ނަހުލާ އުޅޭ ގޮތް ބަލަން ޝައުގެއް ނެތް، އެއީ މިނިވަނެެއް - ގާސިމް

އަނބިކަނބަލުން އައިޝަތު ނަހުލާ އަށް ފުރިހަމަ މިނިވަންކަން އޮންނާނެ ކަމަށާއި އެކަމަނާ އަޅާ ކޮންމެ ފިޔަވަޅެއް ފާރަލައިގެން ބެލުމުގެ ޝައުގުވެރިކަން ނެތް ކަމަށް ފިރިކަލުން ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން އަމަލު ކުރާނެ ގޮތެއް ނިންމުމަށް މިއަދު ބޭއްވި ކައުންސިލް ބައްދަލްވުމަށް ފަހު ނޫސްވެރިޔަކު ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ރިޔާސީ އިންތިހާބުގައި ގާސިމަށް ތާއީދު ހޯދަން ނަހުލާ އަމަލީ ގޮތުން ކެމްޕޭންގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. ޖުމްހޫރީ ޕާޓީން މާލޭގައި ބޭއްވި ކެމްޕޭން ޖަލްސާ އިންތިޒާމް ކުރުމުގައި އިސްކޮށް މަސައްކަތް ކުރުމުގެ އިތުރުން މާލޭގައި ވެސް އިތުރު ކެމްޕޭން ހަރަކާތްތައް ނަހުލާ ކުރިއަށް ގެންދެވިއެވެ. ނަމަވެސް އިންތިހާބުގައި ވޯޓެއް ނުލައްވައެވެ. ނަހުލާ ވޯޓް ނުލެއްވި ސަބަބެއް ވެސް އަދި މިހާތަނަށް ހާމައެއް ވެސް ނުރައްވައެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން އަމަލު ކުރާނެ ގޮތެއް ނިންމުމަށް މިއަދު ބޭއްވި ކައުންސިލް ބައްދަލްވުމުގައި ވެސް ނަހުލާ ބައިވެރިވެ ވަޑައެއް ނުގަންނަވައެވެ. ނަހުލާ އަކީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރެއް ކަމަށް ވާތީ އޭނާ އަކީ ވެސް ކައުންސިލްގެ މެންބަރެކެވެ.
ކައުންސިލް ބައްދަލުވުމަށްފަހު ގާސިމް ބޭއްވެވި ނޫސްވެރިންގެ ބައްދަލު ގާސިމް ވިދާޅުވީ އޭމާހެ އަތްބަކަށް ވީތީ ދަރިއަކަށް ވީތީ ވަކި ކަމެއް ކުރުން ލާޒިމު ނޫން ކަމަށެވެ. އަތްބަކަށް ވިޔަސް ނަހުލާއަށް ފުރިހަމަ މިނިވަންކަން އޮންނާނެ ކަމަށް ވިދާޅުވި އެވެ. އިންތިހާބުގައި ވޯޓް ނުލެއްވި ސަބަބާއި މިއަދުގެ ކައުންސިލް ބައްދަލްވުމުގައި ބައިވެރިވެވަޑައިނުގެންނެވި ސަބަބު އެނގިވަޑައިގަންނަވާނީ ނަހުލާއަށް ކަމަށް ވިދާޅުވެ އެ ސުވާލުތައް ނަހުލާއާ ކުރެއްވުމަށް ގާސިމް އެދިވަޑައިގަތެވެ.
"އޭނާއަކީ (ނަހުލާއަކީ) މިނިވަނެއް. އަޅުގަނޑުގެ އިންޓްރެސްޓެއް ނެތް އޭނާ އަޅާ ކޮންމެ ފިޔަވަޅެއް ބަލާ ފާރަލައިގެން އުޅުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް. އޭނާގެ އަމިއްލަ އިހްތިޔާރުގަައި އޮންނާނީ އެބޭފުޅާ ކަންތައް ކުރައްވާ ގޮތެއް،" ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ