އިންޑިއާއިން ރާއްޖެއަށް އަސާސީ މުދާ ދޭ މިންވަރު އިތުރުކޮށްފި

ރާއްޖެ އާއި އިންޑިއާއާ ދެމެދު ހަދާފައި އޮންނަ އެއްބަސްވުމުގެ ދަށުން އަންނަ އަހަރުގެ ނިޔަލަށް ކާޑާއި އަސާސީ އެހެން ބާވަތްތަކުގެ ކޯޓާ ރާއްޖެއަށް އިތުރުކޮށްދީފި އެވެ.
އިންޑިއާ ހައި ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނި ގޮތުގައި މިއީ 1981 ވަނަ އަހަރު މި އެއްބަސްވުން ހެދި ފަހުން މިހާތަނަށް ހުއްދަ ދޭ ނުވަތަ ކޯޓާ އިތުރުކޮށްދޭ އެންމެ ބޮޑު އަދަދެވެ. އެގޮތުން ހުއްދަ ދީފައިވާ ތަކެތީގެ ތެރޭގައި ކުކުޅުބިސް، އަލުވި، ފިޔާ، ހަނޑޫ، ގޮދަން ފުށް، ހަކުރު، މުގު، ހިލަ އަދި ހިލަވެލި ހިމެނެއެވެ.
ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންވާ މުހިންމު ތަކެތި ކަމަށްވާ ހިލައާއި ހިލަވެލީގެ އިތުރުން، މި އަހަރުގެ ހަނޑުލުގެ ކޯޓާ ވެސް ވަނީ އިތުރުކޮށްދީފައެވެ. އެގޮތުން ކުރީ އަހަރާ އަޅާބަލާއިރު ހަނޑޫ އެތެރެކުރެވޭ މިންވަރު 77 ޕަސެންޓަށް ވަނީ އިތުރުކޮށްފަ އެވެ.
އިންޑިއާއިން ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުވެސް ރާއްޖެއަށް އަސާސީ މުދާ ދޭ މިންވަރު އިތުރުކޮށްފައެވެ. އެގޮތުން ކޮންސްޓްރަކްޝަން ދާއިރާއިން އެފަހަރު 30 ޕަސެންޓް އިތުރުކޮށްދިންއިރު ފިޔާ، އަލުވި، ބިސް އަދި ހަކުރާއި ފުށް ފަދަ ސާމާނުގެ ކޯޓާ ފަސް ޕަސެންޓަށް އިތުރުކޮށްދީފައިވެއެވެ. އަދި މުގު އެތެރެކުރެވޭ މިންވަރު 56 ޕަސެންޓަށް އޭރު އިތުރުކޮށްދިނެވެ.
އަވަށްޓެރި އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ މުދާ އެތެރެކުރާ އެއް ގައުމެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކުން ވެސް ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރި ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނެ އެވެ. އިންޑިއާއިން އެތެރެކުރާ މުދަލުގެ ބޮޑު އިންސައްތައަކީ ޒަރޫރީ މުދަލުގެ ބާވަތްތަކެވެ.
އޭގެ ތެރޭގައި ހިމެނެނީ ހަނޑޫ، ހަކުރު، ފުށް ފަދަ ކާޑުގެ ބާވަތްތަކާއި ފިޔާ، އަލުވި ފަދަ ތަކުރާރީގެ ބާވަތްތަކާއި ކުކުޅު ބިސް ހިމެނެ އެވެ. ދެން ހިމެނެނީ ކޮންސްޓްރަކްޝަނުގައި ބޭނުންކުރާ ހިލަ އާއި ހިލަވެއްޔެވެ. މި މުދާ އެންމެ ގިނައިން އެތެރެކުރަނީ އެސްޓީއޯއިންނެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ މާކެޓުތަކަށް ބުރޫ އަރާފައިވާ މި ދަނޑިވަޅުގައި ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް އިންޑިއާގެ އެހީއަށް ވެސް ދިވެހި ސަރުކާރުން އެދިފައި ވެއެވެ. ނަމަވެސް އަދި އެކަމާ ގުޅިގެން އިންޑިއާއިން ގޮތެއް ނިންމާފައި ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ