ފަހަތުން އަރައި ވިކްޓަރީ ބަލިކޮށް، ޓީސީން އެފްއޭ ކަޕްގެ ސެމީއަށް

އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން 3-1 އިން މޮޅުވެ، ޓީސީ ސްޕޯޓްސް ކްލަބުން މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަތަކުން ޖާގައެއް ކަށަވަރުކޮށްފިއެވެ. ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ޓީސީން ކާމިޔާބުކުރީ ފުރަތަމަ ހާފުގައި ލަނޑެއް ސޮއްސާލައި، އެއް ލަނޑުގެ ފަހަތުގައި އޮވެގެން ދެވަނަ ހާފަށް ނުކުމެއެވެ. މިއީ ތަޖުރިބާކާރު ކޯޗު މުހައްމަދު ސިޔާޒް (މޯހަން)ގެ އިރުޝާދުގެ ދަށުން ވިކްޓަރީން ކުޅުނު ފުރަތަމަ މެޗަށް ވާއިރު، އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ވަރަށް ރޭވުންތެރި ކުޅުމެއް ދައްކާފައެވެ. ނަތީޖާއެއްގެ ގޮތުން ހާފު ނިމެން އުޅެނިކޮށް، ޓީސީގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އަހުމަދު ރިޒްވާން (ރިޒޭ) ވަނީ ވިކްޓަރީއަށް ލީޑު ނަގައިދީފައެވެ. އެފްއޭ ކަޕު 2026 ގައި ވިކްޓްރީއާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: ޝާތިއު އަބްދުﷲ ނަމަވެސް، ދެވަނަ ހާފު ފެށިގެން ހަތަރު މިނިޓް ތެރޭގައި ޓީސީން ވަނީ މެޗުގެ އޮއިވަރު ބަދަލުކޮށްލާފައެވެ. ޓީސީގެ ނައިޖީރިއާ ފޯވާޑް އިބްރާހިމް ޖިމޯ އޭރިއާ ތެރެއަށް ނެގި ނުރައްކާތެރި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި، ވިކްޓަރީގެ އަލީ ޝާމިސް (ތޮއްޕޭ) އަތުން ބައިކޮޅަށް ވަން ގޯލާއެކު ޓީސީއަށް އުންމީދު އާވިއެވެ. އޭގެ ފަހުން ވިކްޓަރީގެ ރިޒޭ އާއި ލެޗްނީއަށް ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވިއިރު، ޓީސީން މެޗު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިންގެ ހިތްވަރުންނެވެ. އެގޮތުން 88 ވަނަ މިނިޓްގައި އައިހަމް ހަމްދޫން ލަނޑެއް ޖަހައި ޓީސީއަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިންއިރު، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މުހައްމަދު ދާނިޝް އިބްރާހިމް ވަނީ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައި ޓީސީއަށް ސެމީގެ ޔަގީންކަން ހޯދައިދީފައެވެ. މި މޮޅާއެކު ޓީސީ ސެމީ ފައިނަލަށް ދަތުރުކުރިއިރު، އެ ޓީމު ސެމީގައި ބައްދަލުކުރާނީ މިރޭ ކުޅޭ ކުއާޓާ ފައިނަލުގެ ފަހު މެޗުން މޮޅުވާ ޓީމަކާއެވެ. އެއީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ނުވަތަ ބުރު ސްޕޯޓްސް ކްލަބެވެ. ސެމީ ފައިނަލުގެ މި މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ ރޭގައެވެ. ޓީސީން އެންމެ ފަހުން 2022 ވަނަ އަހަރުގެ މުބާރާތުން ކެޓީ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެންނެވެ. ނަމަވެސް މިފަހަރު އެ ޓީމުން ވަނީ ވަރުގަދަ އަޒުމެއްގައި ސެމީއަށް ދަތުރުކޮށް، މުބާރާތުގެ ފައިނަލަށް ދިއުމުގެ އުންމީދު ބޮޑުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ