ރާއްޖޭގެ ނޫސްވެރިކަމުގެ ދަރަޖަ މަތިކޮށް، ހަރުދަނާކުރަން ޚާއްސަ ސަމާލުކަމެއް ދެން: މީޑިއާ ކޮމިޝަން
ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު ވަޒަންކުރާ އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ މަތިކޮށް، ނޫސްވެރިކަން ހަރުދަނާކުރުމަށް ޚާއްސަ އިސްކަމެއް ދެމުން އަންނަ ކަމަށް، މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)އިން މިއަދު ބުނެފިއެވެ. ރިޕޯޓާސް ވިތްއައުޓް ބޯޑާސް (އާރްއެސްއެފް)އިން މި އަހަރު އާންމުކުރި 'ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް'ގައިވާ ގޮތުން، ރާއްޖެވަނީ 104ވަނައިން 108ވަނަ އަށް ވެއްޓިފައެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު ހަތަރު ދަރަޖަ ފަހަތަށް ޖެހުމެވެ. https://sun.mv/221330 ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އެމްއެމްބީސީން ނެރުނު ބަޔާނުގައިވަނީ، ރާއްޖޭގެ ނޫސްވެރިކަމުގެ ދަރަޖަ މަތިކޮށް، ނޫސްވެރިކަން ހަރުދަނާކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ. އެ ކޮމިޝަނުގެ ބަޔާނުގައިވަނީ، ނޫސްވެރިކަމުގެ މިނިވަންކަމަކީ މުޖުތަމައުގެ ދަންމަރާއި، އިންސާނީ ހައްގުތަކުގެ ދިފާއީ އައްޑަނައިގެ ގޮތުގައި ސިފަކޮށްފައެވެ. "ތަރައްގީގެ ފެހި މަގުތައް ކޮށައިދޭ އުސޫލުތަކެވެ، ނޫސްވެރިންނަކީ ދައުލަތް ޖަވާބުދާރީކުރުވައި، ރައްޔިތުން ބާރުވެރިކުރުވުމުގައި ވަރުބަލިކަމެއްނެތި މަސައްކަތްކުރާ ހަތަރުވަނަ ބާރެވެ..." އެ ބަޔާނުގައިވެއެވެ. https://x.com/MmbcMv/status/2050829263910371651 އެމްއެމްބީސީން ބުނީ، ރާއްޖޭގެ ނޫސްވެރިކަން ކުރިއެރުވުމަށްޓަކައި، އައު ސުލޫކީ މިންގަނޑެއް އެކުލަވައިލައި، މީޑިއާ އާ ގުޅޭ އައު ގަވައިދުތަކާއި އުސޫލުތައް ހަދައިފައިވާނެ ކަމަށެވެ. އަދި މާލީ ގޮތުން މިނިވަން، އަދި ބާރުވެރި ތަންތަނަށް މީޑިއާތައް ހެދުމަކީ އެ ކޮމިޝަންގެ އަމާޒުކަމަށް، އެމްއެމްބީސީން ބުންޏެވެ. އެއާއެކު، މައުލޫމާތު ފެތުރުމުގައި ކޮމިޝަނުން ކަނޑައަޅައިފައިވާ އަޚްލާގީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށް، އެމްއެމްބީސީން ވަނީ އިލްތިމާސްކޮށްފައެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގައި 2022 ވަނަ އަހަރު ރާއްޖެ އޮތީ 87 ވަނައިގައެވެ. އެއީ، ހިތްހަމަޖެހޭ މިންވަރެއްގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް ގައުމުތަކުގެ ލިސްޓެވެ. އެކަމަކު، 2023 ވަނަ އަހަރު ރާއްޖެ ވަނީ 100 ވަނައަށް ވެއްޓިފައެވެ. އެއީ، ނޫސްވެރިކަން ކުރަން ކޮންމެ ވެސް ވަރަކަށް ދަތިތައް ހުރި ގައުމުތަކުގެ ލިސްޓެވެ. އެ ފަހުން 2024 ވަނަ އަހަރު އިތުރު ހަ ދަރަޖަ ވެއްޓުމާއެކު މިހާރު ރާއްޖެ އޮތީ ނޫސްވެރިކަން ކުރަން ދަތި ގައުމުތަކުގެ ލިސްޓުގައެވެ. މި އިންޑެކްސްގެ މައިގަނޑު މިންގަނޑުތަކަށް ބަލާއިރު، ރާއްޖޭގެ ނޫސްވެރިކަމަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާކަން އާރްއެސްއެފުން ވަނީ ފާހަގަކޮށްފައެވެ. ވަކިވަކި ދާއިރާތަކުން ރާއްޖެއަށް ލިބިފައިވާ ސްކޯއަށް ބަލާއިރު: ސިޔާސީ މިންގަނޑު ވަނީ 123 އިން 129 އަށް، ހަ ދަރަޖަ ފަހަތަށް ޖެހިފައި ނޫސްވެރިކަމަށް އޮތް އިގްތިސޯދީ ގޮންޖެހުންތަކުގެ މިންގަނޑުގައި ވަނީ 118 އިން 157 އަށް ވެއްޓިފައި. މިއީ 39 ދަރަޖައިގެ ބޮޑު ވެއްޓުމެއް ގާނޫނީ މިންގަނޑު 103 އިން 126 އަށް، 23 ދަރަޖަ ވަނީ ދަށަށް ގޮސްފައި ނޫސްވެރިންނަށް ސަލާމަތްތެރިކަން ނުވަތަ ރައްކާތެރިކަން އޮތް މިންގަނޑުގައި ވަނީ 56 އިން 77 ވަނަ ދަރަޖައަށް ވެއްޓި، 21 ދަރަޖަ ފަހަތަށް ޖެހިފައި https://sun.mv/221448 ފާހަގަކުރެވޭ ގޮތުގައި، މީޑިއާ ކޮންޓްރޯލް ގާނޫނު އުވާލައި، ސެލްފް ރެގިއުލޭޓަރީ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ވަގުތުން ފެށުމަށާއި، "އައިޝާ" ޑޮކިއުމެންޓަރީގެ މައްސަލައިގައި އޮންލައިން ނޫސް "އަދަދު"ގެ މައްޗަށް ހިންގާ ޖިނާއީ ތަހުގީގު ހުއްޓައިލުން ހިމެނޭހެން، ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ)އިން ނުވަ ކަމެއް މިއަދު ވަނީ ސަރުކާރަށް ހުށަހަޅައިފައެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން އެމްޖޭއޭއިން މިއަދު ނެރުނު ބަޔާނުގައި ވަނީ، އާރުއެސްއެފްއިން ނެރުނު މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ސޮއްސާލައިފައިވާކަން ފާހަގަކޮށްފައެވެ. އެހެންކަމުން، މިއީ ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމަށް ވަގުތުން ފިޔަވަޅު އަޅަންޖެހިފައިވާ ވަގުތެއް ކަަމަށް، އެމްޖޭއޭއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ