އިއްޔެ ވަކިކުރި ޝަމާހުގެ މައްސަލައެއް އޭސީސީއަށް
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން އިއްޔެ ވަކިކުރި އަހުމަދު ޝަމާހުގެ މައްސަލައެއް, އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައި އެބައޮތް ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފިއެވެ. މި ސަރުކާރުގައި ފުރަތަމަ މިފްކޯ މެނޭޖިން ޑިރެކްޓަރަކަށް އައްޔަން ކުރެއްވުމަށް ފަހު މަގާމުން ވަކިކުރި ޝަމާހު, އިއްޔެ ސްޓެލްކޯގެ އެމްޑީކަމުން ވަކިކުރެއްވީ އޭނާ އެ މަގާމަށް އައްޔަން ކުރެއްވިތާ ފަސް މަސް ވެސް ނުވަނީސް ކުއްލި ގޮތަކަށެވެ. ޝަމާހުގެ މައްސަލައެއް ތަހުގީގު ކުރަމުންދޭތޯ އޭސީސީގައި "ސަން"އިން މިއަދު ސުވާލުކުރުމުން އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ, ސްޓެލްކޯގެ ކުރީގެ އެމްޑީއެއްގެ މައްޗަށް ތުހުމަތުވާގޮތަށް މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. https://sun.mv/216565 މި މައްސަލައާއި އަދި އެކަމުގެ ތަހުގީގު އޮތް ހިސާބާ ގުޅޭ އެއްވެސް ތަފުސީލެއް އޭނާ ނުދެއްވައެވެ. ޝަމާހް މަގާމުން ވަކިކުރި ފަހުން އޭނާގެ އޯޑިއޯއެއް ކަމަށް ބުނާ އޯޑިއޯއެއް ވަނީ ލީކްކޮށްލާފައެވެ. ލީކުވެފައިވާ އޯޑިއޯގައި ޝަމާހު ކުންފުނީގެ އެތެރޭގައި 'ކުރަން އުޅުނު ކަންތައްތައް' އެނގޭނީ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު އަޒްހަދު ރަމީޒަށާއި އިތުރު އެހެން މީހަކަށް ކަމަށް ވިދާޅުވެއެވެ. އެހެން އެކަން އޮއްވައި ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު އަޒްހަދު ވެސް ވަނީ އެ މަގާމުން ދުރުކޮށްފައެވެ. އެ މަގާމުން ދުރުކުރި ނަމަވެސް، އަޒްހަދު ސްޓެލްކޯއަކުން ވަތްކެއް ނުކުރެއެވެ. ބެލެވޭ ގޮތުގައި އެ މީހުންގެ މައްޗަށް ކުރަނީ ކޮރަޕްޝަންގެ ތުހުމަތެވެ. އެކަމާ ގުޅިގެން 'ސަން'އާ ވާހަކަދައްކަވަމުން ޝަމާހު ރޭ ވިދާޅުވީ އޭނާ މަގާމުން ވަކިކުރި ސަބަބެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި، ދައުރުވަމުންދާ އޯޑިއޯއަކީ ވެސް ފޭކު އޯޑިއޯއެއް ކަމަށް ޝަމާހު ވިދާޅުވިއެވެ. މި ސަރުކާރުގައި ޝަމާހުއަށް ފުރަތަމަ ދިނީ މިފްކޯގެ ސީއީއޯ ކަމުގެ މަގާމެވެ. އެ މަގާމުން އޭނާ ވަކިކުރީ 2024ވަނަ އަހަރުގެ މެއި 21 ގައެވެ. ޝަމާހު މަގާމުން ވަކިކުރުމުގެ ކުރިން، އޭނާ ދެ ފަހަރެއްގެ މަތިން ސަސްޕެންޑު ވެސް ކުރިއެވެ. އޭނާގެ ސަސްޕެންޝަން އުވައިލަން ޕީސީބީން ނިންމީ އެޕްރީލް 24 ގައެވެ. ޕީސީބީއިން އެންމެ ފުރަތަމަ ސަމާހު ސަސްޕެންޑުކުރީ މާރިޗު 18، 2024 ގައެވެ. އޭރު ސަސްޕެންޑްކުރި މުއްދަތު މާރިޗު 31، ގައި ހަމަވާތީ އޭޕްރިލް 21، ގެ ނިޔަލަށް ސަސްޕެންޝަން އިތުރުކުރިއެވެ. ޝަމާހު ސަސްޕެންޑުކުރީ ކޯޕަރޭޓް ގަވަނެންސްއާ ގުޅޭ މައްސަލަތަކެއްގައި އިންކުއަރީއެއް ހެދުމުގެ ގޮތުންނެވެ. އޭނާ ސަސްޕެންޑުކުރި ނަމަވެސް އެއިރު ވެސް މުސާރައާއި އިނާޔާތްތައް ލިބުނެވެ. ޕީސީބީން ދިޔައީ ސަމާހުގެ މައްޗަށް ތުހުމަތު ކުރެވޭ 12 މައްސަލައެއް އޭރު ތަހުގީގު ކުރަމުންނެވެ. ނަމަވެސް ޝަމާހު މިފްކޯއިން ވަކިކުރެއްވުމަށް ފަހު، ރައީސް ޑރ. މުޙައްމަދު މުއިއްޒު އޭނާއަށް ދެން ދެއްވީ, ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމެވެ. ސްޓެލްކޯގެ ވެރިއަކަށް އައްޔަން ކުރައްވަންދެން އޭނާ ހުންނެވީ އެ މަގާމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ