ބޮޑުތަކުރުފާނު މަގު: ޝީޓްޕައިލް ކުރުން ހަލުވި ދުވެއްޔެއްގައި ކުރިއަށް

މާލޭ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު މިހާރު ތަރައްޤީކުރަމުންދާ ސަރަހައްދުގައި، ޝީޓްޕައިލް ކުރުމުގެ މަސައްކަތް ހަލުވި ދުވެއްޔެއްގައި އަންނަނީ ކުރަމުންނެވެ.
މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްގެންދަނީ ފޭސް 1 ގައި ހިމެނޭ 4 ސެގެމެންޓްގެ މަސައްކަތެވެ. މި މަސައްކަތުގެ ތެރެއިން ތަރައްޤީކުރަނީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް 700 މީޓަރުގެ ސަރަހައްދެކެވެ.
އެމްޓީސީސީން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މި ސަރަހައްދުވެސް ފަރުމާކޮށްފައިވަނީ މަގުގެ ޖާގަ ބޮޑު ކުރުމަށް މަގު އިތުރަށް ފުޅާވާނެގޮތަށެވެ. މަގުގެ މި ސަރަހައްދުވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފަވަނީ، ނިމުނު ދެ ސެގްމެންޓުވެސް ކުރިޔަށްގެންދިޔަ ފަރުމާއަށެވެ. އެމްޓީސީސީން ވިދާޅުވީ، މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން އެއްގަމު ތޮށި ތަޅާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި ޝީޓް ޕައިލް ކުރުމުގެ މަސައްކަތާއި، ސައިޑް ވޯކް ޖެހުމުގެ މަސައްކަތްވެސް ބާރު ދުވެއްޔެއްގައި ކުރިއަށްދާކަމަށް ވިދާޅުވިއެވެ.
އެމްޓީސީސީން ވިދާޅުވީ، މަގު ތަރައްޤީކުރުމުގެ މި ސެގްމެންޓުގައި ހިމެނޭ 700 މީޓަރުގެ މި ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްޤިކުރެވި، ތާރު އެޅުމާއެކު އެ ސަރަހައްދުގައިވެސް ފެން ހިންދާ ނިޒާމު ޤާއިމްކުރުމުގެ އިތުރުން ޕޭމަންޓްހަދައި، ލައިޓް ޖެހުމަށްވެސް ހަމަޖެހިފައިވާކަމަށެވެ.
ބޮޑުތަކުރުފާނު މަގުގެ މަސައްކަތުގެ ތެރެއިން މިހާތަނަށްވަނީ، އިއްޒުއްދީން ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތަރައްޤީކޮށްފައެވެ. އެއީ ޖުމުލަ 380 މީޓަރުގެ ސަރަޙައްދެވެ.
އަދި އެ ސަރަޙައްދުތައް ބޭނުންކުރަން ހުޅުވާލާފައިވާއިރު، މަގުގެ ޖާގަ ތަނަވަސްވެ، އެއްގަމު އުޅަނދުތަކާއި ހިނގާބިނގާވެ އުޅޭ މީހުންނަށްވެސް ވަނީ ބޮޑު ލުޔެއް ލިބިގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ