ގޭސް ކުންފުނިން ފައިސާ ގެއްލުނު މައްސަލަ ބަލަން މަޖިލީހަށް

ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ހަރަކާތްތެރިވާ ސަރުކާރުގެ ކުންފުނި މޯލްޑިވް ގޭސްއިން ގޭހުގެ ޝިޕްމަންޓެއްގެ އެޑްވާންސަށް ދެއްކި ފައިސާ ގެއްލުނު މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި މާވަށު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު ޝާކިރު މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއިން މި މައްސަލަ ބަލައިދިނުމަށް އެދި ހުށަހެޅުއްވީ މާވަށު ދައިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ޝާކިރެވެ.ގޭސް ޝިޕްމެންޓެއްގެ އެޑްވާންސަށް ދެއްކި ފައިސާ ގެއްލުނުކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އެވެ.އެއީ 2024 ވަނަ އަހަރު ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ކަމަށް ނާޒިމް ކޮމިޓީގައި ހާމަކުރެއްވި އެވެ. ގެއްލުނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ."އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި އެބައޮތް މޯލްޑިވް ގޭސްއިން އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި ގޭސް ޝިޕްމަންޓަކަށް ދެއްކި ފައިސާ ވެސް ވެއްޖެ ގެއްލިފައި މިހާރު. ދެން އެ ފައިސާ ހޯދުމުގެ ކަންތަކުގައި ވެސް އެއްވެސް ކާމިޔާބެއް ނުލިބި މިހާރު މި ދިޔައީ،" އޭނާ ވިދާޅުވި އެވެ."މޯލްޑިވްސް ގޭސް އިން އޮކްޓޫބަރު 2024 ގައި އޯޑަރު ކޮށްފައިވާ 800،000 ޑޮލަރުގެ ގޭސް ޝިޕްމެންޓުގެ އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 246،645 ޑޮލަރާއި ގުޅޭ މައްސަލައަކީ ސަރުކާރުގެ ކުންފުންޏެއްގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކެއް ކަމުން، އެކަމުގެ މައުލޫމާތު ހޯދުމުގެ އިތުރުން އޭގެ ފުރިހަމަ ތަހުގީގެއް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ މެދުވެރިކޮށް ހިންގައިދެއްވުން އެދެމެވެ،" ޝާކިރު ފޮނުއްވި ސިޓީގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ