ގާސިމް ވެލިދު އަށް ދެއްވީ އެއާޕޯޓެއްގެ އުންމީދު!

ނ. ވެލިދޫގައި އެއާޕޯޓެއް އެޅޭނެތޯ ބަލައި އެކަން ފުރިހަމަކޮށް ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ނ. ވެލިދޫ އަށް ވަޑައިގެން ގާސިމް ވިދާޅުވީ އެއާޕޯޓުގެ ކަންތަކުގައި އެކަން ކުރެވެން އޮތީ ކިހިނެއްތޯ ބައްލަވާނެ ކަމަށެވެ. އަދި އެއާޕޯޓު އެޅޭނެ މަގެއް އޮތް ނަމަ، އެކަން ފުރިހަމަކޮށްދެއްވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
"އެހެން އެކަން ވާން ނެތް ކަމަށްވާ ނަމަ، އެއާޕޯޓާއި މި ރަށާ ދޭތެރޭގައި ޝެޑިއުލް ދަތުރުތަކެއް ހެޔޮ އަގުގައި ކުރެވޭނެ މަގު އަޅުގަނޑުމެން ތަނަވަސްކޮށްދޭނަން،" ޖުމްހޫރީ ޕާޓީގެ ލީޑަރު ކަން ވެސް ކުރައްވާ ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ މިއަދު މަސައްކަތް ކުރަން ޖެހެނީ ރާއްޖޭގައި އޮތް ހަމަޖެހުން ދަމަހައްޓައި ދަރަނިން ސަލާމަތްވުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ކަމަށެވެ. އޭރުން ރާއްޖޭގެ އިގްތިސާދު ހަލުވި ދުވެއްޔެއްގައި ކުރިއަރައި ދާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ވެރިކަމަށް ވަޑައިގެންފި ނަމަ، ވެލިދޫގައި ހޮސްޕިޓަލެއް އަޅުއްވާނެ ކަމުގެ ޔަގީން ކަން ވެސް ގާސިމް ވަނީ ދެއްވައިފައެވެ. އަދި ތައުލީމީ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލްތަކުގައި އެންމެ މި ޒަމާނުގެ ކޮމްޕިއުޓާ ލެބްތައް ގާއިމުކޮށް ކްލާސް ރޫމްތައް އެއާކޮންޑިޝަންކޮށް ސްމާޓް ބޯޑު ހަރުކޮށް ދެއްވާނެ ކަމަށެވެ.
ކޮންމެ ރަށެއްގެ ބަނދަރު މަތީގައި ރީތި މިސްކިތެއް އަޅައި ފާހަނާ ބަރިތައް ގާއިމު ކުރުމަކީ ވެސް ވައުދެއް ކަމުގައި ގާސިމް ވިދާޅުވިއެވެ. މިއީ އިސްލާމީ ގައުމެއް ކަން އަންގައި ދިނުމަށް ވަރަށް މުހިންމު ނިޝާނެއް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ