އުމުރުން އެންމެ 35 އަހަރުގެ ބަލެންދްރަ ޝާހް، ނޭޕާލްގެ ބޮޑުވަޒީރުކަމުގެ ހުވާކުރައްވައިފި

އުމުރުން އެންމެ 35 އަހަރުގެ ބަލެންދްރަ ޝާހް، ނޭޕާލްގެ ބޮޑުވަޒީރުކަމުގެ ހުވާކުރައްވައިފިއެވެ. ބަލެންދްރަ ޝާހަކީ މިހާތަނަށް ނޭޕާލްގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި އެންމެ ޒުވާން ބޭފުޅާއެވެ. ޝާހް، އެ މަގާމުގެ ހުވާކުރެއްވީ މިއަދި އެ ގައުމުގެ ރައީސްގެ ރަސްމީ ގެކޮޅުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. ޝާހަކީ، ސިޔާސީ ދާއިރާއަށް ވަނުމުގެ ކުރިން މިއުޒިކީ ދާއިރާގައި މަޝްހޫރު ބޭފުޅެކެވެ. އޭނާއަކީ ރެޕް ލަވަކިޔުމަށް މޮޅު ބޭފުޅެކެވެ. ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ކުރިން ވެސް އޭނާއަކީ އެ ގައުމުގެ ޒުވާނުންގެ މެދުގައި މަގުބޫލު ބޭފުޅެކެވެ. ނޭޕާލްގެ 275 ގޮނޑި ހިމެނޭ ޕާލަމެންޓުގެ ތެރެއިން 182 ގޮނޑި، އޭނާގެ ޕާޓީ، ރާސްތުރިޔާ ސްވަތަންތުރަ ޕާޓީ (އާރްއެސްޕީ)އިން ވަނީ މިމަހުގެ ފަސް ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި ކާމިޔާބު ކޮށްފައެވެ. ނޭޕާލްގެ އެންމެ ދުވަސްވީ ޕާޓީ ކަމަށްވާ ނޭޕާލްގެ ކޮންގްރެސް ޕާޓީއަށް ލިބުނީ އެންމެ 38 ގޮނޑިއެވެ. މިއީ ކޮރަޕްޝަނާ ދެކޮޅަށް އެ ގައުމުގެ ޒުވާނުން އިސްވެ ކުރި މުޒާހަރާގެ ފަހުން ބޭއްވި ފުރަތަމަ އިންތިޚާބެވެ. އެ މުޒާހަރާގައި އެ ގައުމުގެ 76 މީހުން ވަނީ މަރުވެފައެވެ. އަލްޖަޒީރާއިން ރިޕޯޓުކުރި ގޮތުގައި އެ ގައުމުގެ ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝީލާ ކަރްކީ ވަނީ މަޖިލިސް އިންތިޚާބާ ހަމައަށް ގައުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައެވެ. ނަވާރަސަތޭކަ ނުވަދިހަ ވަނަ އަހަރުން ފެށިގެން 32 ސަރުކާރެއް ނޭޕާލްގެ ވެރިކަމާ ހަވާލުވެފައިވާއިރު އޭގެ ތެރެއިން އެއްވެސް ސަރުކާރަކަށް ފަސް އަހަރުގެ ދައުރެއް ފުރިހަމައެއް ނުކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ