އެމެރިކާ އަދި އިޒްރޭލުން އީރާނަށް ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގެ ތެރެއިން، އީރާނުގެ މަދަދު ލިބޭ ހޫތީ ހަނގުރާމަވެރިން އިޒްރޭލަށް މިއަދު ދިން މިސައިލް ހަމަލާއެއްގެ ޒިންމާ އުފުލައިފި އެވެ.
މިއީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގައި އެ ޖަމާއަތުން ސީދާ ގޮތުން ބައިވެރިވި ފުރަތަމަ ފަހަރެވެ.
ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު ވިދާޅުވި ގޮތުގައި، އެ ޖަމާއަތުން ވަނީ އިޒްރޭލުގެ އަސްކަރީ ގޮތުން ނާޒުކު އަދި މުހިންމު ސަރަހައްދުތަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލް ފޮނުވާލާފަ އެވެ. އަދި ކަނޑައެޅިފައިވާ މަގްސަދުތައް ހާސިލްވަންދެން މިފަދަ ހަމަލާތައް ކުރިއަށްދާނެ ކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދެއްވާފަ އެވެ.
މި ހަމަލާއާ ގުޅިގެން އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، ފޮނުވާލި މިސައިލް ވައިގެ ތެރޭގައި ހުއްޓުވާފައިވާ ކަމަށެވެ.
ސަރަހައްދީ ހަމަނުޖެހުންތައް އިތުރަށް ފުޅާވަމުންދާ މި ދަނޑިވަޅުގައި، ހޫތީން މި ހަނގުރާމައިގެ ތެރެއަށް ވަންނާނެ ކަމުގެ އިޝާރާތެއް ދިނުމަކީ، މަސްރަހު އިތުރަށް ގޯސްވެ، ހަމަނުޖެހުންތައް ވަރުގަދަވެގެން ހިނގައިދާނެ ކަމުގެ ބިރުވެރިކަން އުފެދިފައިވާ ކަމެކެވެ.
މިހާރު ހަތަރުވަނަ ހަފުތާއަކަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ބުރޫއަރައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 112 ޑޮލަރަށް ވުރެ މައްޗަށް ވަނީ ގޮސްފަ އެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލި، އިންފްލޭޝަން މަތިވެދާނެ ކަމުގެ ބިރު ބޮޑެވެ.
ސަރަހައްދީ ފެންވަރުގައި ހަމަލާތައް ކުރިއަށްދިޔަ ނަމަވެސް، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ ހަމަލާތައް މަސްތަކަކަށް ވުރެ ބޮޑަށް، މަދު ހަފުތާތަކެއްގެ ތެރޭގައި ނިމުމަކަށް އަންނާނެ ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ އިއްޔެ ވިދާޅުވެފަ އެވެ.
ޔަމަނުގެ ހޫތީން އިޒްރޭލަށް ފުރަތަމަ ފަހަރަށް މިސައިލް ހަމަލާއެއް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ