އޭސީސީން އެކަށީގެންވާ މިންވަރާ ގާތަށް ވެސް މަސައްކަތް ނުކުރާ ކަމަށް ބުނެ، އެމްޑީޕީން ބައްދަލުވުމަކަށް އެދިއްޖެ
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަ ހަވާލުކޮށްފައިވާ ޒިންމާ އެކަށީގެންވާ މިންވަރާ ގާތަށް ވެސް، އެ ކޮމިޝަނުން ނުކުރާ ކަމަށް ބުނެ، އެ ކޮމިޝަނާ ބައްދަލުކުރުމަށް އިދިކޮޅު މައި ސިޔާސީ ޕާޓީ އެމްޑީޕީން މިއަދު އެދިއްޖެއެވެ. އޭސީސީގެ ރައީސް އާދަމް ޝާމިލަށް އެމްޑީޕީން ފޮނުވި ސިޓީއެއްގައި ވަނީ، އެ ކޮމިޝަނަށް ގާނޫނުއަސާސީން ހަވާލުކޮށްފައިވާ ޒިންމާކަމުގައިވާ، ދިވެހި މުޖުތަމައަކީ ކޮރަޕްޝަނުން ސަލާމަތްވެފައިވާ ނަޒާހަތްތެރި މުޖްތަމައަކަށް ހެދުމުގައި ވޭތުވެދިޔަ ތަނުގައި އެކަށޭނެ މިންވަރާ ގާތަށްވެސް އޭސީސީން މަސައްކަތް ކޮށްފައި ނުވާކަމަށެެވެ. މީގެ އިތުރުން، ކޮރަޕްޝަން ހިންގާ ފަރާތްތަކާ މެދު ތަފާތުކުރުމެއްނެތި ފިޔަވަޅު އަޅަމުން ނުދާ ކަމަށް ވެސް އެ ޕާޓީން ތުހުމަތުކޮށްފައިވެއެވެ. އަދި ކޮރަޕްޝަންގެ އަމަލުތަކަށް މަގުފަހިނުވާނޭ ގޮތަށް ދައުލަތުގެ ހިންގުން ބައްޓަންކޮށް، ނިޒާމުތައް ހަރުދަނާ ކުރުމުގައި ވެސް އޭސީސީން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށާއި އެކަމާ ހިތާމަ ކުރާ ކަމަށް ސިޓީގައިވެއެވެ. އެހެންވެ، އެ ކަންކަމާ ގުޅޭގޮތުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މަޝްވަރާކުރުމަށް ބޭނުންވާތީ، އޭސީސީގެ މެމްބަރުންނާއެކު ވީހާވެސް އަވަހަށް ބައްދަލުވުމެއް ހަމަޖައްސައިދިނުމަށް އެ ޕާޓީން ވަނީ އެދިފައެވެ. https://sun.mv/220098 މިދިޔަ ހޮނިހިރު ދުވަހު މުހިންމު އިންތިޚާބުތަކެއް ބޭއްވިއިރު، އެ އިންތިޚާބުތަކަށް ވެރިކަންކުރާ ޕީއެންސީން ނުފޫޒު ފޯރުވާކަމުގެ ތުހުމަތުތައް އޮތީ ފެންމަތިވެފައެވެ. އެ މައްސަލަތައް ބެލުމަށް ގޮވާލައި، އެމްޑީޕީން އޭސީސީއަށް ގޮސްފައިވެއެވެ. އެމްޑީޕީން، އޭސީސީ ކައިރީގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން: އެކަށީގެންވާ މިންވަރާ ގާތަށް ވެސް އޭސީސީއަށް މަސައްކަތް ނުކުރެވޭ ކަމަށް އެ ޕާޓީން ބުނޭ -- ފޮޓޯ/ އެމްޑީޕީ ކައުންސިލް އިންތިޚާބާއި، މައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމުގެ ވޯޓެއް ހޮނިހިރު ދުވަހު ބޭއްވިއިރު، އެ ވޯޓުތަކާ ގުޅުންހުރި ކޮރަޕްޝަނުގެ މައްސަލަތަކެއް ބަލާ ކަމަށް، އޭސީސީއާ ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ކެމްޕޭން ދުވަސްވަރު ބުނެފައިނުވެއެވެ. ނަމަވެސް ކެމްޕޭން މަރުހަލާ ނިމުނުތާ ކުޑައިރުކޮޅެއް ފަހުން އޭސީސީން ވަނީ، ކެމްޕޭނުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ފަދަ މައްސަލަތައް ބަލަމުން އަންނަކަން ހާމަކޮށްފައެވެ. އިންތިޚާބުތަކާ ގާތްކޮށް އާންމުންނަށް ލުއިތައް ދިނުމުގެ އިތުރުން، މަޝްރޫއުތަކުގެ ބިންގާ އެޅުމާއި، ސަރުކާރު ކުންފުނިތަކަށް މުވައްޒަފުން ނެގުމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކުރެއެވެ. https://sun.mv/218635 ކޮރަޕްޝަނަކީ ރާއްޖޭގައި ބޮޑުވެފައި އޮތް މައްސަލައެކެވެ. އެކިއެކި މަޝްރޫއުތަކުން ވެސް ކޮރަޕްޝަން ހިންގާކަމުގެ ޝަކުވާ ބޮޑެވެ. އަދި، އެފަދަ މައްސަލަތައް އޭސީސީން އެންމެ އެކަށީގެންވާ ގޮތުގައި ތަހުގީގުނުކުރާކަމުގެ ޝަކުވާ ވެސް އާންމުން ކުރެއެވެ. އިންތިޚާބުތަކާ ގުޅުވައި ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލަތައް ފެންމަތިވާ މިންވަރު އިތުރުވެއެވެ. އެގޮތުން، ވަޒީފާއާއި ފައިސާ ބެހުން ފަދަ ކަންކަމުގެ ތުހުމަތު ކޮންމެ އިންތިޚާބަކާ ދިމާކޮށް ވެސް ކުރެއެވެ. އެކަމަކު، އެ ފަދަ މައްސަލަތަކުގައި ފިޔަވަޅު އެޅޭ މިންވަރު މަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ