އެމެރިކާއިން އަލުން ހަމަލާފަށައިފިނަމަ ވޭންދެނިވި ރައްދެއް ދޭނަން: އީރާން

އެމެރިކާއިން އީރާނަށް ދޭ ހަމަލާތައް އަލުން ފަށައިފިނަމަ، އެމެރިކާގެ މަގާމުތަކަށް "ދިގުދެމިގެންދާ އަދި ވޭންދެނިވި ވަރުގަދަ" ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު އީރާނުން ބުރާސްފަތި ދުވަހު ދީފިއެވެ. މީގެ އިތުރުން ހޯރްމުޒް ކަނޑުއޮޅި އީރާނުގެ ބާރުގެ ދަށުގައި އޮންނާނެ ކަމަށްވެސް އެގައުމުން ވަނީ ބުނެފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު އަސްކަރީ އިސްވެރިންނާ ބައްދަލުކޮށް، އީރާނަށް ދޭނެ އިތުރު ހަމަލާތަކާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މީގެ ތެރޭގައި ހޯރްމުޒް ކަނޑުއޮޅި ހުޅުވުމަށްޓަކައި އެއްގަމު މަގުން ސިފައިން ފޮނުވުންވެސް ހިމެނެއެވެ.
އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީ ވިދާޅުވި ގޮތުގައި، ހޯރްމުޒް ކަނޑުއޮޅީގައި ބޭރުގެ ބާރުތަކަށް އޮތް ހަމައެކަނި ޖާގައަކީ "ކަނޑުގެ އަޑިއެވެ". އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ މި ހާލަތުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވެ، އެތައް މިލިއަން ބަޔަކު ފަގީރުކަމުގެ ތެރެއަށް ވެއްޓިދާނެ ކަމުގެ އިންޒާރު ދީފައެވެ.
ހަނގުރާމަ މެދުކަޑާލައިފައި އޮތުމަށް އެއްބަސްވި މުއްދަތު ހުކުރު ދުވަހަށް ހަމަވާއިރު، ޓްރަމްޕް މި މުއްދަތު އިތުރު 30 ދުވަހަށް ދަންމާލާނެ ކަމަށް މުޙައްލިލުން ބުނެއެވެ. މިވަގުތު ވެސް ޕާކިސްތާނުން ދަނީ ދެގައުމުގެ ދެމެދުގައި މެދުވެރިއެއްގެ ދައުރު އަދާކޮށް މަޝްވަރާ ކުރަމުންނެވެ.
އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް މި އަސްކަރީ ކެމްޕޭން ފެށީ ފެބުރުއަކީ 28 ގައެވެ. މި ކުރިމަތިލުންތައް ފެށުނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާތަކަކާ ގުޅިގެންނެވެ. މީގެ ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ ބޮޑު ބައެއް ހިއްސާކުރާ ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ