ތަމަޅައިންނަށް މާފު ދިނީ ރާއްޖެއަށް އިތުރު ހަމަލާތައް ކުރިމަތިވެދާނެތީ: ރައީސް މައުމޫން

ނޮވެމްބަރު ތިނެއްގެ ހަމަލާގައި މަރަން ހުކުމް ކުރި ތަމަޅައިންނަށް މާފު ދިނީ އެމީހުންގެ ފަރާތުން އިތުރު ހަމަލާތަކެއް ރާއްޖެއަށް ލިބިދާނެތީ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. ނަސްރުގެ ދުވަހާ ގުޅޭގޮތުން ވީމީޑިއާ އަށް ދެއްވި އިންޓަވިއު އެއްގައި ރައީސް މައުމޫނު ވިދާޅުވީ މަރަން ނިޔާ ކަނޑައެޅި ތަމަޅައިންނަށް އެ ހުކުމް ތަންފީޒުކޮށްފި ނަމަ ދޭތެރެ ދޭތެރެއިން ރާއްޖެއަށް ހަމަލާދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިސްނުނު ކަމަށެވެ. އަދި ތަމަޅައިން އޭރު ދިޔައީ ލަންކާ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުން ކަމަށާއި އެމީހުންގެ ބާރާ މެދު ވިސްނުމަށް ފަހު އެ ނިންމުން ނިންމީ ކަމަށެވެ. "ސްރީލަންކާ ސަރުކާރާ ދެކޮޅަށް ތަމަޅަ ބާޣީން ހަނގުރާމަ ކުރަމުން ދިޔަ ޒަމާނެއްގަ، އެމީހުން އަތުގަ ބަރު ހަތިޔާރު ހުރި. ހުރިހާ ކަމެއް ހުރި. އެމީހުންގެ އެތައް ބަޔަކު ރާއްޖޭގަ އަޅުގަނޑުމެން ކޮންމެ ނަމެއްގަ ނަމަވެސް އެމީހުންގެ ފުރާނަ ދުއްވާލައިފިނަމަ، އެމީހުން މަރައިފިއްޔާ، މަރުގެ ހުކުމް ތަންފީޒުކޮށްފިއްޔާ އޭގެ ސަބަބުން ރާއްޖެއަށް ވާނީ ރަނގަޅުބާއޭ، ގޯހެއް ބާއޭ. އަޅުގަނޑު ވިސްނި ވިސްނުމުގަ އަޅުގަނޑަށް ފެނުނީ އެވާނީ ވަރަށް ބޮޑު ނުރައްކަލަކަށް،" މައުމޫނު ވިދާޅުވި އެވެ. މައުމޫނު ވިދާޅުވީ އެމީހުންނަށް މަރުގެ ހުކުމް ތަންފީޒުކޮށްފި ނަމަ ތަމަޅައިންގެ ނުރައްކާ އިތުރަށް ރާއްޖެއަށް ކުރިމަތިކޮށް، ރާއްޖެއިން ބޭރަށް ވަޑައިގަންނަވާ ބޭފުޅުންނަށް ހަމަލާދީ ފުރާނަ ދުއްވާލުން ފަދަ ކަންތައްތައް ކޮށްފާނެ ކަމަށެވެ. އެހެން ކަމުން ސްރީލަންކާގެ ސަރުކާރާ ވާހަކަދައްކައިގެން ރާއްޖޭގައި ހުކުމް ތަންފީޒު ނުކޮށް އެ މީހުން ލަންކާގެ ޖަލަށް ބަދަލު ކުރީ ކަމަށެވެ. ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާ ދިން އިރު، ރާއްޖޭގެ ވެރިކަމުގައި ހުންނެވި ރައީސް މައުމޫނު ވިދާޅުވީ، ދިވެހިންގެ ތެރެއިން ވެސް ބަޔަކަށް މަރުގެ ހުކުމް ކުރި ކަމަށާއި، ނަމަވެސް އެމަނިކުފާނު ވިސްނި ވިސްނުމުން އެއީ ކުރަން ރަނގަޅު ކަމެއްގެ ގޮތުގައި ނުފެނުނު ކަމަށެވެ. އަދި ހުކުމް ތަންފީޒު ކޮށްފި ނަމަ ހަސަދަވެރިކަން އިތުރުވެ ސަރުކާރަށް ނުރައްކާވާނެ ކަމަށް އެ މަނިކުފާނަށް ވިސްނުނުކަމަށް މައުމޫނު ވިދާޅުވި އެވެ. "މިވެނި މީހެއްގެ ޒަމާނުގައި އަޅުގަނޑުމެންގެ ބައްޕަ ނުވަތަ ކާފަ ވަނީ މަރާފައޭ. ހުކުމް ތަންފީޒު ކޮށްފަ އޭ. އެއަކުން ލިބޭނެ ރަނގަޅު ނަތީޖާއެއް ނޯންނާނެ. ހައްތާވެސް މީހުން ހިތުގަ ހަސަދަވެރިކަމާ ރުޅިވެރިކަމާ، އެކަހަލަ ކަންތައް އުފެދިގެން ދާނީ. ސަރުކާރަށް ވާނީ ނުރައްކާ. އެހެންވެ ވަރަށް ބޮޑަށް ވިސްނާފަ އަޅުގަނޑު އެޅި ފިޔަވަޅެއް އެއީ،" މަރުގެ ހުކުމް ތަންފީޒު ނުކޮށް މައާފްދިން ސަބަބު މައުމޫން ހިއްސާކުރި އެވެ. މައުމޫނު ވިދާޅުވީ މައާފް ދިނީ ހަމައެކަނި މަރުގެ ހުކުމަށް ކަމަށާއި، އޭގެ ބަދަލުގައި އުމުރަށް ޖަލަށް އެމީހުން ލާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ