ހަނގުރާމައިގެ ސަބަބުން ޖަރުމަނުގައި ޕެޓްރޯލާއި ޑީސަލްގެ ޓެކްސް ދެ މަހަށް ކުޑަކުރަން ނިންމައިފި

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ހަކަތައިގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކުން އާންމުންނާއި ވިޔަފާރިތަކަށް ލުޔެއް ދިނުމުގެ ގޮތުން، ޖަރުމަނުވިލާތުގައި ޕެޓްރޯލާއި ޑީސަލުން ނަގާ ޓެކްސް ދެ މަސްދުވަހަށް ކުޑަކުރަން ނިންމައިފިއެވެ. މިކަން އިޢުލާނުކުރެއްވީ ޖަރުމަނުގެ ޗާންސެލާ ފްރީޑްރިކް މާޒްއެވެ. އޭނާ މިކަން ހާމަކުރެއްވީ، ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އޭނާގެ ސީޑީޔޫ ޕާޓީއާއި ކޯލިޝަންގެ އެހެން ބައިވެރިންނާއެކު ބޭއްވި މަޝްވަރާތަކަކަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ. “އަޅުގަނޑުމެން ދެ މަސްދުވަހުގެ މުއްދަތަށް ޕެޓްރޯލާއި ޑީސަލުން ނަގާ ޓެކްސް ލީޓަރަކުން ގާތްގަނޑަކަށް 17 ސެންޓު ކުޑަކުރާނަން،” ޗާންސެލާ މާޒް ވިދާޅުވިއެވެ. މި ނިންމުމުގެ ސަބަބުން ޖަރުމަނުގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ވަރަށް އަވަސް ލުޔެއް ލިބިގެންދާނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ޚާއްޞަކޮށް އީރާނުގެ މައްސަލަތަކާ ގުޅިގެން ތެޔޮ ސަޕްލައިކުރުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ. ޖަރުމަނު ސަރުކާރުން މިފަދަ ފިޔަވަޅެއް އަޅާފައިވާއިރު، މީގެ ކުރިން 2022 ވަނަ އަހަރުވެސް އެ ގައުމުން ވަނީ ހަކަތައިގެ އަގުތައް މައްޗަށް ދިއުމާ ގުޅިގެން ތެލުގެ ޓެކްސް ކުޑަކޮށްފައެވެ. ނަމަވެސް އެ ފަހަރު ޓެކްސް ކުޑަކުރުމުން އޭގެ ފައިދާ އެންމެ އެކަށީގެންވާ ގޮތެއްގައި އާންމުންނަށް ނުކުރާކަމުގެ ޝަކުވާތައް ފެންމަތިވިއެވެ. އެހެންކަމުން މިފަހަރުގެ ޓެކްސް ކުޑަކުރުމުގެ ފައިދާ ސީދާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދޭނެކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ