ހުޅުމާލޭގައި ގާއިމުކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ މަސައްކަތް ސެޕްޓެމްބަރުގައި ފަށަނީ

ހުޅުމާލޭގައި ގާއިމުކުރާ ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ ރާއްޖެ އިސްލާމްވިތާ 900އަހަރު ފުރޭ ދުވަހު އަޅަން ސަރުކާރުން ނިންމައިފިއެވެ.
ހުޅުމާލޭގައި"ގްރޭންޑް މޮސްކެއް" ނުވަތަ ބޮޑު މިސްކިތެއް އެޅުމުގެ ތަސައްވަރު އެކުލަވާލައި އަމަލީ މަސައްކަތް ފަށަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަަވަމުންނެވެ.
އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ މީޑިއާތަކާ ހިއްސާ ކުރެއްވި މެސެޖުގައި ވިދާޅުވީ އެ މިސްކިތުގެ ބިންގާ އަޅާނީ ރާއްޖެ އިސްލާމްވިތާ 900އަހަރުފުރޭ މުނާސަބަތާ ގުޅިގެން އަންނަ ސެޕްޓެމްބަރު މަހުގެ 13ވަނަ ދުވަހު ކަމަށެވެ.
އެ މިސްކިތް ބިނާކުރެވިގެންދާ ކޮމްޕްލެކްސްގައި ވަގުފު ބިނާތަކާއި ކޮމާޝަލް ބިލްޑިންގްއަކާއި ޕާކިން ވެސް ހިމެނޭނެ ކަމަށާއި ވަގުފު އިމާރާތުން ލިބޭ ނަފާ ހޭދަކުރެވިގެން ދާނީ ރާއްޖޭގެ އިސްލާމީ ކަންތައްތަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ އިތުރުން ގުރުއާން މިއުޒިޔަމަކާއި އެހެނިހެން މުހިންމުކަންކަން ވެސް މިސްކިތުގައި ހިމެނޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއުގެ ޑިޒައިނިންއާއި ހުރިހައި މަރުހަލާއަކަށް ފަންޑުކުރަނީ މިސްކިތުގެ މަޝްރޫއަށް ފަންޑުކުރާ ފަރަތުން ކަމަށާއި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އެބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
މި މިސްކިތް ބިނާކުރެވެނީ ހުޅުމާލެ ފުރަތަމަ ފިޔަވެއްސާއި ދެވަނަ ފިޔަވެއްސާ ދެމެދުގައިކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ