އެމްޑީޕީގެ ހިންގުން ފަސް ލީޑަރުންގެ ކޮމިޓީއަކަށް
އެމްޑީޕީ ހިންގުމާ ގުޅޭ ބޮޑެތި ކަންތައްތަކުގައި ޗެއާޕާސަނަށް ލަފާ ދިނުމަށް އެ ޕާޓީގެ ފަސް ލީޑަރުންގެ ކޮމިޓީއެއް އެކުލަވާލައި ބޮޑެތި ބަދަލުތަކެއް ގެނައުން ފާސްކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބާއްވަން ނިންމައިފި އެވެ.މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ފަހު، އެމްޑީޕީގެ އެެތެރޭގައި ވަނީ ދެބަސްވުންތަކެއް އުފެދިފަ އެވެ. އެ އިންތިހާބުތަކުން ކުރި ހޯދައިފައިވަނީ އެމްޑީޕީން ކަމަށްވާއިރު، އެ ކާމިޔާބީގެ ފަހަތުގައި ވަނީ ކޮން ލީޑަރެއް ކަމާ މެދު އެ ޕާޓީ ތެރޭގައި ވަނީ ބަހުސް އުފެދިފަ އެވެ.އެމްޑީޕީގެ ކާމިޔާބީގެ އުފަލުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ކުރީގެެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަ ދައްކަވަން ފުރުސަތު ނުދޭ ކަމަށް ބުނެ، ޕާޓީގެ ތެރޭގައި މައްސަލަ ގޯސްވިއެވެ. އަދި ނަޝީދަށް ތާއިދުކުރައްވާ މެންބަރުން އެ ޖަލްސާ ބޮއިކޮޓް ކުރިއެވެ.އެ މައްސަލައިގައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން އެމްޑީޕީ ބައިބައިވި ގޮތަށް، އަނެއްކާވެސް ބައިބައިވެދާނެ ކަމުގެ ކަންބޮޑުވުން އެ ޕާޓީ ތެރޭގައި ވަނީ އުފެދިފައެވެ. ނަމަވެސް ރޭ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ހިޔާލުތަފާތުވުންތައް ހައްލުކޮށް މިހާރު އެއްގަލަކަށް އަރާފައިވާ ކަމަށް ވިދާޅުވެފަ އެވެ.އެމްޑީޕީގެ އެތެރޭގެ ގުޅުން ވަރުގަދަ ކުރުމަށް ނަޝީދަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދާއިމީ މެންބަރުކަން ދިނުމަށާއި އަދި އެމްޑީޕީ ހިންގުން ލީޑަރުންގެ ފަސް މެންބަރުން ހިމެނޭ އިންތިގާލީ ކޮމިޓީއަކާ ހަވާލު ކުރުމަށް މިހާރު ވަނީ އެއްބަސްވެފަ އެވެ.އެ މެންބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވަނީ، ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްގަފުރު މޫސާ އާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި އެޑްވައިޒަރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ.މި ކޮމިޓީއާ އެމްޑީޕީ ހިންގުން ހަވާލުކުރަން ނިންމާފައިވަނީ، ދާއިމީ ޗެއާޕާސަނެއް އިންތިހާބު ކުރެވެންދެންނެވެ.އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނެ އެވެ. އެނގިފައިވާ ގޮތުގައި، އެ ބައްދަލުވުމުގައި މި ފަސް ލީޑަރުންގެ ކޮމިޓީ ނެގުމާއި ކުރީގެ ރައީސުންނަށް ގައުމީ މަޖިލީހުގެ މެންބަރުކަން ދިނުމަށް ގަރާރެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ސިއްރުކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ