ގޭބިސީ އާމްދަނީ އާއި ހަރަދުކުރާ ގޮތުގެ ސާވޭ ހެދުމަށް މީހުން ހޯދަނީ

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ކުރިއަށްގެންދާ މިއަހަރުގެ ގޭބިސީ އާމްދަނީ އާއި ހަރަދުކުރާ ގޮތުގެ ސާވޭ ހެދުމަށް މީހުން ހޯދުމަށް އިއުލާނުކޮށްފިއެވެ.
ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނީ މާލެއާއި އަތޮޅުތެރޭގައި ކުރުމަށް ހަމަޖެހިފައިވާ މި ސާވޭގައި މާލޭގައި ހަރަކާތްތެރިވުމަށް 22 އެނިއުމަރޭޓަރުން ބޭނުންވާކަމަށެވެ. މި ސާވޭގައި ބައިވެރިވުމަށް ފުރުސަތު ދެނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތައުލީމް ހާސިލް ކޮށްފައިވާ، އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނަށެވެ. ސާވޭއަށް މީހުން ނެގުމުގައި ބޯހިމެނުން ނުވަތަ މިފަދަ ސަރވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށާއި އަތޮޅުތެރެއަށް ގޮސް މަސައްކަތް ކުރެވޭ މީހުންނަށް އިސްކަންދެއެވެ.
ތަފާސްހިސާބާ ބެހޭ އިދާރާއިން ބުނީ، އެނިއުމަރޭޓަރުންގެ ގޮތުގައި ހޮވޭ މީހުންނަށް 5 ދުވަހުގެ ތަމްރީނެއް ދިނުމަށްވަނީ ހަމަޖެހިފައިއެވެ. ތަމްރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/150 ރުފިޔާ، އަދި ފީލްޑް މަސައްކަތުގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް -500 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ފުޑް އެލަވަންސްގެ ގޮތުގައި 300 ރުފިޔާ އަދި ފޯނު އެލަވަންސް ގެ ގޮތުގައި ދުވާލަކަށް 30 ރުފިޔާ ލިބެއެވެ.
މިސަރވޭގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން https://forms.gle/NrXCxVdAAziaXWu6A  އިން އޮންލައިންކޮށް އަންނަ ބްރާސްފަތި ދުވަހުގެ ދޭއް ޖެހުމުގެ ކުރިން  އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް ފޮނުވުމަށް ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ