އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ނޭޓޯގެ މެންބަރު ގައުމެއްގެ ސަރަހައްދެއް ކަމަށްވާ ގްރީންލޭންޑް ހިފައި އެ ސަރަހައްދުގެ މައްޗަށް ބާރު ފޯރުވުން ހުއްޓުވުމަށް އެމެރިކާގެ ސެނެޓަށް ބިލެއް ހުށަހަޅައިފިއެވެ.
"ނޭޓޯ ޔުނިޓީ ޕްރޮޓެކްޝަން އެކްޓް" ގެ ނަމުގައި އަންގާރަ ދުވަހު ހުށަހެޅި މި ބިލަކީ ޑިމޮކްރެޓިކް ސެނެޓަރ ޖީން ޝަހީން އާއި ރިޕަބްލިކަން ސެނެޓަރ ލީސާ މުރްކޯވްސްކީ އިސްވެ ތިއްބެގެން ހުށަހެޅި ބައިޕާޓިސަން ބިލެކެވެ.
މި ބިލުގެ މަގްސަދަކީ ނޭޓޯގެ އެއްވެސް މެންބަރު ގައުމެއްގެ ސަރަހައްދެއް ބަންދުކުރުމަށް ނުވަތަ ހިފުމަށް ނޫނީ އެ ސަރަހައްދެއްގެ މައްޗަށް ބާރު ހިންގުމަށް އެމެރިކާގެ ދިފާއީ ވުޒާރާ އާއި ޚާރިޖީ ވުޒާރާގެ ފައިސާ ބޭނުންކުރުން މަނާކުރުމެވެ.
މި ބިލު ހުށަހަޅާފައިވަނީ ޑެންމާކުގެ ދަށުން އަމިއްލަ ވެރިކަމެއް ކުރަމުންދާ ގްރީންލޭންޑް އެމެރިކާގެ ދަށަށް ގެންނަން ޖެހޭ ކަމަށާއި، ބޭނުންވެއްޖެ ނަމަ ބާރުގެ ބޭނުންކޮށްގެން ވެސް އެކަން ކުރާނެ ކަމަށް ޓްރަމްޕް ތަކުރާރުކޮށް ބުނަމުންދާ ދަނޑިވަޅެއްގައެވެ.
ޓްރަމްޕް ބުނާ ގޮތުގައި އާކްޓިކް ސަރަހައްދުގައި އޮންނަ މި ބޮޑު ރަށަކީ އެމެރިކާގެ ގައުމީ ސަލާމަތަށް މުހިންމު ތަނެކެވެ. އަދި އެމެރިކާއިން އެތަން ނުހިފައިފިނަމަ، ޗައިނާ ނުވަތަ ރަޝިއާއިން އެތަނުގެ ކޮންޓްރޯލް ހޯދާފާނެ ކަމަށް އޭނާ ބުންޏެވެ.
ސެނެޓަރ ޝަހީން ނެރުނު ބަޔާނެއްގައި ބުނީ، އެމެރިކާގެ ޓެކްސް ދައްކާ މީހުންގެ ފައިސާ ނޭޓޯ ބަލިކަށިވާ ފަދަ އަދި އެމެރިކާގެ އިތުބާރު ގެއްލޭ ފަދަ ކަންކަމަށް ހޭދަކޮށްގެން ނުވާނެ ކަމަށެވެ. ސެނެޓަރ މުރްކޯވްސްކީ ވެސް ވަނީ އެމެރިކާގެ އެކުވެރި ގައުމުތަކާ ދެކޮޅަށް ބާރުގެ ބޭނުންކުރުމުގެ ވިސްނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ.
ޓްރަމްޕްގެ މި ޒާތުގެ ވާހަކަތަކާ ގުޅިގެން ޑެންމާކުގެ ބޮޑުވަޒީރު މެޓޭ ފްރެޑްރިކްސަން އާއި ގްރީންލޭންޑުގެ ބޮޑުވަޒީރު ޖެންސް-ފްރެޑްރިކް ނީލްސަން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ނީލްސަން ވިދާޅުވީ، އެމެރިކާ އާއި ޑެންމާކާ ދެމެދު އިޚްތިޔާރު ކުރަން ޖެހިއްޖެ ނަމަ ގްރީންލޭންޑުން އިޚްތިޔާރު ކުރާނީ ޑެންމާކާއި ނޭޓޯ ކަމަށެވެ.
މި މައްސަލައިގައި އުފެދިފައިވާ ނުތަނަވަސްކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ޑެންމާކުގެ ޚާރިޖީ ވަޒީރު ލާސް ލޮކޭ ރަސްމުސަން އާއި ގްރީންލޭންޑުގެ ޚާރިޖީ ވަޒީރު ވިވިއަން މޮޓްޒްފެލްޑް، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި ނައިބު ރައީސް ޖޭޑީ ވެންސްއާ ބުދަ ދުވަހު ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ގްރީންލޭންޑުގައި ދިރިއުޅޭ 57،000 ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ އެމެރިކާގެ ދަށަށް ދިއުމާ ދެކޮޅު ހަދާފައެވެ. ދާދިފަހުން ކުރި ސާވޭއަކުން ދައްކާ ގޮތުގައި އެ ރަށުގެ 85 އިންސައްތަ މީހުން އެމެރިކާއާ ގުޅެން ބޭނުން ނުވާއިރު، އެކަމަށް ތާއީދު ކުރަނީ އެންމެ 6 އިންސައްތަ މީހުންނެވެ.
ގްރީންލޭންޑް ހިފަން ޓްރަމްޕް ނިންމި ނިންމުމާ ދެކޮޅަށް އެމެރިކާގެ ސެނެޓަށް ބިލެއް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ