ސުވަރުގެވަދެވި އަދި ވީހާ ގިނަ ޙޫރަލްޢީނުން ލިބެން އެދެމުން ފާޙިޝް ޢަމަލުތައް ކުރީމާ ސުވަރުގެ ވައްދަވާނެތަ؟ ސުވަރުގެ ނުވަދެވި އެންމެ ޙޫރަލްޢީނަކުވެސް ލިބޭނެތަ؟

އަނެއްކާވެސް ހަނދުމަކޮށްލައި މިދެނީ ވިސްނައި ޢަމަލުކުރަން އޮތް ކަމެކެވެ. މިބުނަނީ ސުވަރުގެ ވަންނަން މަސައްކަތްކުރުމާއި ވީހާ ގިނަޢަދަދަކަށް ޙޫރަލްޢީނުން ދެއްވެވުން އެދިގެން މަސައްކަތްކުރުމުގެ ވާހަކައެވެ. އެކަމަށް މަސައްކަތްނުކޮށް ސުވަރުގެ ނުވަދެވޭނެތީއެވެ. ސުވަރުގެ ނުވަދެވި ޙޫރަލްޢީނުން ނުލިބޭނެތީއެވެ. ނަރަކައަށް ވައްދަވައިފިނަމަ ބައްދަލުކުރަންޖެހޭނީ ޢަޛާބުގެ މަލާއިކަތުންނާއި ކަމަށްވާތީއެވެ.
ސުވަރުގެއަށް ވަދެވުމާއިއެކު ޙޫރަލްޢީނުން ދެއްވަވާނެ ވާހަކައިގެ އަޑުއިވޭއިރަށް ކޮންމެ މީހަކުވެސް ވިސްނަނީ ތިމާއަށް ދެއްވަވާނީ ކިތައް ޙޫރަލްޢީނުންކަމާއިމެދުގައެވެ. ދެއްވަވާނެ ޙޫރަލްޢީނުންގެ ޢަދަދާއިމެދުގައެވެ. 2 އިން ނުފުދެއެވެ. 70 ދެއްވެވިޔަސް މަދުވެއެވެ.
އެކަމަކު މިވާގޮތަކީ ޙޫރަލްޢީނުން ބޭނުންވާ މީހާ ދުނިޔޭގައި އުޅޭއިރު ކުރަން އަންގަވާފައިވާ ކަންތަކެއް ނުކުރެވެއެވެ. ނުކުރަން އަންގަވާފައިވާ ކަންތައްތައް ނުކޮށެއް ނުހުރެވެއެވެ. ބެލުންތައް ތިރިއެއް ނުކުރެވެއެވެ. ފާޙިޝް ޢަމަލުތައް ނުކޮށެއް ނުހުރެވެއެވެ. އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ޒިނޭ ނުކޮށްވެސް ނުހުރެވެއެވެ.
މީސްތަކުންނޭވެ! އަތްލީމާ ހޫނު ނުވާނެ ގޮތަކަށް އަލިފާނަކު އަތެއް ނުލެވޭނެއެވެ! އަދި އަތަށް ލައިފިނަމަ ފިނި ނުވާނެ ގޮތަކަށް އަތަށް ގަނޑުފެނެއްވެސް ނުލެވޭނެއެވެ.
ނަމަވެސް މިޘާލަކަށް ބުނާނަމަ ބޯ ރަނބަރު އަންގި ފަދަ އެއްޗެއް އަތަށް ލައްވައިފިނަމަ ފިނީގެ އަސަރު ނުކޮށްފާނެއެވެ. މިއީ ހަމަ ޙޫރަލްޢީނުން ބޭނުންވާ މީހުންވެސް ޢަމަލުކުރަން އޮތް ގޮތެވެ. ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ، ބެލުން ހުއްދަ ނުކުރައްވަވާ ކަމެއް ފެނިއްޖެނަމަ އޮތީ ބެލުންތައް ތިރިކުރުމެވެ. ފާޙިޝް ޢަމަލެއް ކުރަން ހިތްއެދިއްޖެނަމަ އޮތީ ހިތުގެ އެއެދުމަށް ރަތްކާޑުދެއްކުމެވެ. ރަތްކާޑު ދައްކަންޖެހޭ ތަނުގައި ރަތްކާޑު ނުދައްކައި "ޕްލޭއޯން" ގައި ޢަމަލުކުރާނަމަ ސުވަރުގެއިން ޙޫރަލްޢީނުން ދެއްވަވާނެ ޢަދަދާއިމެދު ޚިޔާލުކުރަންވީ ކީއްކުރަން ހެއްޔެވެ؟
ލޮބުވެތި އެކުވެރިންނޭވެ! ސުވަރުގެއިން ހަތްދިހަ ޙޫރަލްޢީނުން ލިބުމުގެ ފުރުޞަތު އޮތްވާހަކަ ބުނިނަމަވެސް ހިތެއް ނުފުރެއެވެ. ތިއަ ބުނަނީ އަދިވެސް އިތުރަށް ބޭނުންވާ ކަމަށެވެ. އެކަމަކު ކައިވެނިކުރުމަށްފަހުގައިވެސް އުޅެނީ އުޅޭނެ ގޮތަކަށެވެ. ކުރަނީ ކުރާނެ ކަމެކެވެ. ބައިވެރިޔާއަށް ވަފާތެރިނުވާތަނުގައި ބެލުންތައް ތިރިކުރަން އެންގެވީމާ ކުރަނީ އިތުރެވެ. ފާޙިޝް އަމަލުކުރުން ހައްދުން ނައްޓާފައެވެ.
ދެން ނިކަންބުނެބަލާށެވެ! ޙައްލަކީ ކޮބައިހެއްޔެވެ؟ ޙޫރަލްޢީނުން ދެއްވަވަނީ ސުވަރުގެ ވަދެވޭ މީހުންނަށެވެ. ސުވަރުގެ ވައްދަވަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭ އަޅުންނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީ ﷲ ތަޢާލާގެ އަމުރުފުޅަށް ކިޔަމަންތެރިވެ ބެލުންތައް ތިރިކޮށް ފާޙިޝް އަމަލުތައް ނުކުރަން ގަދައަޅައި މަސައްކަތްކުރުމުންނެވެ. ފާފައެއް ކުރެވުނަސް އެކަމާއި ދެރަވެ، ހިތާމަކޮށް ތައުބާވެ ފާފުއްސަވައިދެއްވެވުމަށް އެދި ދަންނަވާ މީހުންނަށެވެ.
އެހެން ނޫންނަމަ ވަންނަންޖެހޭނީ ނަރަކައަށް ނޫންހެއްޔެވެ؟ އެއިރުން ބައްދަލުކުރައްވާނީ ޢަޛާބްގެ މަލާއިކަތުން ނޫންހެއްޔެވެ؟ ވީމާ ޙޫރަލްޢީނުން ބޭނުންވެގެން އުޅޭ މީހުން މިކަންކަމަށް ސަމާލުކަންދިނުމަށް އިލްތިމާސްކުރަމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ