ބީއެމްއެލް މެދުވެރިކޮށް ވިލިމާލޭ ފުނަވާ ސަރަހައްދުގައި އަޅަން ނިންމާފައިވާ ފްލެޓުތަކާއި ޗައިނާ ސަރުކާރުގެ އެހީގެ ދަށުން އެ އަވަށުގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލްގެ ސަބަބުން އެ ތަނުގެ ރުއްގަހުގެ ތަރިކައަށް ގެއްލުން ލިބޭނެތީ، އެކަން ނުކުރުމަށް ގޮވާލައި ސިޓީއެއް އާންމުކޮށްފި އެވެ.
މިއަދު އާންމުކުރި ސިޓީގައި ސަރުކާރަށް ގޮވާލާފައި ވަނީ ދެ ކަމަކަށެވެ.
އެއީ، ވިލިމާލޭގެ ފުނަވާ ސަރަހައްދުގައި ހުރި ރުއްގަސްތައް ނައްތާލައިގެން އެ ތަނުގައި 17 ބުރީގެ ތިން ޓަވަރު އެޅުމުގެ ބަދަލުގައި އެކަން ކުރުމަށް އެކަށޭނެ ހުސް ބިމެއްގައި އެކަން ކުރުމަށާއި ޗައިނާގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލުގެ ބަދަލުގައި މާލެ ސަރަހައްދުގައި ހުރި ހޮސްޕިޓަލްތަކުގެ ސިއްހީ ހިދުމަތް ފުޅާ ކުރުމަށެވެ.
"17 ބުރީގެ ތިން ޓަވަރު ވިލިމާލޭގެ ރުއްގަސްތައް ނައްތާލައިގެން އެޅުމުގެ ބަދަލުގައި މި ކަން ކުރުމަށް އެކަށޭނަ ހުސްބިމެއްގައި ކުރުމަށް ސަރުކާރަށް ގޮވައިލަމެވެ،" އެ ސިޓީގައި ބުންޏެވެ.
"ރާއްޖޭގެ ރައްޔިތުންނަށް ދެމުންދާ ސިއްހީ ފަރުވާ ހަރުދަނާ ކުރުމަށް ކުރަންޖެހޭ ކަމަކީ ބިނާތަކެއް ހެދުމުގެ ބަދަލުގައި ރާއްޖޭގެ ސަރަހައްދީ ހޮސްޕިޓާތައް ހަރުދަނާކޮށް ދެވޭ ފަރުވާގެ ފެންވަރު މަތި ކުރުމަށް އަމަލީގޮތުން މަސައްކަތް ކުރުމެވެ."
ވިލިމާލޭގައި ސަރުކާރުން ހިންގަން ނިންމާފައިވާ ތަރައްގީގެ ދެ މަޝްރޫއުއާ ގުޅޭގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް އެ ސިޓީގައި ބަޔާން ކޮށްފައިވެ އެވެ.
އެ ގޮތުން، ބީއެމްއެލް މެދުވެރިކޮށް، އާރުސީސީއާ ހަވާލުކޮށްގެން ފްލެޓުތައް އަޅަން ނިންމާފައިވާ ފުނަވާ ސަރަހައްދަކީ 100 އަށްވުރެ ގިނަ ރުއްގަހާއި އުމުރުން އެތައް ދަހަރުތަކެއްވީ ފުނަގަސްތައް ހުރި ސަރަހައްދެއްކަން އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
އަދި، އެ ސަރަހައްދުގައި ހުރި ފުނަ ގަސްތަކަކީ ހިމާޔަތް ކުރެވިފައިވާ ގަސްގަހާގެހީގެ ދަފުތަރުގައި ހިމެނިފައިވާ ގަސްތަކެއްކަން ފާހަގަކޮށް ދިވެހިރާއްޖޭގެ ގާނޫނީ ހަމަ ހިފެހެއްޓުމަކީ ޕްރަައިވެޓް ކުންފުނިތައް އިސްތިސްނާވާ ކަމެއް ނޫންކަމަށް އެ ސިޓީގައި ބުންޏެވެ.
އޭގެ އިތުރުން، ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ނިންމާފައިވާ ސަރަހައްދަކީ ވެސް 50 އަށްވުރެ ގިނަ ގަސް ހުރި ސަރަހައްދެއްކަން އެ ސިޓީގައި ބަޔާން ކޮށްފައިވެ އެވެ.
އެ ހޮސްޕިޓަލް އެ އަވަށުގައި އެޅުމުގެ ބަދަލުގައި، ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ އަތޮޅުތަކުގެ ސިއްހީ ހިދުމަތް ފުޅާ ކުރުމަށް އެ ސިޓީގައި ޗައިނާ ސަރުކާރަށް ގޮވާލައިފައިވެ އެވެ.
"ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ކުރަންޖެހިފައިވާ ކަމަކީ އިންސާނީ ވަސީލަތްތައް ކުރިއެރުވުމެވެ. ހައްގު އުޖޫރަ ސިއްހީ މަސައްކަތްތެރިންނަށް ދިނުމެވެ. ރީޖަނަލް ހޮސްޕިޓަލްތަކުގެ ހިދުމަތްތައް ހަރުދަނާކޮށް ޓާޝަރީ ފެންވަރުގެ ތަންތަނަށް ބަދަލު ކުރުމެވެ،" އެ ސިޓީގައި ބުންޏެވެ.
އެ ސިޓީއަށް ތާއީދުކުރާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރުމަށް އެ ސިޓީގައި އެދިފައިވެ އެވެ. ސިޓީއަށް ތާއީދުކުރާ ފަރާތްތަކުގެ މައުލޫމާތު ސޭވް މޯލްޑިވްސް ވެބްސައިޓުގައި އާންމުކުރާނެ ކަމަށް ވެސް އެ ސިޓީގައި ބުންޏެވެ.
ވިލިމާލޭގެ ރުއްގަހުގެ ތަރިކަ ނައްތާލައި ބިނާތައް ހެދުން ހުއްޓާލުމަށް ގޮވާލައި އާންމު ސިޓީއެއް ވިލިމާލޭގެ ރުއްގަހުގެ ތަރިކަ ނައްތާލައި ބިނާތައް ހެދުން ހުއްޓާލުމަށް ގޮވާލައި އާންމު ސިޓީއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ