24 ގަޑިއިރު އާގު ބޯޓުތަކަށް މާލޭ ވިޔަފާރިބަނދަރަށް ވަދެވޭ ގޮތް ހަދަނީ

މާލޭ ވިޔަފާރިބަނދަރުން ހިދުމަތް ހޯދަން ބޭނުންވާ އާގުބޯޓު ފަހަރުތަކަށް މާދަމައިން ފެށިގެން 24 ގަޑިއިރު ވަދެވޭގޮތަށް ހެދުމަށް ނިންމާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މީގެ ކުރިން މާލޭ ވިޔަފާރި ބަނދަރަށް ކޮންމެ ކޮންމެ ގަޑިއަކު އާގުބޯޓުފަހަރުތަކަށް ނުވަދެވެއެވެ. މިކަމާ ގުޅޭގޮތުން މިނިސްޓަރު ަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖެއަށް އަންނަ އާގު ބޯޓުފަހަރަށް، މާދަމައިން ފެށިގެން 24 ގަޑިއިރު ޕޯޓް ލިމިޓް އޭރިޔާއަށް ވަދެވޭގޮތަށް ހުޅުވާލުމަށް ވަނީ ނިންމާފައިވާކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިއީ، 1988 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި އުސޫލު ބަދަލުކޮށް، އިޤްތިޞާދީ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ. މީގެ 37 އަހަރުކުރިން ރާއްޖެއަށް ތަމަޅަ ޓައިގަރުންގެ ބަޔަކު ދިން އުދުވާނީ ހަމަލާއާ ގުޅިގެން އެޅި ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އޭގެ ކުރިން 24 ގަޑިއިރު ވިޔަފާރިބަނދަރަށް އާގުބޯޓުފަހަރުތައް ވަނުމުގެ އުސޫލުވަނީ ބަދަލުކޮށްފައެވެ.
މިނިސްޓަރު ވިދާޅުވީ އަލުން ގެނައި މިބަދަލާއެކު، ކުރިންވެސް އުޅަނދުފަހަރަށް ދެމުންއައި ކްލިޔަރެންސް ދިނުމާއި ޕައިލޮޓޭޖުގެ ޚިދުމަތް ދިނުމުގެ ކަންކަންވެސް 24 ގަޑި އިރު ހިނގަމުން ދާނެކަމަށެވެ.
ރާއްޖެއަށް މުދާ ހިފައިގެން އަންނަ ބޯޓުފަހަރުތަކުގެ އަދަދު ވަރަށްބޮޑަށް އިތުރުވެފައިވާއިރު، މިއީ ވަރަށް ރަނގަޅު ހެޔޮ ަދަލަކަށް ވާނޭކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
މަހުންމަހަށް ރާއްޖޭގެ އިމްޕޯޓް އަދި އެކްސްޕޯޓް އިތުރުވަމުން އަންނައިރު، މިދިޔަ އަހަރުގެ ފުރަތަމަ 11 މަސްދުވަހު ރާއްޖެއަށް 50 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ މުދާ އެތެރެކޮށްފައިވާކަަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ