މި ދެމަފިރިން ރާއްޖެއަށް ކުރި 60 ވަނަ ދަތުރުވީ މަރުގެ ދަތުރަށް

ރާއްޖެއަށް 60 ފަހަރު ޗުއްޓީ ހޭދަކުރަން އައި އިނގިރޭސިވިލާތުގެ ދެމަފިރިން ފީނުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި މަރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އިނގިރޭސިވިލާތުގެ ނޫސް، ޑެއިލީމެއިލްގައި އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި، އުމުރުން ދުވަސްވީ ދެމަފިރިން ކަމަށްވާ އިލެއިން ރިޗްމަންޑް އާއި އޭނާގެ ފިރިމީހާ މެލްކަމް ރިޗްމަންޑް މަރުވީ އދ. އެއްލައިދޫއަށް ޗުއްޓީ ހޭދަކުރަން އައިސް އުޅެނިކޮށެވެ.
މީގެ ކުރިން ވެސް ކޮންމެ ފަހަރަކު ޗުއްޓީ ހޭދަކޮށްފައިވަނީ އެ ރިސޯޓުގައި ކަމަށްވެ އެވެ.
ތަފްސީލް - އެ ނޫހުގައި ބުނެފައިވާ ގޮތުގައި:
70 އަހަރުގެ އަންހެން މީހާ މަރުވީ ރިސޯޓު ކައިރީގައި ޑައިވް ކުރަނިކޮށް މިދިޔަ މަހު 19 ވަނަ ދުވަހު
އޭނާއާ އެކު ޑައިވް ކުރަން އުޅުނު 71 އަހަރުގެ ފިރިހެން މީހާ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް އޭގެ ތިން ދުވަސް ފަހުން
 އޭނާ ވެސް މަރުވީ ރާއްޖޭގައި
އެ ނޫހުން ބުނެފައިވާ ގޮތުގައި މިދިޔަ 17 އަހަރު މެދުނުކެނޑި ކްރިސްމަސްގެ ޗުއްޓީ އެ މީހުން ހޭދަކުރީ ރާއްޖޭގަ އެވެ. މިދިޔަ އަހަރު ވެސް ތިން ފަހަރު އެ މީހުން ރާއްޖެ އައި ކަމަށް ބުނެފައި ވެ އެވެ.
އެނގުން މުހިއްމު - ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުން އެންމެ ގިނައިން މަރުވެފައިވަނީ މޫދަށް އެރި އުޅުމުގެ ތެރޭގަ އެވެ. ހާއްސަކޮށް، ސްނޯކަލް ކުރަން އުޅުމުގެ ތެރޭގައި މަރުވާ މީހުން ގިނަކަން ފާހަގަކޮށްލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ