ސުޕަމެޖޯރިޓީ ބަދަލުގައި ލިބެން ޖެހެނީ އެއްބާރު އަނެއްބާރުގެ މައްޗަށް ފާރަވެރިވާ މަޖިލީހެއް

ސުޕަމެޖޯރިޓީ މަޖިލީހެއްގެ ބަދަލުގައި ލިބެން ޖެހެނީ އެއްބާރު އަނެއްބާރުގެ މައްޗަށް ފާރަވެރިވާ މަޖިލީހެއް ކަމަށް ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ. ދިޔާނާ މިހެން ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން އަންނަ މަހު 4 ގައި ނަގާ ފެންނަ ނުފެންނަ ވޯޓަށް އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އިން ގެނެސްދިން ޕްރޮގްރާމެއްގަ އެވެ. ދިޔާނާ ވިދާޅުވީ ގާނޫނު އަސާސީއަށް ގެންނަ އިސްލާހުގައި ކުރަނީ ދެ ކަމެއް ކަމަށެވެ. އެއީ އެއް ދުވަހަކު ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބޭއްވުމާއި އެ ނިޒާމަށް އަންނަ ބަދަލުގެ ސަބަބުން ބާއްވާ ފުރަތަމަ އިންތިހާބު އޮންނާނީ 2028 ގެ ފަހުކޮޅުގައި ކަމަށްވާތީ މިހާރު ހިނގަމުންދާ މަޖިލީހުގެ އުމުރުން ހަ މަސް ދުވަސް ކެނޑިގެން ދިއުން ކަމަށެވެ. ގާނޫނު އަސާސީއަށް އިސްލާހު ގެންނަނީ އެ ދެކަން ހާސިލްކުރުމަށް ކަމަށް ވިދާޅުވި އެވެ.އެކަމުގައި މައިގަނޑު ކަމަކީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށް ދިޔާނާ ވިދާޅުވި އެވެ. ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއެއްގެ އެންމެ އިސްވެރިން އެކަމަށް މާޒީގައި ވަނީ އެއްބަސްވެވަޑައިގެންފައި ކަމަށް ވިދާޅުވި އެވެ. މި ބަދަލާއެކު ފާރަވެރިވާނެ މަޖިލީހެއް ދެ އިންތިހާބު އެއް ދުވަހު ބާއްވައިގެން ގެނެވުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވި އެވެ. "އެންމެ ފުރަތަމަ ދުސްތޫރީ މަންފާއަކީ ސަރުކާރު ޖަވާބުދާރީކުރެވޭނެ މަޖިލީހެއް ލިބުމުގެ ފުރުސަތު އޮތުން. މި ދައުރާއި ވޭދުވެދިޔަ ދެ ދައުރާއިއެއްކޮށް ފެނިގެން ދިޔައީ ސުޕާމެޖޯރިޓީ ލިބިފައިވާ މަޖިލީހެއް. ސަރުކާރު ނިސްބަތްވާ ޕާޓީގެ މުތުލަގް ބާރު އޮންނަނީ ސުޕަ މެޖޯރިޓީ މަޖިލީހެއްގައި. ސުޕަ މެޖޯރިޓީ މަޖިލިސްތަކުން ސަރުކާރު ޖަވާބުދާރީކުރުމުގައި ފަހަތަށް އެބަޖެހޭ. ސަރުކާރާއި މަޖިލިސް އޮންނަނީ ވަރަށް ބޮޑަށް މަސްހުނިވެފައި. ބާރުތައް ވަކިނުކުރެވޭ." ދިޔާނާ ވިދާޅުވިއެވެ.ދިޔާނާ ވިދާޅުވީ، އެހެންވެ، ގާނޫނުއަސާސީން ގެންނަން ބޭނުންވާ ތިން ބާރު ވަކިވެފައި އޮންނަ ނިޒާމު ހަގީގަތުގައި ނުގެނެވޭ ކަމަށެވެ.މަޖިލީހުގައި ސާފު އަޣުލަބިއްޔަތު އޮތުމުގެ ސަބަބުން ފަސް ފަހަރެއްގެ މަތިން ރާއްޖޭގެ އެންމެ މަތީ ކޯޓު ކަމަށްވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުކުރެވި، ހަތް ފަހަރެއްގެ މަތިން ގާނޫނުއަސާސީ ބަދަލުކުރެވިއްޖެ ކަމަށާއި، 18 އަހަރު ވީއިރު ފެހި ގާނޫނުއަސާސީ އަދި ތަސައްރަފު ނުފުދޭ ކަމަށް، ދިޔާނާ ވިދާޅުވި އެވެ.ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ހަމަހަމަ މަޖިލީހެއް އިންތިހާބުކުރުމަށް އޮތް ފުރުސަތެއް ކަމަށްވެސް، ދިޔާނާ ވިދާޅުވި އެވެ. ސަބަބެއް ކަމަށް ދިޔާނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިންތިހާބުވުމަށްފަހު، އެ މުއްދަތުގައި މަޖިލީހަށް މެންބަރުން ހޮވުމަށް ވެރިކަމުގެ ބާރުތަކާއެކު ރައީސުލްޖުމްހޫރިއްޔާ ނިކުތުމުން، ނުފޫޒަށް ރައްޔިތުން ލެނބުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ