް ވާހަކަދެއްކިއެވެ. "މިއީ މުޖުތަމައަށް ބޭނުންވާ މަސައްކަތަކީ..ކުރިއަށް ގެންދޭ.." *** އަޒިއެލް ތެރަޕިސްޓްގެ ކުރިމަތީގައި ހުރި ގޮނޑިއެއްގައި އިނީ ހަމަޖެހިލައިގެން އަތްތިލަ މަހާލައިގެންނެވެ. މޫނުމަތިން ފެންނަނީ ހަމަޖެހުމުގެ ކުލަވަރެވެ. އަޒިއެލް...ބޭހުގެ ބެލެންސާއިމެދު ދެކެނީ ކިހިނެއްތަ؟" އަޒިއެލް ހިނިތުންވެލިއެވެ."ދަސްކުރަމުން މިދަނީ...އެކަތީގެ މައްޗަށް އަނެކަތި ގަދަކުރުމެއްނޫން..އެއީ ފާޑެއްގެ ނެށުމެއް...ބޭހުން އަހަރެންގެ ސިކުނޑި ހަމައަކަށް އަޅުވާ...ނަމާދުން ފުރާނަ ހަމަޖައްސާ...ދޭތި އެކުވެގެން މި ތޫފާނުގެ ތެރޭގައި ހިނގަން އެހީވަނީ..." އޭނަ ކުޑަ ނޯޓްފޮތެއް ހުޅުވިއެވެ. ފުރިފައިވަނީ އެކި ނޯޓްތަކުންނެވެ. އާޔަތްތަކާއި އެއިން ލިބޭ ފިލާވަޅުތަކާއި ތެރަޕީގެ ވާހަކަތަކެވެ. *** ކޮޓަރި ސާދާވެފައި ލޮލަށް ފަސޭހަ މަޑު އައްޔެއް ފެތުރިފައިވިއެވެ. މުސައްލަތަކާއި ގޮނޑިތައް އަތުރާލާފައިވީ ވަށްބުރެއްފަދައިންނެވެ. އަޒިއެލް އިނީ މެދުގައެވެ. އޭނަގެ އަތުތެރޭގައި މުސްހަފެކެވެ. ވަށައިގެން ޒުވާނުންނާއެކު ދެތިން ދުވަސްވީ މީހުންނާއި ފަރުދާގެ ފަހަތުގައި އަންހެނުންވެސްމެއެވެ. "މިއީ ދަރުހެއްނޫން. ހިތާމަ ފައުޅުކުރުމާއި، އުފާވެރިކަން އަދި ސުވާލުކުރުމުގެ މަކާނެއް...ދުނިޔެ ނުތަނަވަސްކަމުގެ ތެރެއަށް ގެނބިގެންދާއިރު އަހަރެމެން އެންމެންނަށް ހަމަޖެހިގެން ނޭވާއެއް ލެވޭނެ ތަނެއް.. "އަޒިއެލް ބުނެލިއެވެ. ޒުވާނަކު އޭނައަށް "ޕެނިކް އެޓޭކް" ޖެހުމުން ވާގޮތްތައް ހިއްސާކުރިއެވެ. އަނެކަކު ބުނީ އޭނައަށް އެއްގޮތަކަށްވެސް ބައްޕަގެ ކުރިމަތީގައި ރުއިމުގެ ހިތްވަރު ނުލިބޭކަމުގައެވެ. އަޒިއެލް ސަމާލުކަމާއެކު އަޑުއެހިއެވެ. "ޖަޒުބާތުތަކަކީ ތިބާގެ ދުޝްމިނެއްނޫން. ކީރިތި ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްވެސް ކީރިތިކުރެއްވި، އެކަލޭގެފާނު ހޮހަޅައަށް ވަދެވަޑައިގެންނެވީވެސް ސަލާމަތްވާކަށް ނޫން. އެކަންތައްތައް އަންޑަސްޓޭންވާން.." ކޮޓަރިތެރެއަށް ހިމޭންކަން ވެރިވިއެވެ. ސުވާލުތަކަކުން އެކަންޏެއްނޫނެވެ. އެގޮތަށް ކަންތައް ހިއްސާކުރުމަކީވެސް ސިކުނޑިއަށް ލިބޭ ފަރުވާއެވެ. ތަންކޮޅެއް ދުވަސްވެފައިވާ މީހަކު އަޒިއެލްއާއި ކައިރިއަށް އައިއިރު ލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ. "ދަރިފުޅު.......ތި ތަދާއި ވޭނަކީ އެހެން މީހެއްގެ ފާނޫޒަކަށް އެބަވޭ.... ﷲ ތައާލާ އަބަދުވެސް ތި ހިތް މަޑުކުރައްވާށި...." އަޒިއެލް ހިނިތުންވެލިއެވެ."ބައެއްފަހަރު ވަރަށް އުދަގޫ..އެކަމަކު މިހާރު އެކަނިނޫންކަން އިހުސާސްކުރެވޭ...." ދުވަސްވެފައިވާ މީހާ އޭނަގެ އިސްތަށިގަނޑުގައި ފިރުމައިލުމުން ހުވަދުގެ ވަސް ނޭފަތުގައި ޖެހުނެވެ. *** އަޒިއެލްއާއި އޭނަގެ މަންމަ ކާކޮޓަރީގެ މޭޒުކައިރީގައި ތިބިއިރު އަޒިއެލްގެ އަތުގައިހުރީ އެޕްލް ސައިޑާ ތަށްޓެކެވެ. "ދަރިފުޅުގެ ހަލަގާ އަޑު އެހި އާއިލާއެއް އެބަވޭ..އެމީހުންގެ އަންހެންދަރިއެއް ހުރޭ...އެމީހުން ދަރިފުޅާއިމެދު ވަރަށް ޝައުގުވެރިވެއްޖެ..."މަންމަގެ ލަފުޒުތަކާއިއެކު އޭނަގެ ހުރިހާ ހިއްސުތަކެއް ތޫނުވިއެވެ. "އަހަރެން؟ އެއީ ކީއްވެ؟" "އެމީހުން ބޭނުންވަނީ އެކުއްޖާއާއި ކައިވެނިކުރަން..." އަޒިއެލްގެ ދުނިޔެވެސް ހުއްޓުނުފަދައެވެ. "މަންމަ ތިކުރަނީ ސަމާސާއެއްތަ؟" "އެކުއްޖާ ކިޔަވަނީ ގުރުއާނިކް ސައިކޮލޮޖީ. އެކުއްޖާގެ މަންމަ ބުނިގޮތުން ދަރިފުޅުގެ ހިތްވަރަށް އެކުއްޖާ ވަރަށް އެޑްމަޔާކުރޭ.." "މަންމާ...އެކަމަކު އަހަރެން ކިހިނެއް؟ މެރީކުރާކަށް ބޭނުމެއްނޫނޭ މަންމަ ބުނިނަމަ..މިއުޅެނީ އަމިއްލަ ނަފުސާއިގެން ނޫޅެވިގެން...އިމޭޖިންއެއް ނުކުރެވޭ އެކޮޓަރި އެހެން މީހަކާއި ޝެއާކުރަން...އެއީ އަންހެންކުއްޖަކަށް ފަސޭހަވާނެކަމެއްނޫން...އެޕިސޯޑެއް އަތުވެއްޖެއްޔާ؟ އޭނައަށް އެހެން މީހުން އަހަރެންދެކެ ބިރުގަންނަ ސިފަތައް ފެނުނީމަ ވާނީ ކިހިނެއް؟" އޭނަ ކުޑަދޮރުން ބޭރަށް ބަލަންފެށިއެވެ. ޚަރީފު މޫސުމްގެ ފޭރާން އަޅާފައިވާ ގަސްތަކުން އެހިސާބު ފެންނަލެއް ވަރަށް ނަލައެވެ. ފަރުޒާނާ އޭނަގެ އަތުގައި ފިރުމަންފެށިއެވެ." އޭރުން އޭނަވެސް ދަރިފުޅަށް ހަމަ ޖާގަދޭނެ، މަންމަމެން ފަދައިން..ދަރިފުޅުވެސް އެހެން މީހުންނާއިމެދު ކަންތައްކުރާ އުސޫލުން...އާޒްވެސް ބުނަމެއްނު. ރަސޫލު ބޭކަލުންނަށްވެސް އެފަދަ މޮޅިވެރިކަމާއި ކުރިމަތިވީމަކަށް. އެކަމަކު އެތައް އިންސާނުންނެއްގެ ލޯބި ލިބިފައިވޭ..." އަޒިއެލްގެ ލޮލަށް ކަރުނަ އައެވެ. އޭނަ އަދި އާއެކޭ ބުނަން ތައްޔާެރެއްނޫނެވެ. ނަމަވެސް އޭނަ ނޫނެކޭވެސް ނުބުނާނެއެވެ. އަދި މާ އަވަހެވެ. *** އަޒިއެލްއަށް އައި ބަދަލާއިމެދު ޒޭބާ ހައިރާންވިއެވެ. އަނގައިން ބުނެވޭފަދަ ފުރުސަތެއްވެސް ނުދެއެވެ. ބީރައްޓެހިކަމާއި ދުރުކަން ކުއްލިއަކަށް ފެނުމުން ހައިރާންކަމާއެކު މޮޅިވެރިކަން އޭނަގެ ޖިސްމާއި ރޫހުވެސް ގުޑުވާލައިފިއެވެ. އެކަމާއި ބެހޭގޮތުން ކައިލާއާއި މަޝްވަރާކުރަން ބޭނުންވި ނަމަވެސް ނުކުޅެދުނެވެ. ހާސްކަން ކުޑަކުރަން ފޮނި އެއްޗެހި ކެވޭލެއް ގިނަވާންފެށިއެވެ. ނެގިމަޑުވެފައި ހުރުމުން އެކި ފަރާތްތަކުން ސުވާލުކުރެވުމުން ކިޔެވުމުގެ ސްޓްރެސްކަމަށް ބުނެ ނިންމާލައެވެ. އޭނަވެސް ގެއަށް ވަންނަގޮތަށް ކޮޓަރިއަށް ވަދެ ފޮތްތައް ހިފައިގެން އިންނަނީއެވެ. ސިކުނޑީގައި އުފެދިފައިވާ އެތައް ސުވާލުތަކެއްގެ ޖަވާބު ލިބުނީ މަންމަގެ ފަރާތުންނެވެ. އޭނަ ނިދަން ތައްޔާރުވެ ރަޖާ ގައިގާ އޮޅާލައިގެން ހަމަޖެހިލިތަނާ މަންމަ ބުނެލި ޖުމްލަ ކަންފަތަށް އިވުނީ ހޮނުގުގުރިއެއް ފަދައިންނެވެ. "ދައްތަ ބުނި އަޒިއެލް މީހަކާއި އިންނަނީޔޯ...." "ދައްތަ ސަމާސާކުރީކަމަށްވާނީ.." އޭނައަށް ލިބުނު ޝޮކް ފިލާ ދިޔައީ ސިކުންތުކޮޅެއްފަހުންނެވެ. އަމިއްލަ ހިތަށް ވިސްނާދީގެންނެވެ. "އަހަރެންވެސް ހީކުރީ އެހެންކަމަށް...އެހާ ރަގަޅު އާއިލާއެއްގެ އަންހެންކުއްޖަކަށް އާޒް ނޫން ކުއްޖެއް ނުފެނުނީ ކީއްވެ؟ އައިބެއް ހުރި ކުއްޖަކަށްވެދާނެ. ނޫނީ އަޒިއެލްހެން ސިކުނޑީގެ މައްސަލަ ހުރިކުއްޖަކަށް ވީމަ މައިންބަފައިންވެސް އެނޫންގޮތެއް ނެތިގެން ޚިޔާރުކުރާނީ..އެނގިދާނެތާ...މަންމަވެސް މިހިރީ ކުޅިބަލަން. އެކުއްޖާއަށް ކެތްކުރެވޭނީ ކިތައް ދުވަހަށް ކަން ނޭގެނީ...ދެމީހުން ތަޅާ ފޮޅާ ނުގަތިއްޔާ ވެދާނެ..އެކަމަކު މަންމައަށް މިވަރުގެ އުފަލެއް މިއިން ޒަމާނެއްގައި ލިބުނުކަމެއް ނޭގޭ. އާޒްއަށް އުފާވެރި ހަޔާތެއް ލިބުނީމަ..ބޮލުން ބޮޑު ބުރަދަނެއް ނެއްޓިގެން ދިޔަފަދަ...." މަންމަ އުފާވީ ސަބަބު ސީދާ ނުބުނިކަމުގައި ވިޔަސް އޭނައަށް ވިސްނުނެވެ. މަންމަގެ ބިރަކީ އޭނައާއި އަޒިއެލްގެ ގުޅުމެވެ. ޒޭބާގެ ލޮލަށް ކަރުނަ އައެވެ. އަޒިއެލްގެ ބީރައްޓެހިކަމުގެ ސަބަބު ދެނެގަނެވިއްޖެއެވެ." މަންމާ އެއީ ކާކުތަ؟" "ރުޚުސާ..މުސްލިމް އަންހެންކުއްޖެއް...." "މަންމާ.. އަހަރެން ނިދި އަތުވެއްޖެ...." އޭނަ އިތުރު އެއްޗެއް އޮޅުން ފިލުވަން ބޭނުމެއްނޫނެވެ. ނަމަވެސް މަންމަ އެކުއްޖާއާއި ބެހޭގޮތުން ވާހަކަދައްކަމުން ދިޔައެވެ. އޭނަ ބޮލާއެކު ރަޖާ އޮޅާލައިގެން ކަންފަތް މަތީގައި ކުޝަން ޖައްސާ ބާރުކޮށްލައިގެން އޮތްއިރު ހިފެހެއްޓުމެއްނެތް ކަރުނަ ތިރިއަށް ދެމެމުން ދިޔައެވެ. ހުއްޓުވަން އޭނަ މަސައްކަތެއްނުކުރެއެވެ. ކަރުނައަކީވެސް ފަރުވާއެކެވެ. ސިކުނޑިއަށް ލިބޭ ލުޔެކެވެ. *** ބަގީޗާތެރެއަށް ވެރިވެފައިވަނީ ރަންގުކުލައިގެ އައްޔެކެވެ. މުށި، ރަން އަދި ރަތްކުލަ އަރާ ފަތްތައް ކަންނެތްކަމާއެކު ބިމަށް ފައިބަމުން ދިޔައެވެ. ކުރިމަތިން ފެންނަން ހުރި މޭޕަލް ގަސްދަށުގައި ހުރި ގޮނޑިއަށް ފަތްތައް ވެރިފައިވާއިރު ބައެއްގޮފިތަކުން އެއްކޮށް ފަތްތައް ހުސްވެފައެވެ. ވައިގާ ހިފާފައިވީ ބިންގަނޑުގެ ތެތްވަހާއެކު ހަލާކުވަމުންދާ ފަތްތަކުގެ ފޮނި ވަހެވެ. ދޫނިތައް ލަވަކިޔަމުން ދިޔައެވެ. ތަންކޮޅެއް ދުރުން ފިނިފެންމާ ގަހުން މަރުވެފައިވާ ފަތެއް ވަކިކޮށްލަމުން ޒޭބާ ހީލިއެވެ. "ކައި.....އާޒް ހަމަ މީހަކާއި އިންނަނީތަ؟ އަހަންނަށް ގަބޫލެއްނުކުރެވޭ.." "މަންމަ އެކަހަލަ ވާހަކައެއް ދެއްކި. އެއީ އަދި ޔަގީންކަމެއް ނޫނެއްނު.." "ކީއްވެ ޔަގީން ނުވަނީ؟" "ތިއްތި އެއްބަސްނުވެއެއްނު.....ހީވާގޮތުން ރިޖެކްޓްކުރާނީ.." "އޯ..."ޒޭބާގެ ހިތުގައި އުއްމީދުގެ އަލިކަމެއް ދިއްލުނެވެ. *** އަޒިއެލް އާއި ރުޚުސާ ތިބީ މިސްކިތް ކައިރީގައެވެ. ރުޚުސާގެ ފެއްސާއި އަޅި އަދި ނޫ ކުލައިގެ ލޮލުން ފެނުނީ ޝައުގުވެރިކަމެވެ. ގަދަފެހިކުލައިގެ ހިޖާބު ކުރުކޮށް އަޅާލާފައި ޖިންސަކާއެކު ދިގު ހެދުމެއްލައިގެން ހުރުމުން ހިތްގައިމެވެ. އޭނަ ހުރީ ނޯޓްފޮތް މޭގައި ޖައްސާ ބާރުކޮށްލައިގެންނެވެ. "އަހަރެން ކިން އާޒްގެ އާޓިކަލްއެއް...ފެއިތް އަދި މޭނިކް އެޕިސޯޑާއި ބެހޭގޮތުން ލިޔެފައި ހުރީއިރު ހަމަ ރޮވުނު....އަހަންނަށް ނުބުނެވި ހުރި ވާހަކަތައް އެހެން މީހެއްގެ ދުލުން ކިޔައިދިންފަދައިން އިހުސާސްވީ" އަޒިއެލް ހިނިތުންވެލިއެވެ. ޔަގީން ނުވެފައި ކަހަލަ ގޮތަކަށެވެ. "އަހަރެންވެސް ހަމަ ލިޔަން ނުލިޔަން ހުރެފައި އެ ނިންމައިލީ..އަހަރެން ބިރުގަތީ...އަހަންނަކީ ހަމަނުޖެހޭ މީހެކޭ މީހުން ކިޔާފާނެތީ...އަންފިޓް އޭ ބުނެފާނެތީ..." "ބައެއްފަހަރު އަލިކަން ފަތުރަން އެންމެ ރަގަޅު ދޮރަކީ ހަމަ ހަލާކުވެފައި ހުންނަ އެއްޗެހިން..." ހިމޭންކަން ވެރިވެގެން ދިޔަ ނަމަވެސް ދެމީހުންނަށްވެސް އެހާ އުދަގޫ އިހުސާސެއް ނުކުރެވުނެވެ. "އަހަރެން ކަހަލަ މީހަކާއި ކައިވެނިކުރުމުން އެހާ ފަސޭހައެއްނުވާނެ. ދޭތެރެއަކުން ރިލަޕްސް ވޭ...ބައެއް ރޭތަކުގައި އެއްގޮތަކަށްވެސް ނުނިދަން.ދުވާލު އަހަރެން ބައެއްފަހަރު ހިތަށް އެރި އެއްޗެއް ބުނެލަން.މީންކޮށްފައެއްނޫން އެކަމަކު......" "އެކަން އެނގޭ، އަހަރެން ކަހަލަ މީހަކާއި ކައިވެނިކުރުމުން ޔަގީނުންވެސް ކޮންމެ ހާލެއްގައިވެސް ދޫކޮށްފައި ނުދާނެކަން އެނގޭނެ...އަހަރެންވެސް ގަބޫލުކުރަން ފަރުވާ...ރަހުމަތް..އަދި ގަދަރު...." ރުޚުސާ ހިނިތުންވެލިއެވެ." އަދި ސްޓްރެސްވީމަ ހަމަ ގިނަފަހަރު ކޭކު ކަހަލަ އެއްޗެއް ފިހާ ހިތްވޭ....އެހެންވީމަ ކޮންމެ ގޮތެއްވިޔަސް އާޒްއަށް ސަވައިވްވާނެ ދޯ..." އަޒިއެލް ހިނިގަނޑެއް ޖަހައިލިއެވެ. އެކަމަކު އިނގިލިތައް ކޮންމެވެސް ވަރަކަށް ތުރުތުރުލިއެވެ. ކޮންމެގޮތެއްވިޔަސް ފުސްބިއްލޫރިގަނޑަކުން އަލި ވަންނަފަދައިން އުއްމީދުވެސް ލިބުނެވެ. *** މޮނިޓަރތަކުގެ މަޑު އަޑު އިވެމުން ދިޔައެވެ. ކަމީލާ އެނދުގައި އޮށޯވެލައިގެން އޮތްއިރު މޫނު ފެންނަނީ ހުދުކޮށެވެ. އަމްރާން ކަމީލާގެ އަތުގައި ހިފަހައްޓާލައިގެން އިނެވެ. "ބޭބީ އަށް ކަމެއްވިތަ؟" "ނޫން ލަވް...ކުޑަ އިންޒާރެއް ހަމަ...އަސްލު ފެއިންޓްވީ...މިހާރު ބޭނުންވަނީ އަރާމުކުރުން...ސްޓްރެސް ކުޑަކޮށްލުން..ސްޓްރެސްއިން ބޭބީއަށް އަސަރުކުރާނެ......" އޭނަ ކަމީލާގެ ނިތްކުރި މަޑުމަޑުން ފޮހެލަދިނެވެ. "އަލްހަމްދުލިﷲ...އަހަރެން ބިރުގަތީ ދެޓް އައި ވުޑްންޓް ބީ އިނަފް...ފޯ ޔޫ...ފޯ އަވަރ ބޭބީ..." އަމްރާން ގުދުވެލިއެވެ."ކައްމި..ތިހެން ނުވިސްނާ....އަހަރެން ދުޢާކުރިވަރަށްވުރެ މާ ރަގަޅު އަންބެއް ލިބުނީ....އަހަރެމެންނަށް ލިބޭ ދަރިފުޅަކީވެސް ބްލެސިންއަކަށް ވުމަށް ދުޢާކުރަނީ...އަހަރެން އަބަދުވެސް ކަންމިއާއެކު ވާނަން އިންޝާﷲ..." "ޔާ ރައްބު...މޫސާއަލައިހިއްސަލާމްގެ މަންމައަށް ދެއްވިފަދަ ހިތްހަމަޖެހުމާއި މަރިޔަމް ގެ ފާނަށް ދެއްވިފަދަ ހިތްވަރު ކަމީލާއަށް ދެއްވާދޭވެ، އަދި ކޮންމެ ނޭވައެއްގައި ބަރަކާތް ލައްވާދޭވެ.." އަމްރާން ދުޢާކޮށްލިއެވެ. "އާމީން..." ކަމީލާގެ ލޮލުގައި ކަރުނަ ގިނަވެގަތީ ހިތަށް ލިބުނު ފިނިކަމާއެކުގައެވެ. އުފަލުގެ ފޮނި ކަރުނައެވެ. *** ރޭގަނޑަށް ފިނިވެފައި ދަންވަމުން ދިޔަވަރަކަށް ހިމޭންކަން ފުންވިއެވެ. އެންމެންވެސް އެމީހެއްގެ ކޮޓަރިތަކުގައެވެ. އަމްރާންއާއި އަޒިއެލް ރަގްމަތީގައި އިށީދެލައިގެން ތިބިއިރު މަޑު ހޫނުކަމެއް ކޮޓަރިއަށް ވެރިވެފައިވިއެވެ. އަޒިއެލް އިނީ ފައިމަތީގައި ރަޖާ އަޅައިގެންނެވެ. ކުރިމަތީގައި ކޮފީއާއި ބިސްކޯދެވެ. "ރުޚުސާ ހީވަނީ...ހަމަ ރަގަޅުކުއްޖެއްހެން..ހިތްހެޔޮ އަދި ދީނަށް ލޯބިކުރާ ކުއްޖެއްހެން ހީވޭ..އޭނަގެ ރޫހުން އެހެން މީހުންނަށް ބަލާފަދަ. އެނގިއްޖެއެއްނު މި ބުނި އެއްޗެއް...." އަޒިއެލް ޖަވާބެއް ނުދީ ކުޑަދޮރުން ބޭރަށް ބަލަން އިނެވެ. އެ ލަފުޒުތަކުން ހީލުމެއްވެސް ނެތެވެ. "އަހަރެން އެކުއްޖާގެ ދިރިއުޅުން ބަރުބާދުކޮށްފިއްޔާ؟" އަމްރާން ހިމޭންވިއެވެ. "އަހަންނަށް ބައެއްފަހަރު އަހަރެން ފެންނަނީ ދެމީހުންގެ ގޮތުގައި..އެކަކަށް ސާފުކޮށް ހަގީގަތް ފެނޭ..އަނެކަކު އޭގައި ހުޅުޖަހައިލާ..." އަޒިއެލް ކުރިއަށް ގެންދިޔައެވެ. "ތިބުނާ ދެ އާޒްއަށްވެސް ލޯބި ހައްގު..ސަބަބަކީ ކޮންމެހެން އާޒް ޕާފެކްޓްވީމައެއްނޫން.އެކަމަކު ލޯތްބަކީ މީހާ ހަމަޖެހޭ މީހަކަށް ވެގެން ދެވޭ ހަދިޔާއެއް ނޫންވީމަ...އެއީ އިންސާނަކަށްވީތީ ދެއްވާފައިވާ ރަހުމަތެއް..." އަމްރާންގެ ޖުމްލައާއިމެދު އޭނަ ވިސްނައިލިއެވެ. "އެކުއްޖާ އުއްމީދުކުރާފަދަ މީހަކަށް އަހަރެން ނުވެއްޖެއްޔާ؟" ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ