އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވާތީ ސަމާލުވާން ބީއެމްއެލުން އެދިއްޖެ

ފޭސްބުކް އެކައުންޓްތައް ހެކްކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުން އަންނާތީ އެކަމަށް ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އިލްތިމާސްކޮށްފިއެވެ.
ބީއެމްއެލުން ބުނީ ހެކްކޮށްފައިވާ ފޭސްބުކް އެކައުންޓްތައް މެދުވެރިކޮށް އެ އެކައުންޓުތަކުގެ ފްރެންޑްސް ލިސްޓްގައިވާ މީހުންނަށް ފޭސްބުކް މެދުވެރިކޮށް މެސެޖްކޮށް ފައިސާ ހޯދަމުން އަންނަ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށެވެ.
އެހެންވެ އެގޮތަށް ފޭސްބުކް މެދުވެރިކޮށް ރައްޓެއްސެއް ނުވަތަ އާއިލާ މެންބަރެއްގެ ނަމުގައި ފައިސާ ފޮނުވުމަށް މެސެޖްކޮށްފިނަމަ، ފައިސާގެ މުއާމަލާތެއް ކުރުމުގެ ކުރިން އެހެން ވަސީލަތެއް މެދުވެރިކޮށް އެ މީހަކަށް ގުޅައި އެކަން ޔަގީން ކުރުމަށް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި އެފަދައިން އޮޅުމެއްގެ ތެރެއިން ފައިސާ ފޮނުވިއްޖެ ނަމަ ވީހާވެސް އަވަހަކަށް ބޭންކަށް އަންގައި ފުލުހަށް މައްސަލަ ހުށަހެޅުމަށް ބީއެމްއެލްއިން ވަނީ އެދިފައެވެ.
މި މައްސަލައިގެ އިތުރުން ބީއެމްއެލްގެ ނަމުގައި އެކައުންޓް އެކްޓިވޭޓް ކުރުމަށް އެދި ފޭކް ލިންކެއް ހިމަނައިގެން އެސްއެމްއެސް ފޮނުވައިގެން ކަސްޓަމަރުންނަށް އޮޅުވާލައިގެން އިންޓަނެޓް ބޭންކިން ޔޫސަނޭމާއި ޕާސްވޯޑްގެ އިތުރުން އޯޓީޕީ ހޯދައިގެން ފައިސާ ހޯދުމުގެ މައްސަލަތަކެއް ވެސް ލިބެމުން އަންނަކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.
ބީއެމްއެލްއިން އިތުރަށް ބުނީ އޮންލައިން ޕޭޖްތަކުން ވިޔަފާރިކޮށްގެން ފައިސާ ދެއްކުމަށް ފަހު މުދާ އަދި ފައިސާ ވެސް އަނބުރާ ނުލިބޭ ކަމުގެ ޝަކުވާ އާއި ކާކުކަން ނޭނގޭ ފަރާތްތަކާ އެކު ޑޮލަރުގެ މުއާމަލާތް ކޮށްގެން ފައިސާ ނުލިބިގެން އެ ކަމުގެ ޝަކުވާ ވެސް ހުށަހަޅަމުން އަންނަކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ