ޖޭޕީގެ ވެރިކަމެއްގައި ހަނިމާދޫ އެއާޕޯޓުގައި ހިނގާނީ ދިވެހިންގެ ބާރު: ގާސިމް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ވެރިކަމެއްގައި ހދ. ހަނިމާދޫ އެއާޕޯޓުގައި ހިނގާނީ ދިވެހި ދައުލަތުގެ ބާރު ކަމަށާއި ހަނިމާދޫގައި ސިފައިންނަށް ނުތިބެވޭނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ހދ. ހިރިމަރަދޫގައި މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހދ. އަތޮޅާއި ށ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ހިރިމަރަދޫގައި ތިބި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ގާސިމް ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގެންފި ނަމަ، ހަނިމާދޫ އެއާޕޯޓަކީ ދިވެހި ދައުލަތުގެ ބާރުގެ ދަށުގައި އޮންނަ އެއާޕޯޓެއް ގޮތުގައި ހަމަޖައްސަވާނެ ކަމަށެވެ.
ހަމަޖެއްސުމާއެކީގައި ބައިނަލްއަގުވާމީ ފްލައިޓުތައް ޖައްސާނެ. އެ ތަނުގައި ނުތިބެވޭނެ ބޭރު ގައުމެއްގެ ސިފައިންނަށް. މި ދަންނަވަނީ މިހާރު ވެސް. އަޅުގަނޑު ވެރިކަމަށް ގެނެސް ދެއްވައިިފި ނަމަ، ނުތިބެވޭނެ ބޭރު ގައުމުގެ ސިފައިންނަކަށް. އެއީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް އެއްވެސް ވެރިއަކަށް ދެވޭނެ ހުއްދައެއް ނޫން،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވި ގޮތުގައި އިންޑިއާ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާ މެދުގައި އެއްވެސް ކަހަލަ ހިތްހަމަނުޖެހުމެއް ނެތެވެ. އެ ހިތްހަމަނުޖެހުން އޮތީ ރާއްޖެ ހިންގަން ތިއްބެވި ވެރިންނާ ދޭތެރޭގައި ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވި ގޮތުގައި އަޅުވެތިކަމުގެ ތެރޭގައި އޮވެގެން އެއްވެސް ގައުމަކަށް އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން އެއްވެސް ކުރިއެރުމެއް ނުލިބޭނެއެވެ. ރައްޔިތުންނަށް ކުރިއެރުމެއް ހޯދޭނީ އަބަދުވެސް މިނިވަންކަން އޮވެގެން ކަމަށް ގާސިމް ވިދާޅުވިއެވެ.
ވެރިކަމަށް ކުރިމަތިލައްވައިގެން ހުންނެވީ ރާއްޖެ އަށް އަމާންކަން ހޯދައިދީ، ދިވެހިންނަށް ތަނަވަސްކަމާއި އުފާވެރިކަމާއި ރޯޝަނީ ކަން ހޯދައި ދިނުމަށް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ ޖޭޕީ އަށް ވެރިކަން ދީފި ނަމަ، ފަސް އަހަރު ދުވަހުގެ ތެރޭގައި 10،000 އެނދު ގާއިމުކޮށްދިނުމަށް ވައުދުވެވަޑައިގެންފައެވެ. ގާސިމް ވިދާޅުވި ގޮތުގައި އޭނާގެ ވިސްނުން ހުރީ ހަމައެކަނި ރިސޯޓު ތަރައްގީ ކުރުމަށް އެކަންޏެއް ނޫނެވެ. ރަށްރަށުގައި ގެސްޓްހައުސް އަޅައި ދިނުމަށް މާލީ ގޮތުން އެހީތެރިވެ، މުޅިން ތަފާތު މޮޑެލްއެއް ތައާރަފް ކުރައްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ