މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަހުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މުޅި ރާއްޖެ ލޮކްޑައުން ކުރަން ސަރުކާރުން ނިންމައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ބުރާސްފަތި ދުވަހުގެ ރޭ ނެރުނު އެންގުމެއްގައި ވާގޮތުން މުޅި ރާއްޖެ ލޮކްޑައުންނަށް ގެންދަން ނިންމާފައިވަނީ ހުކުރު ދުވަހުގެ ހަވީރު 6:00 އިން ފެށިގެންނެވެ.
އެޗްޕީއޭގެ އެންގުމުގައި ބުނެފައިވަނީ މާލެ ސިޓީ ސަރަހައްދު ފިޔަވައި އެހެން ހުރިހާ ރަށަކަށް ވެސް ޒަރޫރީ ބޭނުމެއްގައި މެނުވީ ދަތުރު ކުރުން މަނާ ކުރާ ކަމަށެވެ. އަދި ރަށްރަށަށް އަރާ ފޭބުން މަނާ ކުރި ނަމަވެސް ކާބޯތަކެއްޗާއި އެހެނިހެން ޒަރޫރީ ތަކެތި ކައުންސިލްތަކާއި ކަމާ ބެހޭ އިދާރާތައް ގުޅިގެން ފޯރުކޮށްދެމުންދާނެ ކަމަށް އެންގުމުގައި ވެއެވެ.
މީގެ އިތުރުން ރަށްރަށުގައި މީހުން އެއްވެ އުޅުމާއި ޕާޓީތަކާއި މާހެފުން ފަދަ ހަރަކާތްތައް ކުރިއަށް ނުގެންދިޔުމަށާއި އަދި، ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ނުނިކުތުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
ގެއިން ނުނިކުތުމަށް އިލްތިމާސް ކުރި ނަމަވެސް ގެއިން ބޭރަށް ނުކުމެ އުޅުން މާލެއާ އެއްގޮތަށް މަނަލެއް ނުކުރެ އެވެ. މިދިޔަ ދެތިން ދުވަހު މާލެއިންނާއި ރިސޯޓްތަކުން ރަށްރަށަށް ދިޔަ މީހުންގެ ތެރެއިން ކޮވިޑް-19އަށް ޝައްކު ކުރެވޭ ފަދަ އެއްވެސް އަލާމާތެއް ފެންނަ ނަމަ އެކަން ލަސްނުކޮށް އެންގުމަށް އެވްޕީއޭގެ އެންގުމުގައިވެއެވެ.
އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރު ނުކުރަން އެޗްޕީއޭއިން ނިންމީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
ބުދަ ދުވަހު މާލެއިން ވަނީ ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވެފަ އެވެ. ޕޭޝަންޓް21 އަކީ، އަންހެނެކެވެ. ދެވަނަ އަށް ޕޭޝަންޓް22 އަށް ވެގެންދިޔައީ އޭނާގެ ތުއްތު ދަރިފުޅެވެ. އޭގެ ފަހުން އެ ދެމައިންނާއި ކޮންޓެކްޓްވި އަންހެނަކު ޕޭޝަންޓް23 ގެ ގޮތުގައި ޕޮޒިޓިވްވިއެވެ.
މީގެ އިތުރުން ޕޭޝަންޓް23 އާ ޑައިރެކްޓް ކޮންޓެކްޓްވި އިތުރު ދެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ. އެ ދެ މީހުން ވެސް މިހާރު ވަނީ ކަރަންޓީނު ފެސިލިޓީއަކަށް ގެންގޮސްފަ އެވެ. މި ދެ މީހުންނާއެކު މާލެ ތެރެއިން ފެނުނު ކޮވިޑް-19 ކޭސްގެ އަދަދު ފަހަކަށް އެރީ އެވެ.
މާލެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި އަންހެންމީހާ އާއި އޭނާގެ ތުއްތު ދަރިފުޅާ ސީދާ ގޮތުން ބައްދަލުވި ޖުމްލަ މީހުންގެ އަދަދު މިހާތަނަށް 207 އަށް ވަނީ އަރާފައެވެ. އޭގެ ތެރޭގައި ހައި ރިސްކު ކޮންޓެކްޓްސްގެ ގޮތުގައި 75 މީހުން، މީޑިއަމް ރިސްކުގެ 43 އަދި ލޯ ރިސްކުގެ ގޮތުގައި 89 މީހަކު ހިމެނެއެވެ.
މީގެ އިތުރުން އެ އަންހެން މީހާއާ ޑައިރެކްޓު ކޮންޓެކްޓުވެގެން ބައްޔަށް ޕޮޒިޓިވްވި މީހާއާ ސީދާ ބައްދަލުވި އިތުރު 35 މީހަކު ވަނީ ދެނެގަނެވިފައެވެ.
މިއަދު ހަވީރު 6 ފެށިގެން މުޅި ރާއްޖެ ލޮކްޑައުންއަކަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ