10،000ގެ ބޮޑު ބެޓެރިއަކާއެކު ރިއަލްމީގެ އާ ފޯން މި މަހު ނެރެނީ
ޗައިނާގެ މަޝްހޫރު ސްމާޓްފޯން އުފައްދާ ކުންފުނި، ރިއަލްމީ އިން 10،000 މިލީއެމްޕަޔާގެ ބޮޑު ބެޓެރީއެއް ހިމެނޭ އާ ފޯނެއް ނެރުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ޓިޕްސްޓާ ޔޯގޭޝް ބްރާ ހާމަކޮށްފައިވާ ގޮތުގައި، "އާރް.އެމް.އެކްސް 5107" މޮޑެލް ނަންބަރުގެ ދަށުން ތައްޔާރުކޮށްފައިވާ މި ފޯނު މިހާރު ވަނީ އިންޑިއާގެ ބިއުރޯ އޮފް އިންޑިއަން ސްޓޭންޑާޑްސް (ބީ.އައި.އެސް) ސެޓިފިކޭޝަން ވެބްސައިޓުން ފެނިފައެވެ. ބެލެވޭ ގޮތުގައި މި ފޯނަކީ ރިއަލްމީގެ 'ޕީ ސީރީޒް' ގެ ފޯނެކެވެ. އަދި މި ފޯނު މި ޖެނުއަރީ މަހުގެ ފަހުކޮޅު އިންޑިއާގައި ރަސްމީކޮށް ދައްކާލާނެއެވެ. މި ފޯނުގެ އެންމެ ފާހަގަކޮށްލެވޭ ސިފައަކީ އޭގައި ހިމެނޭ 10،000 މިލީއެމްޕަޔާގެ ބެޓެރީއެވެ. މިއީ އިންޑިއާގައި ރިއަލްމީ އިން މިހާތަނަށް ނެރޭ އެންމެ ބޮޑު ބެޓެރީ ހިމެނޭ ފޯނަށް ވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ތަފާތު ކުލަތަކުގައި މިފޯނު ނެރޭނެކަމަށް ބެލެވޭ --- ޓެލެގްރާމްގައި ލީކުވެފައިވާ ބައެއް މައުލޫމާތުތަކަށް ބަލާއިރު، މި ފޯނު ހިންގާނީ އެންޑްރޮއިޑް 16 އަށް ބިނާކޮށްފައިވާ ރިއަލްމީ ޔޫ.އައި ސެވަން ޕޮއިންޓް އޯ ގައެވެ. އަދި މި ފޯނުގެ 'އެބައުޓް ޑިވައިސް' ޕޭޖުން ފެންނަ ގޮތުގައި މިއީ 12 ޖީ.ބީ ރޭމް އާއި 225 ޖީ.ބީ ގެ އިންޓާނަލް ސްޓޯރޭޖް ހިމެނޭ ފޯނެކެވެ. މި ފޯނު ވެގެންދާނީ ދާދި ފަހުން ނެރުނު 'ރިއަލްމީ ޕީ ފޯ އެކްސް ފައިވްޖީ' އަށް ވުރެ ބާރުގަދަ ބެޓެރީއެއް ހިމެނޭ ފޯނަކަށެވެ. ޑިސެމްބަރު 2025ގައި ނެރުނު 'ޕީ ފޯ އެކްސް ފައިވްޖީ' ގައި ހިމެނެނީ 7،000 މިލީއެމްޕަޔާ ގެ ބެޓެރީއަކާއި 45 ވޮޓްގެ ފާސްޓް ޗާޖިން އެވެ. އެ ފޯނުގައި ބޭނުންކޮށްފައިވަނީ މީޑިއާޓެކް ޑައިމެންސިޓީ 7،400 އަލްޓްރާ ޗިޕްސެޓެކެވެ. އާ ފޯނާ ބެހޭ ގޮތުން ރިއަލްމީ އިން އަދި ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ކުރިއަށް އޮތް ހަފުތާތަކުގައި މި ފޯނުގެ އިތުރު ތަފުސީލުތައް އެނގިގެންދާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ