މުޒާހަރާކުރުމުން އެންމެފަހުން ތުޅާދޫ ރޯރައުސްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓް އާއްމުކޮށްފި

ބ.އަތޮޅު ތުޅާދޫގައި އަލަށް ތަރައްޤީކުރި 100 ރޯހައުސް ލިބޭމީހުންގެ ދާއިމީ ލިސްޓް މިއަދު އާއްމުކޮށްފިއެވެ.
ރޯހައުސްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓް އާއްމުކޮށްފައިވަނީ އެ ލިސްޓް އާއްމުކުރުން ލަސްވެގެން، ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ މިއަދު ކައުންސިލް އިދާރާތެރޭގައި އިހުތިޖާޖުކޮށްފައިވަނިކޮށެވެ. ކައުންސިލް އިދާރާތެރޭގައި އިހުތިޖާޖުކުރީ ފްލެޓް ލިސްޓް އާއްމުކުރުން ލަސްވާތީއެވެ.
ތުޅާދޫ ކައުންސިލުން ވަނީ ރޯހައުސްތައް ލިބޭ މީހުންގެ ވަގުތީ ލިސްޓް އޮގަސްޓްމަހުގެ 5 ވަނަ ދުވަހު އާއްމުކޮށްފައެވެ. ރޯހައުސްތައް ހަވާލުކުރުން މިހާތަނަށް ލަސްވެގެންދިޔައީ، މިކަމާ ގުޅޭގޮތުން ތުޅާދޫ ކޯޓުގައި މައްސަލައެއް ހިނގަމުންދާތީއެވެ.
ތުޅާދޫ ރައްޔިތުންގެ ތެރެއިން ބަޔަކު މިއަދު ކައުންސިލް އިދާރާގައި...
ތުޅާދޫ ކައުންސިލުން މިއަދު ގެޒެޓްގައި އާއްމުކުރި ދާއިމީ ލިސްޓްގައި ހިމެނެނީ ކެޓަގަރީ އޭ އިން ރޯހައުސް ލިބޭ މީހުންގެ ލިސްޓާއި ކެޓަގަރީ ބީ އިން ރޯހައުސް ލިބޭ މީހުންގެ ލިސްޓެވެ.
މީގެ ތެރެއިން ކެޓަގަރީ އޭ އަކީ ތުޅާދޫގެ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ 92 ހައުސިންގ ޔުނިޓް ލިބޭ މީހުންގެ ލިސްޓެވެ. އަދި ކެޓަގަރީ ބީ އަކީ ތުޅާދޫއަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ 08 ހައުސިންގ ޔުނިޓް ލިބޭ މީހުންގެ ލިސްޓެވެ.
ތުޅާދޫގައި ދޫކުރުމަށް ތައްޔާރުވަމުންދާ ރޯހައުސް... ވޮއިސް ފޮޓޯ: ނާފިޒް
މި ފްލެޓްތަކަށް ތުޅާދޫ ރައްޔިތުންގެ ތެރެއިން 623 ހަށްވުރެ ގިނަ މީހުން ލާފައިވާއިރު، އެރަށުގައި ދިރިއުޅެމުންދާ އެހެން ރަށްރަށަށް ނިސްބަތްވާ 100 އެއްހާމީހުން ފޯމް ލިއެވެ.
ތުޅާދޫ ހައުސިން ޔުނިޓްތައް މަސައްކަތް ނިންމިތާ ދެ އަހަރަށްވުރެ ގިނަދުވަސް ވަނީ ވެފައެވެ. މިފަހަރު ދޫކުރުމަށް ތައްޔާރުވަމުންދާ ހައުސިން ޔުނިޓްތަކަކީ 2019 ވަނަ އަހަރު އިމާރާތްކުރަން ފެށި ހައުސިން ޔުނިޓްތަކެވެވެ. މި ޔުނިޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ކޮށްފައިވަނީ ޕްރިސިޝަން އިންޖީނިއަރިން ސާވިސަސްއާއި ފްލްކްސްއިންކް ޕްރައިވެޓް ލިމިޑެޓް ގުޅިގެން އުފެއްދި ކުންފުންޏަކުންނެވެ. މި މަޝްރޫޢުގެ އަގަކީ 79.6 މިލިއަން ރުފިޔާއެވެ.
ތުޅާދޫގައި ދޫކުރުމަށް ތައްޔާރުވަމުންދާ ރޯހައުސް... ވޮއިސް ފޮޓޯ: ނާފިޒް
ތުޅާދޫއަކީ އާބާދީގައި 3072 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ގޯތި ގެދޮރުގެ ދަތިކަން ވަރަށް ބޮޑު ރަށެކެވެ. ތުޅާދޫ ރައްޔިތުން ދިރިއުޅުމަށް 100 ހައުސިން ޔުނިޓް ދޫކުރުމަށް ތައްޔާރުވަމުންދާއިރު، މިއީ އަދި އެރަށަށް އެކަށީގެންވާ އަދަދެއް ނޫންކަމަށް ތުޅާދޫ ކައުންސިލުން މީގެ ކުރިން ވަނީ ބުނެފައެވެ.
ތުޅާދޫ އަކީ އެންމެފުރަތަމަ ބިން ހިއްކައިގެން ބޯހިޔާވަހިކަމަށް ގޯތިދޫކުރަން ފެށި ރަށްތަކުގެ ތެރެއިން ރަށެކެވެ. ތުޅާދޫގައި އެންމެ ފުރަތަމަ ބިން ހިއްކާފައިވަނީ ރައީސް މައުމޫން ދުވަސްވަރުއެވެ. އޭގެފަހުން ތުޅާދޫ ބިން ހިއްކާފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. ރައީސް މައުމޫނު ދުވަސްވަރު ހިއްކި ބިމުން ގޯތި ދިންއިރު، ރައީސް ނަޝީދުގެ ދުވަސްވަރު ހިއްކި ބިމުގައި 50 ހައުސިން ޔުނިޓް އަޅައި ކުލި ދައްކާ އުސޫލުން ރައްޔިތުންނަށް ދީފައިވާކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ