ރާއްޖޭގައި ޑުރަގު ބޭނުންކުރާ ދިހަ ހާހަށްވުރެ ގިނަ މީހުން އެބަތިބި

ބައި މިލިއަނެއްހާ އާބާދީއެއް އޮންނަ ރާއްޖޭގައި ދިހަ ހާހަށް ވުރެ ގިނަ މީހުން މަސްތުވާތަކެތި ބޭނުންކުރާ ކަމަށް، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި މީހުންނަށް ފަރުވާދޭ, ނޭޝަނަލް ޑުރަގު އޭޖެންސީ (އެންޑީއޭ)އިން ރޭ ބުނެފިއެވެ. ދައުލަތުގެ މީޑިއާ 'ޕީއެސްއެމް'ގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި އެ އިދާރާގެ ޗެއާޕާސަން އަދި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޞިއްދީޤް ވިދާޅުވީ، ބައި މިލިއަނެއްހާ މީހުން ދިރިއުޅޭ ރާއްޖޭގައި ދިހަ ހާހަށްވުރެ ގިނަ މީހުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކަމަށް، ތަފާސްހިސާބުތަކުން ދައްކާ ކަމަށާއި، ނިސްބަތުން އެއީ ބޮޑު އަދަދެއް ކަމަށެވެ. "އެހެންވީމާ އެއީ ހަގީގަތުގަ ނިސްބަތުން ބަލާ ކަމުގައިވާ ނަމަ، ދިހަ ވަރަކަށް ހާސް މީހުންނަކީ ވަރަށް ބޮޑު އަދަދެއް ދިވެހިރާއްޖޭގަ 450،000 މީހުން އުޅޭއިރުގަ،" ޞިއްދީޤު ވިދާޅުވިއެވެ. ޞިއްދީޤު ވިދާޅުވީ، ރާއްޖެ ވަށައި އޮންނަނީ ކަނޑު ކަމަށާއި، އެހެންވީމާ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ރާއްޖެ މަގުން އެހެން ގައުމުތަކަށް މަސްތުވާތަކެތި ގެންދިއުމަށް އެހެން ގައުމުތަކަށް ފަސޭހަވެގެން ގޮސްފައި އޮތުން އެކަށީގެންވާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވިގޮތުގައި، މަސްތުވާތަކެތި ފުޅާނުވެ އޮންނަނީ ފުލުހުންނާއި ސިފައިން ކުރާ މަސައްކަތުގެ ސަބަބުންނެވެ. ސިއްދީގު ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ ހުރިހާ ރަށަކުންވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި މީހުން ހައްޔަރުކޮށް މާލެ ގެންނަން ޖެހޭ ޖެހުމަށް އިޝާރާތްކުރައްވައި ޞިއްދީޤު ވިދާޅުވީ، ރަށްރަށުން މީހުން މާލެ ގެނެސް ބޭތިއްބުމަކީ އެންޑީއޭއަށް އޮތް ގޮންޖެހުމެއް ކަމަށެވެ. "ރާއްޖެ ބެހިފަ އޮންނަ ގޮތުން އެކި ސަރަހައްދުތަކުގަ މަސްތުވާތަކެތީގެ ވަބާގަ ޖެހިފަވާ މީހުން ނިސްބަތުންވެސް ބައެއް ސަރަހައްދުތަކުގައި ވަރަށް ބޮޑެތި އާބާދީތައް އޮތް ކަމަށް ވެފައި، އަދި އެ ސަރަހައްދުގައި އުޅޭ ބައެއް ބޭފުޅުން މަސްތުވާތަކެތީގެ ބޭނުންކުރާ ނިސްބަތްވެސް ބޮޑުވަމުން ދޭ، ބައެއް ސަރަހައްދުތަކަކީ އޭގެ ނިސްބަތުން އާބާދީވެސް ކުޑަ، އެހެންވެ އޭގެ ނަތީޖާއަކަށް އޮތީ މި ބޭނުންކުރާ މީހުން ވެސް ނިސްބަތުން ކުޑަ ސަރަހައްދުތަކަށް ވެގެން ދަނީ،" އޭނާ ވިދާޅުވިއެވެ. އާބާދީ ބޮޑެތި ސަރަހައްދުތަކުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ފަރުވާދޭން ނުވަ މަރުކަޒެއް ހުންނައިރު، އެ މަރުކަޒުތަކުގެ ޖާގަ އިތުރުކުރަން ޖެހޭ ކަމަށް ޞިއްދީޤު ވިދާޅުވިއެވެ. ސަބަބެއް ކަމަށް ޞިއްދީޤު ވިދާޅުވީ، އެ ސަރަހައްދުތަކުގައި މަސްތުވާތަކެތީގައި ޖެހިފައިވާ މީހުން ގިނަވެފައިވާތީއެވެ. މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށްޓަކައި އެންޑީއޭގެ މަރުކަޒުތަކަށް ބޭނުންވާ ވަސީލަތްތަކާއި މާލީ އެހީތެރިކަން ހަމަޖެހިގެން ދާނެ ކަމަށާއި، ސަރުކާރާ ވާހަކަ ދައްކާއިރު، މި ކަންކަމަށް ސަރުކާރުގެ ތެރެއިން ފެހި ސިގުނަލެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. "އެންމެ ބޮޑު އެއް މައްސަލައަކީ ދައުލަތުން ވަރަށް ބައިވަރު ހޭދަކޮށްގެން ކުއްޖަކަށް މި ފަރުވާ ދެވެނީ، ހަމައެކަނި ކުއްޖާއަށް ބޭސް ދީގެން އެކަނި ފަރުވާދެނީކީއެއް ނޫން، އެ ކުއްޖާ އެ ހުންނަ ތަނުގައި އެ ކުއްޖާއަށް ކާންދިނުމުގެ ކަންތައްތައްވެސް ބަލަހައްޓަނީ ދައުލަތުން، އަދި އެ ކުއްޖާގެ ނިދުމާއި ބޯހިޔާވަހިކަންވެސް ކަނޑައަޅައި، އެ ކުއްޖާ ރީހެބިލިޓޭޓް ކުރުމަށްޓަކައި އެތައް ބައިވަރު ސްޓާފުންނަކަށް މުސާރަދީގެން ގެންގުޅެން އެބަޖެހޭ،" ޞިއްދީޤު ވިދާޅުވިއެވެ. ފަރުވާދިނުމަށް ފަހު މީހަކު މުޖުތަމައަށް ދޫކޮށްލުމުން މުޖުތަމައާއި އާއިލާގެ އެއްބާރުލުން ނުލިބޭތީ ދެވަނަ ފަހަރަށް ބައެއް މީހުން މަސްތުވާތަކެތި ބޭނުންކުރަން އަލުން ފަށާކަން ޞިއްދީޤު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ